ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ޑްރައިވަރުން ސިޓީ ފޮނުވައިފި އެެވެ.
ޑްރައިވަރުން ފޮނުވި ސިޓީގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ ހުރިހާ ޓެކްސީ ސެންޓަރުގެ އިސްވެރިންނާއި، ޓެކްސީ ހިދުމަތުގެ ދާއިރާގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުންނާ އެކީގައި މިިދިޔަ މަހު 22 ވަނަ ދުވަހު ހުޅުމާލޭގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި 16 ޓެކްސީ ސެންޓަރަކުން ބައިވެރިވެފައިވެ އެވެ.
އެ ބައްދަލުވުމުގައި ޓެކްސީ ދަތުރުތަކުގައި މީޓަރު ހަރުކޮށްގެން އަގު ނެގުމުގެ އިންތިޒާމު ވީ އެންމެ އަވަހަށް ތަންފީޒު ކުރުމަށް ހުރިހާ ޓެކްސީ ސެންޓަރުތަކުގެ އިއްތިފާގުން ފާސްވެ އެކަމަށް މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
"ޕްރައިވެޓް ސެކްޓާ އަކުން ޕަބްލިކް ހިދުމަތެއްގެ ގޮތުގައި ދެމުންގެންދާ މި ޓެކްސީ ހިދުމަތުގައި މީޓަރު ހަރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާއި އަގު ކަނޑަ އެޅުމަށް، ހިދުމަތުގައި އުޅޭ ޑްރައިވަރުންނާއި މަޝްވަރާކޮށް، ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ އިހުތިޔާރުގެ ތެރެއަށް ލިބިގެންވާ
ކަމަށް، ހުރިހާ ޑްރައިވަރުންނާއި އަޅުގަނޑުމެން ހުރިހާ ޓެކްސީ ސެންޓަރު ތަކުންވެސް ގަބޫލުކުރަން." ސިޓީގައި ބުނެފައިވެ އެވެ.
ޓެކްސީ ހިދުމަތުގެ ދާއިރާ އަށް ދިމާވެފައިވާ އެންމެހާ ގޮންޖެހުންތަކާއި، ހިދުމަތުގައި އުޅޭ އެންމެހާ ޑްރައިވަރުންގެ ގެއްލިފައިވާ ހައްގު
ތަކާއި، ޑްރައިވަރުންނަށް ގާނޫނުން ލިބެންޖެހޭ ހައްގުތަކުން އެންމެހާ ޑްރައިވަރުން މަހްރޫމްވެފައިވާ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް އަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ޑްރައިވަރުން، މިނިސްޓްރީއާއި މެދު ކުރާ ތުހުމަތު ތަކާއި ދާއިރާގެ
ހިދުމަތުގައި އުޅޭ އެންމެހާ ފަރާތްތަކަށް މިނިސްޓްރީއާއި މެދު ގެއްލިފައިވާ އިތުބާރާއި އުފެދިފައިވާ ހިތްނުތަނަވަސްކަމާއި، ޑްރައިވަރުންނަށް ދިމާވާ ދަތި އުދަގޫތަކާއި، ޓެކްސީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރުވެސް ގެއްލިފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އެހެންކަމުން ހުރިހާ ޓެކްސީ ސެންޓަރު ތަކުގެ އިސްވެރިންނާއި ކޮންމެ ސެންޓަރަކުން އިސްކޮށް އުޅޭ މަދުވެގެން ދެ ޑްރައިވަރުންނާއި އެކު، މިނިސްޓަރު ނަހުލާ އާއި އެކު މަޝްވަރާ ބައްދަލުވުމެއް އިންތިޒާމު ކޮށްދިނުމަށް ވެސް ސިޓީގައި އެދިފައިވެ އެވެ. ސިޓީ ލިބޭތާ ފަސް ދުވަހުގެ ތެރޭގައި ބައްދަލުވުން ހަމަނުޖައްސައިފިނަމަ ހުރިހާ ޑްރައިވަރުން މިނިސްޓަރާ ބައްދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:
- - މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް - 25 ރުފިޔާ
- - ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް - 25 ރުފިޔާ
- - ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
- - މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
- - އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް - 80 ރުފިޔާ
- - އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް - 80 ރުފިޔާ
- - ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- - މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- - ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ
ޓެކްސީ ސެންޓަރު ތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތްދޭއިރު ރޭގަނޑު ދަންވަރު 12:00ގެ ފަހުން ކުރާ ކޮންމެ ދަތުރަކަށް އިތުރު ފަސް ރުފިޔާ ނެގުމަށް ނިންމާފައިވެ އެވެ.
ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ އަގުތައް ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު އަގު ކަނޑައަޅައި، އެ އަގަށް ދަތުރުކުރުމަށެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.