ލައިފްސްޓައިލް

ހާޓް އެޓޭކް ޖެހުމުގެ ކުރިން ކުރެވޭ ތަޖުރިބާ

ހާޓް އެޓޭކެއް އަންނަނީ ހަމަ ކުއްލިއަކަށެވެ. ހާޓް އެޓޭކް ޖެހޭ މީހުންނަށް އެ ވަގުތު ކުރެވޭ ތަޖުރިބާގައި ހަމަ ރީތިކޮށް ހުއްޓާ ކުއްލިއަކަށް މެޔަށް ވަރަށް ވަރުގަދަ ތަދެއް އަރާފައި އެ ތަދު އަތަށާއި ކަރަށް ފެތުރިގެން ދެއެވެ.

މިއީ ހާޓް އެޓޭކް ޖެހޭ ވަގުތު އެ ޖެހޭ މީހާއަށް ކުރެވޭ އިހްސާސް ކަމަށްވިޔަސް ހާޓް އެޓޭކް ޖެހުމުގެ މަހެއްހާ ދުވަސް ކުރިން އެމީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ކަހަލަ އިންޒާރުތައް ދެ އެވެ. ނަމަވެސް ގިނަ މީހުންނަށް އެއީ ހާޓް އެޓޭކެއްގެ ނުރައްކާތެރި ރަނގަބީލުކަން ދެނެގަންނަން ނޭނގެނީ އެވެ.

ހާވާޑް ހެލްތު އިން އެމެރިކާގެ އެކި ސިޓީތަކުގައި ކުރި ސާވޭތަކުގައި ޖަވާބުދިން 500 އަށް ވުރެ ގިނަ އަންހެނުންނަކީ ހާޓް އެޓޭކެއް އައިސް ސަލާމަތްވެފައި ތިބި މީހުންނެވެ.

މި ސާވޭގެ ނަތީޖާއިން ހާމަވީ ގޮތުގައި ހާޓް އެޓޭކް ޖެހުނު އަންހެނުންގެ ތެރެއިން 95 ޕަސެންޓް މީހުންނަށް އެ އެޓޭކް އައުމުގެ މަހެއްހާ ދުވަސް ކުރިން އެމީހުންގެ ހަށިގަނޑުގައި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އަލާމާތްތަކެއް ފެނިފައި ވެއެވެ. އެގޮތުން 95 ޕަސެންޓް މީހުންނަށް ތަޖުރިބާ ކުރެވުނު ދެކަމަކީ ހަށިގަނޑުގައި ހަކަތަ ނެތުމާއި ނިދަން އުނދަގޫ ވުމެވެ.

ބައެއް އަންހެނުން ބުނެފައިވާ ގޮތުގައި އެމީހުން ވަރުބަލިވާ ވަރުން އަމިއްލަ އެނދުގެ ތަންމަތިވެސް އަޅާ ނުލެވޭހާ ވަރުބަލިކަން އިހްސާސް ކުރެވުނެވެ. އެނދު ތަންމަތި ވެސް އެޅީ އެތައް ފަހަރަކު މަޑުކޮށްފައި ވަރުބަލި ފިލުވައިގެން ކަމަށެވެ.

ފިރިހެނުންގެ ތެރެއިން ގިނަ މީހުން ބުނީ ހާޓް އެޓޭކްގެ މަހެއްހާ ދުވަސް ކުރިން މެޔަށް އުނދަގޫތަކެއް ވިކަމަށެވެ. މެޔަށް ތަދުވުމާއި މެޔަށް ޕްރެޝަރު ބޮޑުވުން، މޭ ފިތޭ ކަހަލަ އިހްސާސެއް ކުރެވުނު ނަމަވެސް އެއީ މޭގައި ރިހުން ކަމަކަށް ގަބޫލު ނުކުރެވުނު ކަމަށް ސާވޭ ކުރި ގިނަ މީހުން ބުންޏެވެ.

ހާޓް އެޓޭކް ޖެހުމުގެ މަގުމަތީގައި ތިބިއިރު ވެސް ސުވާލުކުރި އަންހެނުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް މޭގައި ރިހުން އިހްސާސް ނުކުރެވޭ ކަމަށް އެމީހުން ބުނެފައި ވެއެވެ.

މޭގައި ރިހުމުގެ ބަދަލުގައި ގިނަ އަންހެނުންނަށް ހާޓް އެޓޭކް އަންނަ ވަގުތު އިހްސާސް ކުރެވިފައިވަނީ ނޭވާ ކުރުވުމާއި ގައިން ވަރުދޫވުން، ދާހިތްލުން، މޭނުބައިކުރުން ފަދަ ކަންކަމެވެ.