ލައިފްސްޓައިލް

ޓިކްޓޮކް ޗެލެންޖެއްގައި ބައިވެރިވި އެމެރިކާ ކުއްޖަކު މަރުވެއްޖެ

ޓިކްޓޮކްގައި ކުރިއަށްދިޔަ "ބެނަޑްރީލް ޗެލެންޖް"އެއްގައި ބައިވެރިވި އެމެރިކާގެ 13 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ. ޖޭކަބް ސްޓީވަންސް އަކީ އޯހިއޯ ސްޓޭޓަށް ނިސްބަތްވާ ކުއްޖެކެވެ.

ބެނަޑްރީލް އަކީ އެންޓިހިސްޓެމިން އެކެވެ. އެލާޖީ މައްސަލަތަކާއި ހުމަށް އަދި އާދައިގެ އަރިދަފުސް ރޯގާ ޖެހުމުން ބޭނުންކުރާ އާއްމުކޮށް ބޭސް ސިޓީއާ ނުލާ ވެސް ލިބެން ހުންނަ ބޭހެކެވެ.

"ބެނެޑްރީލް ޗެލެންޖް"ގެ ނަމުގައި ބޭއްވި މި ޗެލެންޖްގައި ބައިވެރިވެ މި ކުއްޖާ ވަނީ މި ބޭހުގެ 12 ނުވަތަ 14 ގުޅަ ބޭސް ކައިފަ އެވެ. އޭނާ މި ބޭސްތައް ކަމުންދިޔައިރު އޭނާގެ އެކުވެރިޔަކު މި މަންޒަރު ވީޑިއޯ ކުރަމުން ގެންދިޔަ އެވެ. ޚުދު އެ ކުދިންނަށް ވެސް މިކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭ ހާލުގަ އެވެ.

"ދަ ބެނަޑްރީލް ޗެލެންޖް"ގައި ބައިވެރިވާ މީހުންނަށް ވީހާވެސް ގިނައިން މި ބޭސް ކެއުމަށް ހިތްވަރު ދެއެވެ. އެއީ "ހެލުސިނޭޝަންސް" ތަޖުރިބާ ކުރުމަށެވެ.

ޓިކްޓޮކްގައި މިހާރު ކުރިއަށްދާ މި ޗެލެންޖަކީ ފުރާނައަށް ނުރައްކާވާ ޗެލެންޖަކަށް ވިޔަސް ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މި މަޅީގައި ދަނީ ޖެހެމުންނެވެ.

މި ބޭހަކީ އާއްމުކޮށް ލިބެން ހުންނަން ބޭހަކަށް ވާއިރު މީގެ 12 ގުޅަ ކެއުމަށް މި ޗެލެންޖްގައި ބައިވެރިވާ މީހުންނަށް ހިތްވަރުދެ އެވެ. ނަމަވެސް 12 އަހަރުން ދަށުން ކުދިންނަށް މި ބޭސް އޯވަޑޯޒް ނުވެ އެންމެ ގިނައިން ވެސް ކެވޭނީ 24 ގަޑިއިރެއްގެ ތެރޭގައި ހަ ގުޅަ އެވެ. އެއަށް ވުރެ ގިނައިން ކެވިއްޖެނަމަ މޭނުބައިކޮށް ހޮޑުލެވި، ފިޓް ޖެހި އަނގައިން ފޮނުއަރައި އަދި މަރުވުން ވެސް އެކަށީގެންވެ އެވެ.

މި ކުއްޖާގެ ބައްޕަ ޖަސްޓިން ސްޓީވަންސް އެމެރިކާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާގެ ދަރިފުޅު މި ބޭހަށް އޯވަޑޯޒްވީ ހަފުތާ ބަންދުގައި ރައްޓެހި ކުދިންތަކެއް ގެއަށް ގެނެސްގެން އެ ކުދިންނާއެކު ކުޅެން އުޅުމުގެ ތެރޭގަ އެވެ.

"މަޖަލަކަށް މި ޗެލެންޖްގައި އޭނާ ބައިވެރިވީ. ބޭސް ކެއުމާއެކު ހުރިހާ އެއްޗެތި ކަހަލަ ގޮތަކަށް ހޮޑަށް ލެވުނު. އެކަމަކު މިއީ ދަރިފުޅުގެ ހަށިގަނޑަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވި. އަހަރެމެން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިން. އެކަމަކު ހަ ދުވަސް ވަންދެން ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް މަރުވީ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

އޭނާ ސިފަ ކުރި ގޮތުގައި އެ ދުވަހަކީ އޭނާގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަހެވެ. އެ ދުވަހު ހޮސްޕިޓަލަށް ގެންދިޔަފަހުން ދަރިފުޅު އެއްގޮތަކަށްވެސް ލޯ ވެސް ހުޅުވާ ނުލާ ކަމަށް ސްޓީވަންސް ބުންޏެވެ.

އަމިއްލަ ދަރިފުޅުގެ ކުއްލި މަރާ ގުޅިގެން ސްޓީވަންސް ވަނީ ޓިކްޓޮކްގެ މި ޗެލެންޖާ މެދު ފަރުވާތެރިވުމަށް މައިންބަފައިންނަށް އިލްތިމާސް ކޮށްފަ އެވެ. އަދި އޮންލައިން ބޭނުންކުރާއިރު ކުދިން ބަލަނީ ކޮން އެއްޗިއްސެއްތޯ އާއި ކުރަނީ ކޮން ކޮން ކަންތަކެއްތޯ ފާރަލާ ބެލުމަށާއި އެކުދިން އެކަނި އޮންލައިނުން ބޭނުން އެއްޗެއް ބަލައި ބޭނުންކަމެއް ކުރަން ދޫނުކޮށްލަން އޭނާ މައިންބަފައިންގެ ކިބައިން އެދުނެވެ.

މީގެ ކުރިން ވެސް މިފަދަ އޮންލައިން ޗެލެންޖްތަކުގައި ކުޑަކުދިންގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. އެގޮތުން ބްލޫ ވޭލް ޗެލެންޖް" ކިޔާ އޮންލައިން ސުއިސައިޑް ގޭމެއް ކުޅެގެން ޓީންއޭޖް ފުރައިގެ 200 އަށް ވުރެ ގިނަ ކުދިން މަރުވެފައި ވެއެވެ.