ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ނަހުލާ ކޮމިޓީއަށް ހާޒިރު ކުރަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް އެކަމަނާ ހާޒިރު ކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.

މިނިސްޓަރު ނަހުލާ އެ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށް ޖާބިރު އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހަށް އޭނާ ފޮނުއްވި ސިޓީއެއްގަ އެވެ.

ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި ހުންނެވި ޖާބިރު ފޮނުއްވި ސިޓީގައި ވަނީ ރަށްރަށަށް އަރައި ފޭބުމުގައި ބަނދަރުތައް ބޭނުން ކުރަމުން ދަނީ އެއްވެސް ހަމައެއް ލަމައެއް ނެތިކަން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި މަސްދޯނި ފަހަރުތަކުގައި ބިދޭސީން މަސައްކަތް ކުރުން މަނާވިޔަސް އެ ކަން ވެސް ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އެ މައްސަލަތައް ދިމާވެފައި ވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެކުލާވަލާން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ފުރިހަމަ ނުވުމުންނެވެ. އެހެންކަމުން މިނިސްޓަރުގެ ޒިންމާ އަދާނުކުރެވޭތީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ބޭނުންވާ ކަމަށް ސިޓީގައި އޭނާ ވިދާޅުވެފައިވެ އެވެ.

ނަހުލާ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްދޭން އެދިފައިވާއިރު، އެކަމަނާ މި ވަގުތު ހުންނެވީ ފިރިކަލުން އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހިންގަވާ ސަން އައިލެންޑް ރިސޯޓުގަ އެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާ ގޮތުގައި ނަހުލާ ރިސޯޓަށް ވަޑައިގެންނެވީ ރިސޯޓު އޯނަރުންނަށް އޮންނަ ހުއްދައިގެ ތެރެއިންނެވެ.