ލައިފްސްޓައިލް

ލޯބިވެރިޔާ މަރާލައި ފްރިޖަކަށް ލާފައި ގޮސް އެހެން މީހަކާ ކައިވެނިކޮށްފި

އަނެއްކާވެސް ޝްރައްދާ ވޯކާ މަރާލި ހާދިސާ ކަހަލަ ހާދިސާއެއް އިންޑިޔާގައި ހިނގައިފި އެވެ.

މިފަހަރުގެ ހާދިސާ ހިނގާފައިވަނީ ދިއްލީގައި މިދިޔަ އަންގާރަ ދުވަހު އެވެ.

މިޓްރާއޯން ނަގަރްގެ ނަޖަފްގަޅްގައި ދިރިއުޅޭ ސާހިލް ގަހްލޯޓް ނަމަކަށް ކިޔާ މި މީހާ އަކީ މަގުމަތީގައި ކާއެއްޗެތި ތައްޔާރުކޮށް ވިއްކާ ދާބާއެއްގައި މަސައްކަތްކުރާ މީހެކެވެ. މި ދާބާ އަކީ އޭނާގެ އާއިލީ ވިޔަފާރި އެކެވެ.

އުމުރުން 24 އަހަރުގެ ސާހިލް ވަނީ އޭނާއާ އެއްގޭގައި ދިރިއުޅޭ ލޯބިވެރިޔާ ނިކީ ޔާދަވް މަރާލުމަށްފަހު އޭނާގެ ދާބާގައި ހުރި ފްރިޖަކަށް ލާފައި ގޮސް ހަމަ އެ ދުވަހު އެހެން މީހަކާ ކައިވެނިކޮށްފަ އެވެ.

މިހާރު ދިއްލީ ފުލުހުން ވަނީ ސާހިލް ހައްޔަރުކޮށް ތަހުގީގު ފަށާފަ އެވެ. ފުލުހުން ކައިރީ ސާހިލް ބުނި ގޮތުގައި ނިކީ އާއި އޭނާ ބައްދަލުވީ 2018 ވަނަ އަހަރު އުއްތަމް ނަގަރް އޭރިޔާގައި ހުންނަ ކޯޗިން ސެންޓަރަކުންނެވެ. އަދި ދުވަސްކޮޅެއް ތެރޭ ދެ މީހުން ރައްޓެހިވެ ސާހިލްގެ ގެއަށް ނިކީ ވެސް ދިރިއުޅުން ބަދަލުކުރީ އެވެ.

ސާހިލް ބުނި ގޮތުގައި އޭނާއާ އެހެން މީހަކާ ކައިވެނި ކުރަން އާއިލާ އިން ޕްރެޝަރު ކުރާތާ ކިތަންމެ ދުވަހެކެވެ. އެންމެ ފަހުން އާއިލާގެ މީހުން 2022ގެ ޑިސެމްބަރުގައި އޭނާގެ އެންގޭޖްމަންޓާއި ކައިވެނި ކުރާނެ ދުވަސްވެސް ކަނޑައަޅައި ނިންމީ އެވެ. އޭނާގެ އެންގޭޖްމަންޓް ބާއްވަން އާއިލާއިން ކަނޑައެޅި ތާރީޚަކީ 2023ގެ ފެބްރުއަރީ 9 ވަނަ ދުވަހެވެ. އަދި ކައިވެނި ފެބްރުއަރީ 10 ގައި ބާއްވާ ގޮތަށް ހަމަޖެއްސި އެވެ.

އަނެއްކޮޅުން ނިކީ ވެސް ގެންދިޔައީ ކައިވެނި ކުރަން އެދި ސާހިލް އަށް ޕްރެޝަރު ކުރަމުންނެވެ. އެހެންވެ އާއިލާއިން އޭނާގެ އެންގޭޖްމަންޓާއި ކައިވެނި ހަމަޖެއްސި ކަމެއް ނިކީ އަކަށް ސާހިލް ނާންގަ އެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން މިކަން ނިކީ އަށް އެނގުމުން ރުޅިއައިސް ދެމީހުން ވަރަށް ގަދަޔަށް ޒުވާބުކޮށް ތަޅާފޮޅާ ހެދި އެވެ.

ސާހިލް އެންމެފަހުން ނިކީ މަރާލާފައިވަނީ އޭނާގެ ކާރުގެ ތެރޭގަ އެވެ. އަދި މަރާލުމަށްފަހު ކާރު ދުއްވާފައި 40 ކިލޯމީޓަރު ދުރުގައި ހުރި އޭނާގެ ދާބާއަށް ކާރުގައި ގޮސް އެ ތަނުގައި ހުރި ފްރިޖަކަށް ނިކީގެ ހަށިގަނޑު ލީ އެވެ. އަދި ވަގުތުން އޭނާގެ ގެޔަށް ގޮސް އާއިލާއިން ދެއްކި މީހާއާ ކައިވެނި ކުރީ އެވެ.

ސާހިލް ފުލުހުން ކައިރީ ބުނި ގޮތުގައި އޭނާ ނިކީ މަރާލީ ފެބްރުއަރީ 9 ވަނަ ދުވަހުގެ ރެއެވެ. އަދި ކައިވެނިކޮށްފައިވަނީ ނިކީ މަރާލިތާ މަދު ގަޑިއިރެއް ތެރޭގަ އެވެ.

ނިކީގެ ހަށިގަނޑު ދާބާގައި ހުރި ފްރިޖެއްގައި އޮއްވާ ފެނިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އައިސް އެ ހަށިގަނޑު ނަގައިގެން ގެންދިޔައީ އެވެ. އަދި މިކަންކުރީ ސާހިލް ކަން ޔަގީން ވާތީ އޭނާ ހައްޔަރުކުރީ އެވެ.