އެމެރިކާގެ ރަށެއްގައި މީގެ 40 އަހަރު ކުރިން ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި މަރުވި ތިން މީހުން މަރުގެ ޒިންމާ އެޅުނީ 13 އަހަރުގެ އަންހެން ކުއްޖެއްގެ ބޮލުގަ އެވެ. މި މީހުން މަރާލީ މި ކުއްޖާކަން ސާބިތު 135 އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ދަށު ކޯޓަކުން ހުކުމްކޮށް މި ކުއްޖާ ޖަލުގައި ހުންނަތާ މިހާރު 40 އަހަރު ވެއްޖެ އެވެ.
ވިނޯނާ ފްލެޗާ ކިޔާ މި އަންހެން ކުއްޖާ އަށް 1986 ވަނަ އަހަރު މި ހުކުމް ކުރުމުން އޭނާ ވެފައިވަނީ އެލަސްކާގައި މިހާތަނަށް މަރުގެ ކުށް ސާބިތުވެގެން ހުކުމެއް ކުރި އެންމެ ހަގު ކުއްޖާ އަށެވެ.
އޭގެ ފަހުން 40 ވަރަކަށް އަހަރު ޖަލުގައި ހޭދަކުރިއިރު ވިނޯނާގެ އުމުރުން މިހާރު 54 އަހަރު ވަނީ ފުރިފަ އެވެ.
އެލަސްކާގެ ކޯޓަކުން ވިނޯނާގެ ހުކުމް މުރާޖައާކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އޭނާއަށް ރިހެބިލިޓޭޝަންގެ ހައްގު ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރެވިގެންނެވެ. އަދި އަލުން މި މައްސަލަ ބަލައި ވިނޯނާގެ އަދަބު ލުއިކޮށްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިނޯނާ ސަލާމަތްކުރަން މަސައްކަތްކުރާ ގާނޫނީ ވަކީލު ވިޓްނީ ގްލޯވާ ބުންޏެވެ.
ވިނޯނާ އާއި އޭރު އޭނާ ރައްޓެހިވެގެން އުޅުނު 19 އަހަރުގެ ލޯބިވެރިޔާ ކޯޑެލް ބޯއިޑްއާ ދެމީހުން ވެގެން 1985 ވަނަ އަހަރު މަރާލިކަމަށް ވަނީ އުމުރުން ދުވަސްވެފައި ތިބި ދެމަފިރިއަކާއި ފިރިހެން މީހާގެ ދައްތަ އެކެވެ. މި ހާދިސާއަށް އެ ދުވަސްވަރު މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ.
ވިނޯނާގެ އުމުރުގެ ހަގުކަމާއި އޭގެ ކުރިން އެއްވެސް ކަހަލަ ކުށަކަށް އަރައިގެން ކަމުގެ ރެކޯޑެއް ނެތަސް އޭނާއަށް ކުރި 135 އަހަރުގެ ހުކުމް އެންމެ ދުވަހެއް ވެސް މަދުކުރަން އޭރު ފަނޑިޔާރުންނަކަށް ނުފެނުނެވެ. އަދި ރިހެބިލިޓޭޝަން ހައްގުވެސް ލިބެން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރި އެވެ.
ވިނޯނާ އަކީ ކުޑައިރު މައިންބަފައިންގެ އަޅާލުން ނުލިބި މަގުމަތިވުމުގެ ސަބަބުން ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ކަންކަން އެންމެ އުމުރުން 13 އަހަރުއްސުރެ ކުރަމުންދިޔަ ކުއްޖެކެވެ.
ވިނޯނާއާ އެކު އޭނާގެ ލޯބިވެރިޔާ ބޯއިޑް ވެސް ޖަލު ހުކުމް ތަންފީޒުކުރަމުންދާއިރު ދެ މީހުންނަށް މިހާރު ދެ ދަރިން ލިބި އެ ދެ ދަރިން ވެސް ވަނީ ބޮޑުވެފަ އެވެ. މައިންބަފައިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެ ދެ ދަރިންނެވެ.