ލައިފްސްޓައިލް

ދަރިފުޅު މަރުވުމުން އޭނާގެ 12 ދަރިން ބެލުމުގެ ޒިންމާ އުފުލާ މާމައެއް

ޕެޓްރީޝިއާ ޕައުންސޭއަށް އޭނާގެ ދަރިފުޅު ނިކީތާ ވޮޝިންޓަން މަރުވި ދުވަސް ހަނދާނަށް އަޔަސް މުޅި މީހާ އައްސިވެ ހަރަކާތް ކެނޑިފައި އިނދެވެ އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހެވެ.

ނިކީތާ 12 ވަނަ ދަރިފުޅަށް ބަލިވެ އިނދެ ވިހަން ވެގެން ހޮސްޕިޓަލަށް ދިޔައީ އެކަންޏެވެ. ސަބަބަކީ އޭނާގެ ފިރިމީހާ ހުރީ ޖަލުގައި ކަމަށް ވެފައި އޭނާގެ 12 ދަރިންނާ ހަވާލުވެގެން އޭނާގެ މަންމަ ޕެޓްރީޝިއާ އަށް ގޭގައި ހުންނަން ޖެހުމުންނެވެ.

ނަމަވެސް އެ ދުވަހަކީ ނިކީތާ ދުނިޔޭގައި ހުއްޓާ ފެންނާނެ އެންމެ ފަހު ދުވަސްކަން ޕެޓްރީޝިއާ އަށް އެނގޭނަމަ ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ނިކީތާއާ އެކު ހޮސްޕިޓަލަށް ދިޔައީ ހެވެ. ނަމަވެސް މިހާރު ދެން އެކަމާ ދެރަވިޔަސް ކުރާނެ ކަމެއް ޕެޓްރީޝިއާ އަކަށް ނެތެވެ. އެކަމަކު އޭނާގެ ދަރިފުޅު މަރުވި ސަބަބު ނޭނގުމަކީ ޕެޓްރީޝިއާގެ ކަންބޮޑުވުންތައް އިތުރުވާ ކަމެކެވެ.

އެމެރިކާގެ ޑީޓްރޮއިޓްގެ މި މާމައަށް މިހާރު ޖެހިފައިވަނީ ދަރިފުޅު ދޫކޮށްފައި ދިޔަ 12 ދަރިން ބެލުމުގެ ޒިންމާ ކޮނޑުގައި އަޅާށެވެ. އަދި ޕެޓްރީޝިއާ ގެންދަނީ އެ ޒިންމާ އުފުލަމުންނެވެ. ހުރިހާ ކުދިން އެއް ގެއެއްގައި އޭނާގެ ބެލުމުގެ ދަށުގައި ގެންގުޅެ ބޮޑުކުރުމަކީ ޕެޓްރީޝިއާގެ އަޒުމެވެ.

ސީއެންއެން އަށް ދިން އިންޓަވިއު ޕެޓްރީޝިއާ ބުނީ އޭނާގެ 35 އަހަރުގެ އަންހެން ދަރިފުޅު ނިކީތާ މަރުވީ ސިޒޭރިއަން ހަދައިގެން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށާއި ނަމަވެސް ދަރިފުޅު މަރުވާން ދިމާވި ސަބަބު އަދިވެސް އޭނާއަށް އޮޅުން ފިލާފައި ނެތް ކަމަށެވެ.

"އަހަރެންނަށް އަދިވެސް ހުރިހާ ސުވާލެއްގެ ޖަވާބެއް ނުލިބޭ. އަދިވެސް އަބަދާ އަބަދު އަހަންނަށް އަހަރެންގެ ނަފްސާ ސުވާލު ކުރެވޭ ކޮން ކަމެއް ބާއޭ ގޯސްކޮށް ދިޔައީ؟" ޕެޓްރީޝިއާ ބުންޏެވެ.

ނިކީތާ ހޮސްޕިޓަލަށް ދިޔަރޭ ސިޒޭރިއަން ހަދައި ސިއްހަތު ރަނގަޅު ފިރިހެން ކުއްޖެއް އޭނާގެ ބަނޑުން ނަގާފައި ވެއެވެ އެވެ. ނަމަވެސް އާއިލާއަށް އެނގުނު ގޮތުގައި އޭގެ އަނެއް ދުވަހު ނިކީތާ މަރުވީ ސާޖަރީ ތެރޭ ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ.

ނިކީތާގެ މަރުގެ ސެޓްފިކެޓްގައި މަރުވި ސަބަބެއް ކަމަށް ލިޔެފައިވަނީ "ޕޯސްޓްޕާޓަމް ހެމޮރޭޖް" އަދި މާގިނަ ފަހަރަށް ސިޒޭރިއަން ހަދާފައިވުމުން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

ޕެޓްރީޝިއާ ބުނި ގޮތުގައި އޭނާގެ އަތުގައި އޮތީ ހޮސްޕިޓަލުން ހަވާލުކުރި މަރުގެ ސެޓްފިކެޓް އެކަންޏެވެ. އަދި އޮޓޮޕްސީ ނަތީޖާ ވެސް އާއިލާއަށް ނުލިބޭ ކަމަށެވެ.

"އޭނާ މަރުވީ ގުދުރަތީ މަރަކުންތޯ ނުވަތަ ޑޮކްޓަރެއްގެ އިހުމާލުންތޯ އެނގެން އަހަރެން ބޭނުން. އަހަރެން މިހިރީ ވަރަށް ދެރަވެ ހަދާނެގޮތް ހުސްވެފައި،" ޕެޓްރީޝިއާ ބުންޏެވެ.

ޕެޓްރީޝިއާ ބަލަމުންދާ ނިކީތާގެ 12 ދަރިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއަށް 19 އަހަރެވެ. އެންމެ ހަގު ކުއްޖާ އަށް ތިން މަހެވެ. މި ކުދިން ބަލަމުން ދަރިފުޅަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރަން ޕެޓްރީޝިއާ އަށް ކިތަންމެ ދަތި ނަމަވެސް އޭނާ އެކަން ކުރަން ބޭނުން ކަމަށް ޕެޓްރީޝިއާ ބުންޏެވެ.