ލައިފްސްޓައިލް

ޕީއެޗްޑީ އަށް ކިޔަވަމުންދިޔަ މީހަކު މަރައި، ކޮށާލީ ގޭގެ ވެރިމީހާ

ދާދިފަހުން އިންޑިއާގައި ފަޅާއަރައިގެން އުޅޭ ޝްރައްދާ ވޯކާ ކިޔާ ޒުވާން އަންހެނަކު މަރައި ކޮށާލި ހާދިސާއަށް މާގިނަ ދުވަހެއް ނުވެ ހަމަ މިކަހަލަ އެހެން ހާދިސާއެއް އިންޑިއާގެ އެހެން ރަށެއްގައި ހިނގާފައިވާކަން ފަޅާ އަރައިފި އެވެ.

ގާޒީއާބާދު ފުލުހުން އިއްޔެ މޯދީނަގަރް އިން މީހަކު ހައްޔަރުކޮށްފައިވާއިރު މި މީހާއަކީ ޕީއެޗްޑީ ސްކޯލާ އަކަށް އޭނާގެ ގެއެއް ކުއްޔަށް ދީގެން އުޅުނު މީހެކެވެ.

އުމޭޝް ނަމަކަށް ކިޔާ މި މީހާގެ އަމިއްލަ ގެއެއް ހުރެ އެވެ. އަދި އޭނާ އަކީ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކަމްޕައުންޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.

ލަކްނޫ ޔުނިވަސިޓީގައި ޕީއެޗްޑީ އަށް ކިޔަވަން އަންކިތު ކޯކަރް ނަމަކަށް ކިޔާ މީހަކު ހުރީ އުމޭޝްގެ ގެ ކުއްޔަށް ހިފައިގެންނެވެ. އަންކިތު އަކީ މައިންބަފައިން މަރުވެފައިވާ އަދި އާއިލާގައި ވެސް އެއްވެސް މީހަކު ނެތް މީހެކެވެ. އަދި ދުވަހަކުވެސް އޭނާ މީހަކާ ވެސް ނީނދެ އެވެ.

މައިންބަފައިންގެ ފަރާތުން އޭނާއަށް ލިބިފައިވާ މިލްކިއްޔާތެއް އަންކިތު މިދިޔަ ސެޕްޓެމްބަރުގައި ވިއްކާލި އެވެ. އަދި މި ގެ ވިއްކާލައިގެން ލިބުނު އެއް ކްރޯޑަށް ވުރެ ގިނަ ފައިސާ އަންކިތުގެ އެކައުންޓުގައި ހުއްޓެވެ.

އުމޭޝް އަށް މިކަން އެނގިގެން ވިޔަފާރިއެއް ކުރަން ލޯނެއް ދޭން އަންކިތު ކައިރީގައި އެދުމުން 40 ލައްކަ ރުޕީސްގެ ލޯނެއް ވެސް އުމޭޝް އަށް ދީފައި ވެއެވެ. ނަމަވެސް މި ފައިސާ އަނބުރާ ދޭން ޖެހޭ ވަގުތު ޖެހުނުއިރުވެސް އުމޭޝް އަށް ދަރަނި އަދާކުރެވޭނެ ގޮތެއް ނުފެނުނެވެ. އަދި އަންކިތުގެ އެކައުންޓްގައި ގިނަ އަދަދެއްގެ ފައިސާ އަދިވެސް ހުރިކަން އެނގި އޭނާ އެއަށް ދަހިވެތިވެ އަންކިތު މަރާލަން ގަސްތުކުރި އެވެ. އަދި ފުރުސަތު ބަލައި އަންކިތު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ބުރިބުރިކޮށް އެކި ފަހަރު މަތިން އެކި ބައި ގަންގާ ކޯރާއި އެނޫންވެސް ކޯރުތަކަށް ވަނީ އެއްލާލާފަ އެވެ.

އަންކިތަކީ އާއިލާގެ އެންމެން މަރުވެ އެކަނިވެރިވެފައިވާ މީހަކަށް ވާތީ އޭނާ ނެތްކަން އެކަކަށް ވެސް ނޭނގި މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.

މިކަން ފަޅާއަރަން މެދުވެރިވީ އަންކިތުގެ ބައެއް އެކުވެރިން އޭނާއަށް ވީގޮތެއް ނޭނގިގެން އުޅެން ފެށުމުންނެވެ.

އިންޑިއާ ޓުޑޭ ނޫހަށް މައުލޫމާތު ދެމުން އަންކިތުގެ އެކުވެރިއެއް ކަމަށްވާ އިރާޖް ރާޖާ ބުނި ގޮތުގައި އަންކިތުގެ ޚަބަރެއް ނުވާތާ މަހެއްހާ ދުވަސް ވުމުން އޭނާ އެކަމާ ކަންބޮޑުވާން ފެށި އެވެ. އަދި އަންކިތުގެ އެހެން އެކުވެރިން ވެސް އޭނާގެ ޚަބަރެއް ނުވެގެން އެންމެން އެންމެނަށް ގުޅައިގެން އޭނާ ކޮބައިތޯ ސުވާލުކުރަން ފެށި އެވެ.

"އޭނަ ވަރަށް ފަހުން އޭނާގެ ޕީއެޗްޑީ ސަބްމިޓް ކޮށްފައިވަނީ. އަދި ބޭރު ގައުމަކުން ވަޒީފާ ހޯދައިގެން އިންޑިއާ ދޫކޮށް ދާން އަންކިތު އޮތީ ނިންމާފައި. އަންކިތާ ގުޅިޔަސް ފޯނު ނުނަގާ އަދި ވަޓްސްއަޕް މެސެޖުތަކަށް އޭނާ ޖަވާބު ދޭއިރު ކުރިން ވާހަކަ ދައްކާ ގޮތާ ތަފާތު ގޮތަކަށް ޖަވާބު ދީފައި ހުންނާތީ އެކުވެރިންނަށް ޝައްކުތަކެއް ވާން ފެށީ. އަދި އަންކިތު އަށް ވީގޮތެއް ބަލަން އެމީހުން މަސައްކަތް ފެށި،" އަންކިތުގެ އެކުވެރިޔާ އިރާޖް ބުންޏެވެ.

"އަންކިތު މެސެޖު ލިޔާއިރު "ތުމް" މި ލަފުޒު އާއްމުކޮށް ބޭނުމެއް ނުކުރާނެ. ކަލޭ އޭ ބުނަން "އާޕް" (ރީތި ބަހުރުވަ) ލިޔާނީ. ނަމަވެސް ފަހުން އޭނާ ފޮނުވާ މެސެޖުތަކުގައި އަބަދުވެސް ހުންނަނީ "ތުމް" އޭ ލިޔެފައި. އަހަރެންނޭ ބުނަން "މައި" އޭ ނުލިޔާނެ. އަބަދުވެސް ލިޔާނީ "ހަމް" އޭ. އަދި މެސެޖު ކުރިޔަސް ފޯނުން ގުޅީމަ ޖަވާބެއް ނުދޭ،" އަންކިތު އަށް ކަމެއް ވެއްޖެ ކަމަށް ޝައްކު ކުރެވެން ފެށި ގޮތް ކިޔައިދެމުން އިރާޖް ބުންޏެވެ.

އަންކިތުގެ ފޯނުން އޭނާއަށް ހެދިގެން އެކުވެރިންނަށް މެސެޖު ކުރަމުން ދިޔައީ އުމޭޝްކަން ފަހުން އެނގުނެވެ.

އަންކިތުގެ އެކުވެރިން އޭނާ ހޯދަން ކުރި ހުރިހާ މަސައްކަތެއް ވީ ނާކާމިޔާބެވެ. އެހެންވެ އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް އެންގުމުން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށީ އެވެ.

ފުލުހުން ބެލި ބެލުމުން އެނގުނު ގޮތުގައި އަންކިތުއާ އެންމެ ގާތްކަމެއް އޮތީ އޭނާގެ ލޭންޑްލޯޑް އުމޭޝް އާ އެވެ. އެހެންވެ ފުރަތަމަ ވެސް ފުލުހުން ސުވާލުކުރީ އުމޭޝް އާ އެވެ.

ފުލުހުން ސުވާލުކުރުމުން އުމޭޝް ބުނީ އޭނާގެ އަންހެނުންނާއި އަންކިތު އާ ވަރަށް ގާތް އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމެއް އޮންނަ ކަމަށާއި ކޮންމެ އަހަރަކު ކޮއްކޮއަކަށް ހަދައިގެން އަތުގައި ރާކީ ވެސް ބަންނަ ކަމަށެވެ. އަދި އަންކިތު ދިޔަ ތަނެއް އޭނާއަށް ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް ފުލުހުން އުމޭޝް ހައްޔަރުކޮށް ސުވާލުކުރުމުން ފަހުން އޭނާ ވަނީ އަންކިތު މަރާލައި އޭނާގެ ހަށިގަނޑު ގަސް ކަނޑާ ވައްތަރު ކީހަކުން ބުރިބުރިކޮށް ކޯރުތަކަށް އުކާފައިވާ ކަމަށް އެއްބަސްވެފަ އެވެ.

އަންކިތު މަރާލުމުގެ ކުރިން އޭނާގެ ކާޑުތަކުގެ މައުލޫމާތުވެސް ވަގަށް ނަގާފައިވާ ކަމަށް އުމޭޝް އެއްބަސްވި އެވެ. އަދި އޮންލައިން ބޭންކިން މެދުވެރިކޮށް އަންކިތުގެ އެކައުންޓުގައި ހުރި 40 ލައްކަ އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ ކަމަށްވެސް އެއްބަސްވިއެވެ. އަދި އޭނާގެ ކާޑުތަކުން އެކިއެކި އޭޓީއެމްތަކުން ވެސް ގިނަ އަދަދެއްގެ ފައިސާތައް ކޮންމެ ދުވަހަކު އުމޭޝް ދިޔައީ ނަގަމުންނެވެ. މިކަމުގައި އޭނާއަށް އެހީތެރިވީ ޕަރްވޭޝް ކިޔާ މީހެކެވެ. މި މީހާވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.