ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ. މިއީ މާލެ ސަރަހައްދަށް ހާއްސަކޮށްގެން ގެނައި ބަދަލެކެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މިރޭ ބުނީ ޓެކްސީ ދަތުރުތަކަށް ކުރަން ޖެހޭ ތެލުގެ ހަރަދު ބޮޑުވެފައިވާތީ އެކަމަށް ރިއާޔަތްކޮށް ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށް އެ އަގުގައި ކުރުމުގެ ހުއްދަ ދޭ ކަމަށެވެ.
އެގޮތުން މާލެ އާއި ހުޅުމާލެ ފިޔަވަހި އެކެއް އަދި ފިޔަވަހި ދޭއްގެ އެތެރޭގެ ދަތުރަކަށް ދެން ނަގާނީ 30 ރުފިޔާ އެވެ. މާލެ އިން ހުޅުމާލެ ފިޔަވަހި އެކަކަށް އަދި ހުޅުމާލެ ފިޔަވަހި އެކަކުން މާލެ އަށް ދަތުރެއް ކޮށްދޭނީ 85 ރުފިޔާ އަށެވެ.
މާލެ އިން ހުޅުމާލެ ފިޔަވަހި ދެއަކަށް އަދި ހުޅުމާލެ ފިޔަވަހި ދެއަކުން މާލެއަށް ދަތުރެއް ކޮށްދޭނީ 100 ރުފިޔާއަށެވެ. މާލެ އިން ހުޅުލެއަށް އަދި ހުޅުލެއިން މާލެ އަށް ދަތުރެއް ކޮށްދޭނީ 70 ރުފިޔާއަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. ހުޅުމާލެ ފިޔަވަހި ދެއަކުން ހުޅުލެއަށް އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި ދެއަކަށް ދަތުރެއް ކޮށް ދޭނީ 85 ރުފިޔާއަށެވެ. ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުމާލެ ފިޔަވަހި ދެއަކަށް އަދި ހުޅުމާލެ ފިޔަވަހި ދެއަކުން ހުޅުމާލެ ފިޔަވަހި އެކަކަށް 40 ރުފިޔާއަށެވެ.
ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރީންވެސް ޓެކްސީތަކުން ދަތުރު ކުރަމުން އައީ ބޮޑު އަގުގައެވެ. އެކި ޓެކްސީތަކުން ދަތުރުތަކަށް ނަގަމުން އައީ އެކި އަގުތަކެވެ. އެކަމާއި ގުޅިގެން އާންމުންގެ ޝަކުވާތައް ބޮޑުވުމުން ބޮޑު އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނުން ފިޔަވައި އެހެން އެއްވެސް ކަމެއް މިނިސްޓްރީއަކަށް ނުކުރެވުނެވެ.
މި ސަރުކާރުގައި ހިންގުން އެންމެ ބަލިކަށި މިނިސްޓްރީތަކުގެ ތެރޭގައި ޓްރާސްޕޯޓް މިނިސްޓްރީ ހިމެނެއެވެ. ހިންގުން ބޮއްސުންލައިފައިވާ އެ މިނިސްޓްރީއާ ގުޅިފައިވާ އެތައް ޝަކުވާތަކެއް ވެއެވެ.