ލައިފްސްޓައިލް

ފައިސާ ބަހައްޓާފައި ޖަލުން ނެރެދިން އަނބިމީހާ މަރާލައިފި

އުމުރުން 40 އަހަރުގެ ފިރިހެނަކު ޖަލަށް ލާފައި ހުއްޓާ އޭނާގެ އަންހެނުން ފައިސާ ދައްކައިގެން އޭނާ ޖަލުން ސަލާމަތް ކޮށްދިނެވެ. ނަމަވެސް އަނބިމީހާ އަށް ޝުކުރު ވެރިވުމުގެ ބަދަލުގައި ފިރިހެން މީހާ ވަނީ ވަރަށް ރަހުމްކުޑަ ގޮތަކަށް އޭނާ މަރާލާފަ އެވެ.

އިންޑިއާގެ ބަރީލީގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ފިރިހެން މީހާ އޭނާގެ އަންހެނުންގެ ގަޔަށް ބަޑިޖަހާ މަރާލީ މީހުން ގިނަ އަދަދަކަށް މީހުން އެއްވެފައި އޮތް ފަތެހްގަންޖްގެ ބާޒާރެއްގެ ތެރޭގަ އެވެ.

ފިރިހެންމީހާ އޭނާގެ 32 އަހަރުގެ އަންހެނުންގެ ގަޔަށް ބަޑިޖަހައި މަރާލީ އަނބިމީހާ އޭނާއަށް ވަގަށް ލޯބިވެރިޔަކު ގެންގުޅޭ ކަމަށް ޝައްކު ކޮށްފަ އެވެ.

ފިރިހެންމީހާ، ކްރިޝްނާޕާލް ލޯދީ ވަނީ އޭނާގެ އަންހެނުން ޕޫޖާގެ ގަޔަށް އެތައް ފަހަރަކު ބަޑި ޖަހާފަ އެވެ. އަދި އޭނާއާއެކު އެވަގުތު ހުރި މުންނާ ކިޔާ އެކުވެރިއެއްގެ ގަޔަށް ވެސް ބަޑި ޖަހާފައި ވެއެވެ. ނަމަވެސް މުންނާ މަރެއް ނުވެ އެވެ.

އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ދެއެވެ. ޕޫޖާގެ ހަށިގަނޑު ވަނީ އޮޓޮޕްސީ ހަދަން ފޮނުވާފަ އެވެ.

އެ ސަރަހައްދުގެ ސީނިއާ ފުލުހަކު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ކްރިޝްނާޕާލް އޭނާގެ އަންހެނުން ޕޫޖާ އަށް ވަރަށް ޝައްކު ކުރެ އެވެ. އަދި ޕޫޖާ އޭނާއަށް ބޭވަފާތެރިވާ ކަމަށް ކްރިޝްނާޕާލް އަށް ހީވެ އެވެ.

ޕޫޖާއަކީ މަރާލަން ޖެހޭ މީހެއް ކަމަށާއި މަރާލީ އެހެންވެ ކަމަށާއި އެކަމާ ހިތާމަ ނުކުރާކަމަށް ކްރިޝްނާޕާލް ވަނީ ފުލުހުން ކައިރީ ބުނެފަ އެވެ.

ޕޫޖާ އާއި ކްރިޝްނާޕާލް ކައިވެނިކުރަން ޕޫޖާގެ އާއިލާއިން ގަބޫލުނުވުމުން ޕޫޖާ ގެއިން ފިލައިގެން ގޮސް 2012ގައި ކްރިޝްނާޕާލްއާ ކައިވެނި ކުރީ އެވެ. އެ ދެމީހުންނަށް ކުޑަ ދެ ފިރިހެން ކުދިން ލިބިފައި ވެއެވެ.

ދަރިންނާއި އާއިލާގެ ހަރަދު ބަރަދު ބަލަހައްޓަނީ ބިއުޓީ ޕާލާއެއް ހިންގައިގެން ޕޫޖާ އަމިއްލައަށް ފައިސާ ހޯދައިގެންނެވެ.

ޕޫޖާގެ މަންމަ ޝީލާ ދޭވީ ބުނި ގޮތުގައި ކްރިޝްނާޕާލް މި ފަހަކަށް އައިސް އަބަދު ހުންނަނީ މަސްތުގެ ހާލަތުގަ އެވެ.

މަސްތުވެފައި ހުރެގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ ކުޑަ ދަރިންގެ ކުރިމަތީގައި ޕޫޖާއަށް އަނިޔާކުރެ އެވެ. އޭނާ ޖަލަށް ލާފައި ހުރީ ވެސް ޕޫޖާ މަރާލަން އުޅެގެންނެވެ. ނަމަވެސް މާގިނަ ދުވަހު އޭނާ ޖަލުގައި ހުރުމުން ޕޫޖާ ދެރަވެގެން ފައިސާ ދައްކާފައި އޭނާ މިނިވަން ކުރީ އެވެ.

ޖަލުން ސަލާމަތްވިތާ 14 ވަނަ އަށް އޮތް ދުވަހު ކްރިޝްނާޕާލް ފިސްތޯލައެއް ހިފައިގެން އެގެއަށް ގޮސް ޕޫޖާގެ ގަޔަށް ބަޑި ޖަހަން އުޅެން ފެށުމުން ޕޫޖާ ބިރުން ދުވެފައި މަގުމައްޗަށް ނުކުތީ އެވެ. އަދި ދުވަމުން ދުވަމުން ގޮސް އޭނާއަށް އެތާ ކައިރީ އޮތް ބޮޑު ބާޒާރަކަށް ވަދެވުނެވެ.

ޕޫޖާ ގަޔަށް އޭނާގެ ފިރިމީހާ ބަޑިޖެހީ އެ ބާޒާރު ތެރޭގައި އެންމެން ބަލަން ތިއްބަ އެވެ.