އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ލުއިޒިއާނާގައި ދިރިއުޅޭ ދެމަފިރިން ކަމަށްވާ ކެންޔާޓާ އާއި ޑެރެކް ކޯލްމަން އަށް ދަރިއަކު ލިބޭކަން އެނގުމުން އެމީހުން އުފަލުން ފޮޅުނެވެ. ކެންޔާޓާގެ ބަނޑުގައިވާ ދަރިފުޅުގެ އެއްވެސް ޖެނެޓިކް މައްސަލައެއް ނެތްކަން ޓެސްޓްތަކުން ދެއްކުމުން ދެމަފިރިން އިތުރަށް އުފާވި އެވެ.
ނަމަވެސް ކެންޔާޓާގެ ބަނޑަށް 30 ހަފުތާގައި ހެދި ސްކޭނުން ޑޮކްޓަރުންނަށް ކޮންމެވެސް ކަމެއް ގޯސްކަން ފާހަގަކުރެވުނެވެ.
އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި އާއި ހިތް ދުޅަވެފައި އިންކަން އެނގުނެވެ. މިއީ ސިކުނޑީގައިވާ ލޭ ހޮޅިއަކަށް ދިމާވެފައިވާ މައްސަލައަކުން ވެގެން އުޅޭ ކަމެކެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި މި ތުއްތު ކުއްޖާއަށް ދިމާވެފައިވާ ފަދަ ސިކުނޑީގެ މައްސަލަތައް ދިމާވާ ކުދިންގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިންގެ ފުރާނަ ސަލާމަތެއް ނުވެ އެވެ. އަނެއް ތިން ބައިކުޅަ އެއްބައިކުދިންގެ ފުރާނަ ސަލާމަތްވިޔަސް އެ ކުދިންގެ ސިކުނޑިއަށް މައްސަލަތަކެއް ދިމާވެ އެވެ. އަދި މުޅިން ރަނގަޅުވަނީ ތިންބައިކުޅަ އެއްބައި ކުދިންނެވެ.
ކޯލްމަންގެ ދެމަފިރިންނަށް އެމީހުންގެ ދަރިފުޅުގެ ހުރި މައްސަލަތައް އެނގުމާއެކު ކްލިނިކަލް ޓްރަޔަލްއެއްގައި ބައިވެރިވި އެވެ. މިކަމުގައި ހުރި ނުރައްކާތައް އެނގި ހުރެމެ އެވެ.
މި ޓްރަޔަލްގެ ތެރޭގައި ދުވަސް ނުފުރާ ވިހެއުމާއި ތުއްތު ދަރިފުޅުގެ ސިކުނޑިން ލޭ އައުން ފަދަ ކަމެއް ދިމާވުން އެކަށީގެންވާކަން އެނގި ތިބެ އެވެ.
އެންމެ ފަހުން ބޮސްޓަން ޗިލްރަންސް ހޮސްޕިޓަލް އާއި އެހެން ހޮސްޕިޓަލެއްގެ ޓީމެއް ގުޅިގެން ކެންޔާޓާގެ ރަހިމުގެ ސާޖަރީ ހަދައި ރަހިމު ކަފާލައި ރަހިމުގައި އޮތް ކުއްޖާގެ ބޮލުގެ ނާށިގަނޑު ކަފާލައިގެން ސިކުނޑި އޮޕަރޭޝަންކޮށް މައްސަލަތައް ރަނގަޅު ކުރި އެވެ.
މި ސާޖަރީ ޑޮކިއުމެންޓްކޮށް އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޖާނަލްގައި ޝާއިއުކޮށްފައި ވެއެވެ.
މިކަމާ ގުޅޭ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުއްޖާގެ ސިކުނޑީގެ ސާޖަރީ ހެދިއިރު ބަލިވެ އިނދެ ފުރިހަމަވެފައިވަނީ 34 ހަފުތާ އާއި ދެ ދުވަހެވެ.
މި ސާޖަރީ ހެދި ޑޮކްޓަރުން، ސާޖަރީގެ ކުރިން ބަނޑުގައި އޮތް ކުއްޖާ އޮތީ ރަނގަޅު ޕޮޒިޝަންގައި ކަން ޔަގީން ކުރި އެވެ.
ޑޮކްޓަރުން ބުނި ގޮތުގައި ބަނޑުގައި އޮތް ތުއްތު ކުއްޖާއަށް ސާޖަރީގެ ކުރިން ކުޑަކުޑަ އިންޖެކްޝަނެއް ދީ އެ ކުއްޖާ ނުގުޑި އޮންނާނެ ގޮތް ހެދި އެވެ. އަދި ތަދުކަނޑުވަން ވެސް ކުޑަ އިންޖެކްޝަނެއް ދިނެވެ.
ސާޖަރީއަށް ފަހު ތުއްތު ކުއްޖާގެ ހާލަތު ވަގުތުން ރަނގަޅު ވާން ފެށި ކަމަށްވެސް ޑޮކްޓަރުން ބުނެފައި ވެއެވެ. އަދި އޭގެ ފަހުން ހެދި ސްކޭން ތަކުން މުހިއްމު އޭރިއާތަކުގެ ބްލަޑް ޕްރެޝަރު ދަށްވިކަން ފާހަގަކުރެވުނު ކަމަށް ވެސް ބުނެފައި ވެއެވެ.
މި ސާޖަރީ އަށް ދެ ދުވަސް ފަހުން ކުއްޖާ ވަނީ ދުވަސްނުފުރާ އުފަންވެފަ އެވެ. އުފަންވީއިރު ބަރުދަނުގައި ހުރީ 4.2 ޕައުންޑެވެ.
ދުވަސްފުރާ ނޯމަލްކޮށް އުފަންވާ ކުއްޖެއްގެ ބަރުދަނުގައި ހަ ޕައުންޑާއި ނުވަ ޕައުންޑާ ދެމެދު ހުރެ އެވެ. އެހެންކަމުން އާދައިގެ ކުއްޖަކަށް ވުރެ މި ކުއްޖާގެ ބަރުދަން މާބޮޑަށް ވެސް ލުޔެވެ. ނަސީބަކުން ކުއްޖާގެ ސިކުނޑީގައި އެއްވެސް ނުކުޅެދުންތެރިކަމެއް ނެތް ކަމަށާއި ކުއްޖާއަށް ދިމާވީ ވަރަށް ކުދިކުދި ސިއްހީ މައްސަލަތައް ކަމަށް އޭނާގެ މަންމަ ބުންޏެވެ.
މިއީ އިންގިލާބީ ސާޖަރީ އެކެވެ. އަދި މި ސާޖަރީއަށްފަހު ކުއްޖާގެ ހާލު ރަނގަޅުވެ މިހާރު ވަނީ ގެޔަށް ފޮނުވާލާފަ އެވެ. އެހެން ކުދިން ފަދައިން މި ކުއްޖާ ވެސް ރަނގަޅަށް ހެދި ބޮޑުވަމުން އަންނަ ކަމަށާއި ބަރުދަންވެސް އިތުރުވަމުން އަންނަ ކަމަށް ކަމާ ގުޅޭ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.