ސިންގަޕޫރުގެ އަންހެނެއް އޭނާގެ 14 މަހުގެ ތުއްތު ދަރިފުޅުގެ އަތުގައި ޒަޚަމްތަކެއް ހުއްޓާ ފެނުމުން ވަރަށް ހައިރާންވި އެވެ. ފަހުން އޭނާއަށް އެނގުނު ގޮތުގައި އެ ޒަޚަމްތަކަކީ އޭނާ ދަރިފުޅު ބަލަން ގެނެސްގެން އުޅޭ ހައުސްމެއިޑް ރުޅިގަދަވެގެން ކޮށްފައި ހުރި ކަމެކެވެ.
ސްޓްރެއިޓް ޓައިމްސްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ގޭގައި ގެންގުޅޭ މެއިޑް މީހާއާ މި ތުއްތު އަންހެން ކުއްޖާ ބަލަން ހަވާލުކޮށްފައި އެ ކުއްޖާގެ މައިންބަފައިން ދުވާލު ގިނަ ވަގުތު އުޅެނީ އޮފީހުގަ އެވެ. ނަމަވެސް މި ކުޑަކުއްޖާ ނިންދެވުމަކީ މި ޒުވާން މެއިޑަށް އެއްގޮތަކަށް ވެސް ކުރެވޭ ކަމަކަށް ނުވެ އެވެ. އެންމެ ފަހުން ކުއްޖާ ނުނިދައިގެން އައި ރުޅިން އޭނާ އެ ކުއްޖާގެ އަތުގައި ދަތް އެޅީ އެވެ. އަދި ކުއްޖާގެ މަންމައަށް މި ޒަޚަމް ފެނިގެން ކަމާ ބެހޭ އިދާރާތަކަށް އެންގީ އެވެ.
މިހާރު މި މެއިޑްއަށް ވަނީ ހަމަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި އޭނާ ގެންދަނީ ސިންގަޕޫރު ޖަލެއްގައި މި ހުކުމް ތަންފީޒު ކުރަމުންނެވެ.
މި މެއިޑް އަކީ އިންޑޮނީޝިއާ މީހެކެވެ. އުމުރުން 33 އަހަރުގެ މާސިތާ ކޮރީޑާޓުރޯޗްމާއަށް ހުކުމް އިއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ހުކުމްގައިވާ ގޮތުން 14 މަހުގެ ކުއްޖާއަށް ގަސްދުގައި އިހާނެތިކޮށް ކަންތައް ކުރިކަން ސާބިތުވެ އޭނާ ހަ މަހަށް ޖަލަށް ލާން ނިންމީ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ވަގުތު ގޭގައި ކުޑަ ކުއްޖާ ގޮވައިގެން އުޅުނީ އޭނާ އެކަންޏެވެ.
ސިންގަޕޫރު އާއިލާގެ ވަޒީފާއަށް މި މެއިޑް އައިސްފައިވަނީ 2021 ވަނަ އަހަރު އެވެ. އޭނާ ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުޑަ ދެ ކުދިން ބެލުމެވެ. އެއީ އަނިޔާ ލިބުނު 14 މަހުގެ ކުއްޖާ އާއި އެ ކުއްޖާއާ އެއްމާބަނޑު ކޮއްކޮ އެވެ.
ތުއްތު ކުއްޖާގެ އަތުގައި މެއިޑް ދަތް އެޅީ ނިންދަވަން އުޅެ އުޅެ ނުނިދީމަ އައި ރުޅިންނެވެ. މި ދެބެންގެ މަންމަ އެ ދުވަހު ގެއަށް އައީ އިރުއޮއްސި ހަތެއް ޖެހިފަހުންނެވެ. އައިސް ކުޑަ ދަރިފުޅު ނިންދަވަން ވެގެން އުޅުމުގެ ތެރޭގައި ކުއްޖާގެ އަތުގައި ހުރި ނިޝާން ފެނުނީ އެވެ.
ކުއްޖާގެ އަތުގައި ހުރި ޒަޚަމްއާ ގުޅޭގޮތުން އެ ކުއްޖާގެ މަންމަ ހަމަ އެވަގުތު މާޝިތާއާ ސުވާލު ކުރުމުން އޭނާ ފުރަތަމަ ހެދީ ދޮގެވެ. އަދި އެއީ އޭނާގެ އަތުން ވެފައި ހުރި ކަމެއް ކަމަކަށް އެއްބަހެއް ނުވި އެވެ. އެންމެ ފަހުން އެއީ އޭނާ ދަތް އަޅާފައި ހުރި ތަނެއް ކަމަށް އަމިއްލައަށް އެއްބަސްވެ ކުއްޖާގެ މަންމަ ފައިބުޑަށް ވެއްޓި ވަރަށް އާދޭސްކޮށް މައާފް ކޮށްދޭށޭ ކިޔައި ރޮއި ހެދި އެވެ. ނަމަވެސް އެމީހާ މައާފުނުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ.
ދާދިފަހުން ސިންގަޕޫރުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ އަންހެނަކު ވެސް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ. އެމީހާ ޖަލަށް ލާން ހުކުމް ކުރީ ހައުސްމެއިޑެއްގެ ގޮތުގައި ގެންގުޅުނު އަންހެނަކަށް އަނިޔާކޮށްގެންނެވެ.