ލައިފްސްޓައިލް

ބައްޕަ މަރުވުމުން ދެ އަހަރު ދަރިފުޅު ހާންތިވެގެން މަރުވެއްޖެ

އެމެރިކާގެ ނިއު ޔޯކްގެ ޖެނީވާގައި ހުރި އެޕާޓްމަންޓެއްގައި އެކަނި ދިރިއުޅުނު ދެ ބަފައިން މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.

ފިރިހެނަކާއި އޭނާގެ ދަރިފުޅު މި ތަނުގައި އެކަނިމާއެކަނި ފިރިއުޅެމުން ދަނިކޮށް ފިރިހެން މީހާ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވީ އެވެ. އޭނާގެ ދެ އަހަރުގެ ދަރިފުޅު މަރުވީ ކާނެ އެއްޗެއް ދޭނެ މީހަކު ނުވެ ބަނޑަށެވެ.

ޑޭވިޑް ކޮންޑޭ ސީނިއާ، 59، އާއި އޭނާގެ ދެ އަހަރުގެ ދަރިފުޅު މަރުވެފައި އޮއްވާ ފެނުނީ އެ ދެބަފައިން ނިދާ ކޮޓަރި ތެރެއިންނެވެ. އެމީހުން ކޮބައިތޯ ބަލަން އެ އެޕާޓްމަންޓުގެ ބޭރު ދޮރު ހަލާކުކޮށްލައިގެން ވެލްފެއާ އޮފިޝަލުން ވަދެފައިވަނީ އެމީހުންގެ ހަބަރެއް ނުވާތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މި ދެ އަހަރުގެ ކުއްޖާއަކީ އުފަންވީއިރުވެސް ވަރަށް ގިނަ ސިއްހީ މައްސަލަތައް ހުރި ކުއްޖެކެވެ. އެހެންވެ ވަރަށް ގިނަ ސާޖަރީތައް ހަދާފައި ވުމުގެ ސަބަބުން އަދި ކިރިޔާ އޭނާއަށް ހިނގައިގަނެވޭވަރު ވީއެވެ.

މިދިޔަ ފެބްރުއަރީ މަހު ހިނގި މި ހާދިސާ ތަހުގީގުކުރުމަށްފަހު ރިޕޯޓް ނެރެފައިވަނީ މީގެ ދެ ދުވަހެއް ކުރިންނެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮންޑޭ ސީނިއާ މަރުވެފައިވަނީ ހިތުގެ މައްސަލަތަކެއް ދިމާވެ ގުދުރަތީ މަރަކުންނެވެ. އޭނާގެ ދަރިފުޅު މަރުވީ ބައްޕަ މަރުވުމުން ކާ އެއްޗެއް ބޯއެއްޗެއް ދޭނެ މީހަކު ނެތި އެހެން އޮވެ ބަނޑަށެވެ.

"ގަބޫލު ކުރެވެނީ ފުރަތަމަ މަރުވީ ކޮންޑޭ ކަމަށް. އޭނާ މަރުވުމުން ކުޑަ ކުއްޖާއަށް ކާ އެއްޗެއް ނުލިބި ބަނޑަށް އޮވެ މަރުވީކަމަށް ބެލެވެނީ،" އެމެރިކާ ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން އެ އެޕާޓްމަންޓަށް ވަނީ ކޮންޑޭ އާއި ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުވާތާ ގިނަ ދުވަސް ވުމުން ވެލްފެއާ ޗެކް ކުރުމަށެވެ. ސަބަބަކީ ކުޑަކުއްޖާގެ ކަސްޓަޑީ އޭނާގެ ބައްޕަ އާ ކޯޓުން ހަވާލުކޮށްފައިވާތީ އެ ކުއްޖާގެ ހާލު އަހުވާލު ގަވާއިދުން ބަލަން ވެލްފެއާ އޮފިޝަލުންނަށް ޖެހޭތީ އެވެ.

ކުޑަ ކުއްޖާ އުފަންވީތާ ވަރަށް ކުރީކޮޅު އޭނާ ބެލުމުގެ ޒިންމާ ކޯޓުން ވަނީ ކޮންޑޭ އާ ހަވާލުކޮށްފަ އެވެ. އަދި އޭގެ ފަހުން ކުއްޖާގެ މަންމަ އެއްވެސް ވަރަކަށް އެ ދެބަފައިންނާ ބައްދަލުކުރަން މަސައްކަތް ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.