އަންހެނަކު ކުއްޖަކު ވިހަން އެންމެ "ރައްކާތެރި" އުމުރަކީ އުމުރުން 23 އަހަރާއި 32 އަހަރާ ދެމެދު ކަމަށް ސައިންސްވެރިން ބުނެފި އެވެ. އަންހެންމީހާގެ ރަހިމުގައި ކުއްޖަކު ގަރުބަގަނެ ހެދިބޮޑުވާއިރު އެ ކުއްޖާގެ ސިކުނޑި އާއި އެއާ ގުޅިފައިވާ ބައިތައް އަދި ވިސްނުން އެންމެ ރަނގަޅަށް ތަރައްގީ ވަނީ އަދި މި ބައިތަކަށް އެންމެ ކުޑަކޮށް ނުރައްކާ އޮންނަނީ މި އުމުރުގައި ވިހޭމަ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.
މިއީ ހަންގޭރީގެ ބުޑަޕެސްޓްގެ ސައިންސްވެރިންގެ ހޯދުމެކެވެ. މި ހޯދުމުގައި މާބަނޑު އަންހެނުންގެ 31،128 މީހުން ރެކޯޑްތައް އެނަލައިޒްކޮށްފައި ވެއެވެ. މި އެންމެންނަކީ ވެސް ނޮން-ޖެނެޓިކް ޑިވެލޮޕްމަންޓަލް ޑިސްއޯޑާޒްގެ މައްސަލަތައް ދިމާވެފައި ތިބި މީހުންނެވެ.
މި މައުލޫމާތު އަޅާކިޔާފައިވަނީ ހަންގޭރީގައި 1980 އިން 2009 އާ ދެމެދު ވިހޭ 2.8 މިލިއަން މީހުންގެ މައުލޫމާތާ އެވެ.
މި ޓީމު އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މައިމީހާ ބަނޑުތެރޭގައި އޮންނަ ކުއްޖާއަށް އެންމެ އާއްމުކޮށް ދިމާވާ ކަމަކީ ސާކިއުލޭޓަރީ ޑިސްއޯޑާ އެވެ. އަދި އުމުރުން 20 އަހަރުން ދަށުގެ މައިންނަށް ލިބޭ ދަރިންގެ ސެންޓްރަލް ނާވަސް ސިސްޓަމްގައި އައިބުތައް ހުންނަކަން ވެސް ފާހަގަ ކުރެވުނެވެ.
މުޅި ދުނިޔޭގައި އުފަންވާ ތިން ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ ކުދިންނަށް ޑިވެލޮޕްމަންޓަލް ޑިސްއޯޑާޒްކުރިމަތިވެ އެވެ. އަލަށް އުފަންވާ ކުދިން ގިނަ ފަހަރަށް މަރުވަނީ މި ސަބަބާ ހުރެ އެވެ.
މި ދިރާސާގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ ސެމެލްވީސް ޔުނިވަސިޓީގެ އޮބްސްޓެޓްރީޝިއަން ޕްރޮފެސަރު ބޮގްލާކާ ޕެތު އާއި އޭނާއާއެކު މަސައްކަތް ކުރާ ޑޮކްޓަރުންނެވެ.
"އަހަރެމެން އެންމެ ކުރިން މަސައްކަތް ކުރީސިކުނޑީގެ އައިބުތައް އެންމެ މަތީ ކޮންމެ 10 އަހަރެއްގެ ތެރޭ އުފަންވާ ކުދިންނެއްގެ ތޯ ބެލުމަށް. އެގޮތުން ހޯދި ހޯދުމުން އެނގުނީ ބަލިވެ އިނދެ ވިހަން އެންމެ ރަނގަޅު އުމުރަކީ 23 އަހަރާއި 32 އަހަރާ ދެމެދުކަން،" ޕްރޮފެސަރު ޕެތު ވިދާޅުވި އެވެ.
މި ހޯދުމުން ދެއްކި ގޮތުގައި ނޮން-ކްރޮމޮޒޯމަލް އެބްނޯމަލްޓީޒް ހުންނަ ކުދިން ލިބުމުގެ ފުރުސަތު އުމުރުން 22 އަހަރުން ދަށުގެ މީހުންގެ 20 ޕަސެންޓް އިތުރެވެ. އަދި 32 އަހަރުން މަތީގެ މީހުންނަށް މި ފުރުސަތު 15 ޕަސެންޓް އިތުރެވެ.
މާ ޅަ އުމުރުގައި ދަރިން ހޯދާ މަންމައިންގެ ބަނޑުގައި އޮންނަ ކުއްޖާގެ ސެންޓްރަލް ނާވަސް ސިސްޓަމް އުފެދުމުގައި ރަނގަޅަށް ފުރިހަމަނުވެ ގިނަ އައިބުތަކެއް ލުމުގެ ފުރުސަތު އޮންނަ ކަމަށް މި ހޯދުމުގައި ބުނެފައި ވެއެވެ.
އުމުރުން 33 އަހަރަށް ވުރެ ދޮށީ މަންމައިންގެ ބަނޑުގައި އޮންނަ ދަރިންނަށް ކަންފަތް، ލޯ، ބޯ އަދި ކަރުގައި ކޮންޖެނިޓަލް ޑިސްއޯޑާއެއް ހުރުމުގެ ނުރައްކާ އެވްރެޖްކޮށް ޑަބަލް އަށް ވުރެ އިތުރެވެ. އަދި އުމުރުން 40 އަހަރުން މަތީގެ އަންހެނުންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވެސް މި ނުރައްކާ އެހާ ބޮޑަށް އޮވެ އެވެ.