ލައިފްސްޓައިލް

28 އަހަރުވީއިރު ނުވަ ދަރިން ވިހައިފި

އަންހެނެއްގެ ހަށިގަނޑަށް އެންމެ ބޮޑު ބަދަލެއް އަންނަނީ ބަލިވެ އިނުމާ ގުޅިގެންނެވެ. ބައެއް އަންހެނުން އާއިލާއެއް ފެއްޓުމަށް ފަސް ޖެހެނީ މި ސަބަބާ ހެދި އެވެ. އަދި ކުދިން ހޯދިޔަސް ކުރިމަގަށް ރޭވުންތައް ރާވައިގެން މިޒަމާނުގައި ގިނަ އަންހެނުން ދަރިން ހޯދަނީ ވިހެއުމަށްފަހު އެމީހުންނަށް ކުރިމަތިވާނެ ގޮންޖެހުންތަކަށް ވިސްނާފަ އެވެ.

ދަރިއަކު ހޯދަން އަންހެނަކު ނަފްސާނީ ގޮތުންނާއި ޖަޒްބާތީ ގޮތުން ތައްޔާރު ނުވަނީސް ބަލިވެ އިނދެއްޖެނަމަ އެމީހުންގެ ހަށިގަނޑާއި ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ނަމަވެސް ކައިވެނި ކުރުމާއެކު ގިނަ ބަޔަކު ދެން ބަލަނީ އޭނާއަށް ދަރިއަކު ލިބެނީ ކޮން އިރަކުންތޯ އެވެ. އަދި އުމުރުން 20ގެ ފަހުކޮޅުގެ އަހަރުތަކަށް އަޅައިގަތުމުން އެވީ ދެން ދަރިއަކު ހޯދަން ކަމަށް އަދިވެސް ބައެއް ގައުމުތަކުގައި ގެންގުޅޭ އާދަކާދަތަކުގައި ހިމެނެ އެވެ.

ނަމަވެސް ކޯރާ ޑިއުކް އަކީ އާދަޔާހިލާފު އަންހެނެކެވެ. އޭނާގެ ވިސްނުމާއި އުޅުން އެހެން އަންހެނުންނާ މުޅިން ތަފާތެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނެވާޑާގައި ދިރިއުޅޭ ކޯރާ އަށް މިހާރު 39 އަހަރެވެ. އޭނާއަށް 28 އަހަރު ފުރުނުއިރު ނުވަ ދަރިން ވިހާ ނިންމާލައިފި އެވެ.

ޓިކްޓޮކްގައި މި ދުވަސްވަރު ކޯރާ ވަރަށް މަގްބޫލެވެ. އެއީ އޭނާ ޝެއާ ކުރި ވީޑީއޯއެއްގައި 12 އަހަރު ބަލިވެ އިނދެ ހޭދަކުރި ވާހަކަ ކިޔައިދިނީމަ އެވެ. ނަމަވެސް 12 އަހަރުން ނުވަ ދަރިން ހޯދާއިރު އެ 12 އަހަރު އެއްކޮށް އޭނާ ބަލިވެ އިންނާނީ ކިހިނެއް ހެއްޔެވެ؟

ކޯރާ ކިޔައިދިން ގޮތުގައި އުމުރުން 17 އަހަރުގައި އޭނާ ފުރަތަމަ ދަރިފުޅު ވިހެއީ 2001 ވަނަ އަހަރު އެވެ. އަދި ނުވަ ވަނަ ދަރިފުޅު ވިހާފައިވަނީ 2012 ގައެވެ. މިހާރު އުމުރުން 39 އަހަރުގެ ކޯރާ އާއި އޭނާގެ ފިރިމީހާ އެންޑްރޭ ޑިއުކްގެ ކައިވެންޏަށް 23 އަހަރު ވެއްޖެ އެވެ.

"އަހަރެން ގިނަ ފަހަރަށް ބަލިވެ އިނދެފައިވަނީ ބޭނުން ވެގެނެއް ނޫން. ދެން އެކަމާ ނުވިސްނާ އުޅެނިކޮށް ބަލިވެ އިންނަނީ. ދޭތެރެ ދުރުކުރަން އާންމުކޮށް ބޭނުންކުރާ ޓްރެޑިޝަނަލް އެއްވެސް މެތަޑަކުން އަހަރެން ބަލިވެ އިނުމަށް ހުރަހެއް ނޭޅުނު. ކޮންމެ ކަމެއް ކުރިޔަސް އިރުކޮޅަކުން ބަލިވެ އިނދޭ،" ކޯރާ ބުންޏެވެ.

ކޯރާގެ ފުރަތަމަ ދަރިފުޅު 17 އަހަރުގައި އުފަންވުމަށްފަހު ދެ ވަނަ ދަރިފުޅަށް ބަލިވެ އިނދެ ވިހަން ކައިރިވީއިރު އަދި 18 އަހަރެއް ނުފުރެ އެވެ.

ކޯރާ އާއި ފިރިމީހާ ޑިއުކް ބައްދަލުވީ ހައި ސްކޫލުންނެވެ. އެމީހުން ކައިވެނިކޮށް ނުވަ ދަރިން ލިބިފައި ވިޔަސް ކޯރާ އަބަދުވެސް ބޭނުންވީ އެންމެ ދެ ދަރިންނެވެ. އަނެއް ދަރިންތައް ލިބުނީ ބޭނުންވެގެނެއް ނޫނެވެ.

މިހާރު އޭނާގެ ދޮށީ ދަރިފުޅު އެލީޖާ އަށް 21 އަހަރެވެ. ޝީނާ އަށް 20 އަހަރެވެ. ޒިހާން އަށް 17 އަހަރެވެ. ދެން ހުރި ކައިރޯ އަށް 16 އަހަރެވެ. ސައިޔާ އަށް 14 އަހަރު ފުރިފައިވާއިރު އޭނާގެ ހަގަށް ހުރި އާވީ އަށް 13 އަހަރެވެ. ރޮމާނީ އަށް 12 އަހަރު ފުރިފައިވާއިރު އެންމެ ހަގު ތާޖް އަށް މީ 10 އަހަރެވެ.

ކޯރާއަށް ތިން ވަނަ އަށް ލިބުނު ދަރިފުޅު ޔޫމާ ވަނީ އުފަންވީތާ ހަތް ވަނަ އަށް ވީ ދުވަހު ކުއްލިއަކަށް މަރުވެފަ އެވެ.

އަށް ދަރިން މިހާރު ފުރާވަރު އުމުރަށް އަޅާފައިވާއިރު މި ހުރިހާ ކުދިން ބަލަހައްޓަނީ ކިހިނެއްތޯ ވަރަށް ގިނަ މީހުން ކޯރާ އާ ސުވާލު ކުރެ އެވެ.

ކޯރާ ބުނީ ކުޑައިރު ހުރިހާ ކުދިން ގެންގުޅެން މާ ފަސޭހަ ކަމަށެވެ. މިހާރު ޒުވާން ވަމުން އަންނަ ވަރަކަށް އެ ކުދިންގެ ޑްރާމާ ބޮޑުވެފައިވާ ކަމަށާއި ބަލަހައްޓަން ވެސް މާ އުނދަގޫ ކަމަށެވެ.

ކޯރާ ބުނި ގޮތުގައި ނުވަ ވަނަ ދަރިފުޅު ވިހެއުމަށްފަހު އޭނާ ވަނީ ޓިއުބަލް ލައިގޭޝަން ހަދައިގެން ދާއިމީކޮށް ނުވިހާގޮތް ހަދާފަ އެވެ.

ކޯރާގެ ހުރިހާ ދަރިން މިހާރު އޭނާ އާ ގާތްގަނޑަކަށް އެއް އިސްކޮޅަކަށް ބޮޑެތި ވެފައިވާއިރު އަދިވެސް ކޯރާ ފެންނަނީ ވަރަށް ޒުވާން ކޮށެވެ. މި ކުދިން ކައިރީ ހުންނައިރު ކޯރާ ހީވަނީ އެކުދިންގެ ދައްތައެއް ހެންނެވެ.