ލައިފްސްޓައިލް

އަށް އަހަރު ކުރިން މަރާލާފައިވާ މީހެއްގެ ގާތިލަކީ ދައްތަކަން ފަޅާއަރައިފި

ޕްލާސްޓިކް ކޮތަޅުތަކަކަށް އަޅާފައި ހުރި އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް އިންޑިއާގެ ބެންގަލޫރޫގެ ޖިގާނީ ކިޔާ ސަރަހައްދުން މީގެ އަށް އަހަރު ކުރިން ފެނުމުން އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް ބޮޑު ޝޮކެއް ލިބުނެވެ.

ބުރިބުރިކޮށްފައި ތިން ކޮތަޅަކަށް އަޅައި ޖިގާނީ އަވަށުގެ ތިން ސަރަހައްދަކަށް އުކާފައި ހުއްޓާ ފެނިފައިވަނީ ޒުވާން ފިރިހެނެއްގެ ހަށިގަނޑުގެ ބައިތަކެކެވެ. މީގެ ތެރެއިން އެއް ކޮތަޅު އެއްލާފައި އޮތީ ކޯރަކަށެވެ. ހަށިގަނޑުގެ ބައިތައް ފެނުނުނަމަވެސް މަރާލާފައިވާ މީހާގެ ބޯ މިހާތަނަށްވެސް ފެނިފައެއް ނުވެ އެވެ.

ބެންގަލޫރޫ ފުލުހުން އަށް އަހަރު ވަންދެން މި މީހާގެ ގާތިލް ހޯދަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއްގޮތަކަށް ވެސް މި މައްސަލައިގައި ކުރިއެރުމެއް ނުލިބުނެވެ. ނަމަވެސް ފާއިތުވީ އަށް އަހަރުއްސުރެ އެމީހުން ގެންދިޔައީ ހިތްވަރު އެލުވާނުލައި ގާތިލް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ގާތިލުން ހޯދާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. މި ގަތުލުގައި ބައިވެރިވެފައިވަނީ ދެ މީހެއް ކަމަށާއި މިހާރު މި ދެ މީހުން ވެސް ތިބީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ޒުވާން ފިރިހެން މީހާ މަރާލިކަމުގެ ތުހުމަތުގައި ބެންގަލޫރޫ ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ފިރިހެން މީހާގެ އެއްބަނޑު އެއްބަފާ ދައްތަ ބާގްޔާޝްރީ، 31، އާއި އޭނާއާ އެކު ކައިވެނި ނުކޮށް ދިރިއުޅޭ ޕާޓްނަރު ޝިވާޕުތުރާ އެވެ.

މަރާލާފައިވާ ޒުވާނާ އަކީ ލިންގަރާޖޫ ސިޑައްޕާ ޕުޖާރީ އެވެ. ލިންގަރާޖޫ މަރާލާފައިވަނީ އޭނާގެ ދައްތަކަން ޔަގީންވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި ބާގްޔާޝްރީ އާއި ޝިވަޕުތުރާ އަކީ ކޮލެޖުގައި ކިޔެވި ދުވަސްވަރުން ފެށިގެން ދެ ލޯބިވެރިންނެވެ. ނަމަވެސް އެމީހުން ކައިވެނި ނުކޮށް އެކުގައި އުޅެން އާއިލާގެ މީހުން ދެކޮޅު ހަދާނެކަން ޔަގީންވާތީ ވަޒީފާ އަދާކުރުމުގެ ނަމުގައި ދެމީހުން 2015ގައި ބެންގަލޫރަށް ގޮސް ގެއެއް ކުއްޔަށް ހިފައިގެން އެ ރަށުގައި ދިރިއުޅެން ފެށީ އެވެ. ދެ މީހުން ވަޒީފާ އަދާކުރަމުންދަނީ އެހިސާބުގަނޑުގައި ހުންނަ ފެކްޓްރީ އެއްގަ އެވެ.

މައްސަލަ ޖެހުނީ ބާގްޔާޝްރީގެ ކޮއްކޮ ލިންގަރާޖޫ އޭނާއަށް ނޭނގި ބެންގަލޫރޫގައި އޭނާގެ ދައްތަ ދިރިއުޅޭ ގެއަށް އައުމުންނެވެ. ހިލޭ ފިރިހެނަކާ އެކު އޭނާގެ ދައްތަ ދިރިއުޅެމުންދާކަން ލިނގަރާޖޫ އަށް ފަޅާއެރުމުން ރުޅިއައިސް ރަތްވެ ދައްތައާ އަރާރުންވާން ފެށި އެވެ. ދެބެންގެ މެދުގައި އަރާރުން ހޫނުވި ވަގުތު ބާގްޔާޝްރީ އާއި އޭނާގެ ޕާޓްނަރާ ދެ މީހުންވެގެން ލިންގަރާޖު ހިފަހައްޓައި އޭނާއަށް ހަމަލަދީ މަރާލީ އެވެ. އަދި އޭނާގެ ހަށިގަނޑު ބުރިބުރިކޮށް ކޮތަޅު ކޮތަޅަށް އަޅައި އެ ސަރަހައްދުގެ އެކި ހިސާބުތަކަށް އުކާލީ އެވެ.

މިކަން ކުރުމަށްފަހު ދެ މީހުން ވަގުތުން ފިލި އެވެ. އަދި މަހަރަޝްތުރާގެ ނާޝިކް އަށް ގޮސް އެ ރަށުގައި މުޅިން އެހެން ނަމެއްގައި ދިރިއުޅެން ފެށި އެވެ. ފުލުހުންނަށް މި މީހުންނާ މެދު ޝައްކު ކުރެވުނަސް އެމީހުން ހޯދަން އުނދަގޫވީ އެހެންވެ އެވެ.

މި ދެ މީހުންގެ އަވަށްޓެރިން ފުލުހުންނަށް ދިން މައުލޫމާތުތަކެއްގެ އެހީގައި ފުލުހުން މި މީހުން ހޯދަން ވަރަށް މަސައްކަތްކޮށް ފާއިތުވީ އަށް އަހަރު މި މީހުން ހޯދިފައެއް ނެތެވެ. އަދި ބާގްޔާޝްރީގެ އާއިލާގެ މީހުންނަށް ގުޅައިގެން ގެނެސް ފެނުނު ހަށިގަނޑުގެ ބައިތަކުގެ ޑީއެންއޭ ހެދުމުން މަރާލާފައިވަނީ ކާކުކަން ޔަގީން ކުރެވުނެވެ.

މި މީހުން ނާޝިކްގައި ދިރިއުޅޭކަން ފުލުހުންނަށް އެނގުނީ ދާދިފަހުންނެވެ. އެނގުމާއެކު ވަގުތުން ގޮސް މި ދެ މީހުން ހައްޔަރުކޮށް މިހާރު ވަނީ ބެންގަލޫރަށް ގެންގޮސްފަ އެވެ.