ލައިފްސްޓައިލް

ގިނަ އަދަދެއްގެ ޗުއިންގަމް ދިރުވާލި ކުއްޖެއްގެ ހާލުބޮޑު ހޮސްޕިޓަލަށް

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޯހިއޯގައި ދިރިއުޅޭ ފަސް އަހަރުގެ ކުއްޖަކު ޗުއިންގަމްގެ 40 އެތިކޮޅު ދިރުވާލައިގެން ވަރަށް ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ނަން ހާމަކޮށްފައި ނުވާ މި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމާއެކު ޑޮކްޓަރުން ވަނީ އިމަޖެންސީ ޕްރޮސީޖާއެއް ހަދައި ކުއްޖާގެ ބަނޑުގައި ހުރި ޗުއިންގަމް ކިރުތައް ނަގާފަ އެވެ. އޭރު އެ ކިރުތައް ހުރީ އެއްވެ ބޯޅައެއްގެ ސިފައިގަ އެވެ.

ސާޅީސް ޗުއިންގަމްކޮޅު ދިރުވާލުމުން މި ކުއްޖާގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސާ ބޭރަށް ހިންގި ކަމަށް މެޑިކަލް ޖާނަލް ޖޭއީއެމް (ޖެމް)ގައި ޝާއިއުކޮށްފައިވާ ކޭސް ސްޓަޑީއެއްގައި ވެއެވެ.

ޗުއިންގަމް ކިރުގަނޑެއް ދިރުވާލެވިއްޖެނަމަ ހަތް ވަރަކަށް އަހަރު ވަންދެން ބަނޑު ތެރޭގައި ހަލާކުނުވެ އަދި ބޮޑުކަމުދާ ނަޖިހާއެކު ފައިބައިގެން ނުގޮސް ހަރުލާފައި ހުންނަ ކަމަށް ރަށްފުށުގެ ބައެއް މީހުން ބުނިނަމަވެސް ސިއްހީ ތަޖުރިބާކާރުން ބުނަނީ އެކަން އެގޮތަށް ދިމާނުވާ ކަމަށެވެ. އަދި އެކްސިޑެންޓަކުން ޗުއިންގަމް ކިރުގަނޑެއް ދިރުވާލެވުމަކީ އެހާ ބޮޑު ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޗުއިންގަމް ކިރުގަނޑެއް ހަޖަމުކުރުމަކީ އިންސާނާގެ ހަށިގަނޑަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ ހަޖަމުކުރުމުގެ ނިޒާމުން ލާފައި ބޮޑުކަމުދާއިރު ކިރުގަނޑު ފައިބައިގެންދާއިރު ވެސް ކިރުގަނޑު ހަލާކުނުވެ ދިރުވާލިއިރު އިން ގޮތަށް އިންނަ ކަމަށް މަޔޯ ކްލިނިކްގެ ގެސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. އެލިޒަބަތު ރާޖަން ވިދާޅުވެފައި ވެއެވެ.

ޗުއިންގަމް ކިރުގަނޑު ދިރުވުމުން ނުރައްކާ ވަނީ މަދު ހާލަތެއްގައި ނަމަވެސް ނުރައްކާ ވަނީ މާގިނަ އަދަދެއްގެ ކިރުގަނޑު ދިރުވާލެވި ހަޖަމުކުރުމުގެ ނިޒާމް ބްލޮކް ވާތީ އެވެ. އޯހިއޯގެ ކުޑަ ކުއްޖާ އަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އޭނާއަށް ދިރުވާލެވުނީ ވަރަށް ގިނަ އަދަދެއްގެ ޗުއިންގަމް ކަމަށް ވާތީ ހުރިހާ ކިރުގަނޑު އެއްވެ ބޯޅައެއް ގޮތަށްވެ ގޮހޮރު ބްލޮކްވީ އެވެ.

މި ކުއްޖާ ގެންގުޅުނީ ކުދިކުދި ޗުއިންގަމް ހިމެނޭ ބޮޑު ޕެކެޓެއް ކަމަށް ވެއެވެ. އޭނާ ފަހަރަކު ޗުއިންގަމެއް ހަފާލާފައި ކިރުގަނޑާއެކު ދިރުވާލަނީ އެވެ. އެގޮތަށް 40 ޗުއިންގަމްކޮޅު އޭނާ ކައިފައި ކިރުގަނޑު ދިރުވާލާފައި ވެއެވެ.

އޭގެ އަނެއް ދުވަހު ކުއްޖާ ބޭރަށް ހިންގަން ފަށައި ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމުން އޭނާގެ މަންމަ އޭނާ ގޮވައިގެން ހޮސްޕިޓަލުގެ އިމަޖެންސީ އަށް ދިޔައީ އެވެ. އަދި ޗުއިންގަމް ކިރުތަކުން ބޮޑު ބޯޅައެއް ކަހަލަ އެއްޗެއް އުފެދިފައިވާތީ ސްކޭނުން ދެއްކި އެވެ. އަދި މިއީ ހަޖަމުނުވާ އެއްޗަކަށް ވެފައި ބޮޑުކަމުން ހަޖަމުކުރުމުގެ ނިޒާމުން އެ ޕްރޮސެސް ނުކުރެވިފައި އިނީ އެވެ.

ބަނޑުގައި ހުންނަ ހަޖަމުނުވާ މިކަހަލަ އެއްޗިއްސަށް ޑޮކްޓަރީ ބަހުން ކިޔަނީ ބީޒޯސް އެވެ. މިކަހަލަ ބީޒޯސް މާބޮޑު ނޫންނަމަ ހަޖަމުކުރުމުގެ ނިޒާމުން ޕްރޮސެސްވެ ހަށިގަނޑުން ބޭރުކޮށްލަން މާއުނދަގުލެއް ނުވެ އެވެ. ނަމަވެސް އޯހިއޯގެ މި ކުއްޖާގެ ބަނޑުގެ 25 ޕަސެންޓް ކަވަރުވެފައި އޮތީ މި ބީޒޯސް އެވެ. އެހެންކަމުން ސާޖަނުންނަށް ޖެހުނީ ކުއްޖާގެ ކަރުން ލާފައި ބަނޑަށް އެއްޗެއް ކޮއްޕައިގެން އެ ބީޒޯސް ނަގާށެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިފަދަ ބީޒޯސް ހުރިކަން ނޭނގި ބަނޑުތެރޭގައި ނުނަގާ ހުރެއްޖެނަމަ ބަނޑުތެރޭގައިވާ އޯގަންއެއްގައި ލޯވަޅު އެޅި އެ ގުނަވަނަށް ގެއްލުން ވުން ވަރަށް ގާތެވެ. ނަސީބަކުން އޯހިއޯ ކުއްޖާގެ ސާޖަރީ އަށް ފަހު އޭނާގެ ހާލު ވަނީ ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.