ލައިފްސްޓައިލް

12 އަހަރުގެ އަންހެން ކޮއްކޮ މަރާލީ ބޭބެއަށް ތަންދޮރު ނޭނގޭތީ!

ގެއަކީ ކޮންމެ ކުއްޖަކަށް ވެސް އެންމެ ރައްކާތެރި ތަން ކަމުގައި ބެލެވެ އެވެ. ނަމަވެސް ގޭތެރެއިން ކުދިންނަށް އަނިޔާ ލިބެން ފަށައިފިނަމަ އެކުދިން ހާލަތު ވަރަށް ދަށްވެ ފުރާނަ ދިއުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމެކެވެ. އަދި ފުރާނަ ނުދިޔަސް މުޅި އުމުރަށް ނުފިލާވަރުގެ ލަކުނުތަކެއް ކުއްޖާގެ ހިތުގައި ލާނެކަން އެއީ ޔަގީން ކަމެކެވެ.

އިންޑިއާ ތާނޭ ޑިސްޓްރިކްޓްގެ އުލްހާސްނަގަރްގައި މީގެ ދެ ދުވަހެއް ކުރިން ހިނގި ހާދިސާއެއްގައި 12 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ގޭގައި ހުއްޓާ އަނިޔާކޮށް މަރާލާފައިވަނީ ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

މި ކުއްޖާ މަރާލާފައިވަނީ 30 އަހަރުގެ އެ ފިރިހެން މީހާއަށް ތަނެއް ދޮރެއް ނޭނގޭތީ އޭނާއަށް ހީވި ހީވުމެއްގެ މައްޗަށެވެ. ބޭބެ އާއި ބޭބެގެ އަންހެނުންނާއެކު ދިރިއުޅެމުން އައި މި ކުއްޖާ މަރުވީ ހަތަރު ދުވަސް މަތިން އަލިފާން ޖައްސައި ދިން އެކި ކަހަލަ އަނިޔާތަކަށް ކެތް ނުވެގެންނެވެ.

ކުއްޖާގެ ހުރިހާ ވެސް ކުށަކީ އޭނާ ލައިގެން ހުރި ހެދުމުގައި ލޭ ހޭކިފައި ހުރުމެވެ. އެ ލެއަކީ ކުއްޖާ އަލަށް ޕީރިއަޑް ވުމުން ހޭކިފައި ހުރި ލެއެވެ. ނަމަވެސް ކުއްޖާގެ ބޭބެ ހީކުރީ އެއީ މީހަކާ އެކު ގުޅުމެއް ހިންގައިގެން ހޭކިފައި ހުރި އެއްޗެއް ކަމަށެވެ.

ކުއްޖާ ރޮއިރޮއިފައި އެއީ ކީއްވެ ހޭކިފައި ހުރި ލެޔެއްކަން ބޭބެއަށް ކިޔައިދިން ނަމަވެސް އެ ކުއްޖާގެ ވާހަކަ އަޑުނާހައި އެ ފިރިހެން މީހާ ކުއްޖާއަށް އަނިޔާކޮށްކޮށް އެންމެ ފަހުން ކުއްޖާ މަރުވީ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑުގެ އެތަން މިތަނުގައި އަލިފާން ޖެއްސުމުން ފިހިފައި ހުރި ޒަޚަމްތައް ހުއްޓެވެ.

މި ހާދިސާގެ ޚަބަރު މުޅި އެ ސަރަހައްދަށް ފެތުރި ގިނަ ބަޔަކު ވަނީ މިކަމާ ކަންބޮޑުވެ ހާސްވެފަ އެވެ. އަދި ކުޑަ ކުއްޖާއަށް އިންސާފު ހޯދައިދީ އޭނާގެ ބޭބެއަށް ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕީރިއަޑް ވުމާ ގުޅޭ މައުލޫމާތު އަންހެން ކުދިންނެކޭ އެއްގޮތަށް ފިރިހެނުންނަށް ވެސް އެނގުމަކީ ކިހާ މުހިއްމުކަމެއް ކަން މި ހާދިސާއިން ޔަގީންކުރެވިއްޖެ ކަމަށެވެ. އަދި އަންހެން ކުދިންނާއި އަންހެނުންނާއި އިހްތިރާމާއި ގަދަރުކުރަން ފިރިހެނުންނަށް ދަސްކޮށްދޭން ޖެހޭ ކަން ވެސް އެއީ މިފަހަރު މި ހިނގި ހާދިސާއިން ދަސްކުރަން ޖެހޭ އިބުރަތްތެރި ފިލާވަޅެއް ކަމަށް ވެސް މި ޚަބަރުގައި ވެއެވެ.

ކުއްޖާ މަރުވެފައިވަނީ ފިރިހެންމީހާއަށް ޕީރިއަޑް އާ ގުޅޭ ރަނގަޅު މައުލޫމާތު ލިބިފައި ނެތުމުން ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ނޫސްތަކުގައި ވެއެވެ.

އަދި އެ މުޖުތަމައެއްގައި ދިރިއުޅޭ ކުޑަކުދިންނާއި އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުޖުތަމައުގެ އެންމެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެއްވެސް ކުއްޖަކަށް ނުވަތަ މީހަކަށް އަނިޔާއެއް ލިބެމުންދާކަން އެނގިއްޖެނަމަ މުޅި މުޖުތަމައު އެކަމަކާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށް މި ހާދިސާއިން ޔަގީންވެއްޖެ ކަމަށް މި ޚަބަރުގައި ވެއެވެ.