ބޮޑު އަގު ނަގާ ޓެކްސީތަކާއި ސެންޓަރުތަކަށް ފިޔަވަަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާސްޕޯޓް މިނިސްޓްރީން ދީފި އެވެ.
ޓްރާސްޕޯޓުން މިހެން ބުނެފައިވަނީ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް އެ މިނިސްޓްރީގައި ސެންޓަރުތަކުން އެދުނު އެދުމާ އެއްގޮތަށް އެ ހުއްދަ ދީފައިނުވާ ކަމަަށް ބުނެ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި ބޮޑު އަގުގައި ދަތުރުތައް ކުރަން ފަަށާފައި ވަނިކޮށް ދެންމެ ނެެރުނު ނޫސްބަޔާނެއްގައެވެ. ހުކުރު ދުވަހުގެ ރެއިން ފެށިގެން ޓެކްސީތަކުން ގެންދަނީ ދަތުރުތަކުގައި ބޮޑު އަގު ނަގަމުންނެވެ. އެކަމާއި ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޓެކްސީ ހުއްދަ ދިނުމާއި އަގު ކަނޑައެޅުމަކީ ހިދުމަތް ހޯދާ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަަށެވެ.
އަދި ތެލުގެ އަގަށް އައި ބަދަލާއެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް އެދި 16 ސެންޓަރެއް ހިމެނޭ ގޮތުން މާޗް ހަތްވަނަ ދުވަހު ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ޓެކްްސީ ހިދުމަތުން އަގު ނަގާނެ ގޮތާ ގުޅޭގޮތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑަައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ނުނެގުމަށާއި ޓެކްސީ ހިދުމަތަށް ބުރޫނާރާނެ ގޮތަށް ހިދުމަތް ދެމުން ގެންދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގަވާއިދުން ބާރު ލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޓެކްސީ ޑްރައިވަރުން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން އަދި އެ ރޭ ޓެކްސީ ހިދުމަތް ހުއްޓާލުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ތަކުލީފު ކުރިމަތިވީ ކަމަށް ބުނެފައެވެ.
ސެންޓަރުތަކުން ކަނޑައެޅި އަގުތައް:
- - މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް - 25 ރުފިޔާ
- - ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް - 25 ރުފިޔާ
- - ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
- - މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
- - އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް - 80 ރުފިޔާ
- - އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް - 80 ރުފިޔާ
- - ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- - މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ
ޓެކްސީ ސެންޓަރު ތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތްދޭއިރު ރޭގަނޑު ދަންވަރު 12:00ގެ ފަހުން ކުރާ ކޮންމެ ދަތުރަކަށް އިތުރު ފަސް ރުފިޔާ ނެގުމަށް ނިންމާފައިވެ އެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.
ޓެކްސީކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުންވެސް ވަނީ ދީފައެވެ. ފުލުހުންގެ ރޯޑް ޕޮލިސް ފޭސްބުކް ޕޭޖުގައި ފުލުހުން ވަނީ ޓެކްސީ ޑްރައިވަރުންނަށް ނެގޭނެ އަގުތައް ހާމަކުރުމަށްފަހު ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓްގައި، ޓެކްސީތަކުން ނަގަންޖެހޭ އަގުތައް ހަނދާންކޮށްދީފައިވެ އެވެ.
ފުލުހުންގެ ޕޯސްޓުގައި ބުނެފައިވަނީ ކަނޑައަޅާފައިވާ އަގުތަކުގެ އިތުރަށް ޓެކްސީތަކުގެ ޑިކީއަށް ނުވަތަ އެތެރެއަށް އަރުވާ ލަގެޖަށް އިތުރު އަގު ނެގުމަކީ މަނާ ކަމެއް ކަމަށެވެ.
ޓެކްސީ ކުރުމުގެ ގަވައިދުގައިވާ ގޮތުން އެ ގަވައިދާ ހިލާފުވާނަމަ ނަސޭހަތާއި އިންޒާރު ދެވިދާނެ އެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުގައި ފުރަތަމަ ފަހަރަށްނަމަ 500 ރުފިޔާ އަދި ދެވަނަ ފަހަރުނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރެވިދާނެ އެވެ. ކުށް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ ބާރުވެސް މިނިސްޓްރީ އަށް ދީފައިވެ އެވެ.