ލައިފްސްޓައިލް

އޮޓިޒަމް ހުރި ކޮއްކޮ ސަލާމަތްކުރަން އުޅެނިކޮށް ބޭބެ މަރުވެއްޖެ

އެމެރިކާގެ ފްލޮރިޑާގައި ހުންނަ އޭނާގެ ގެއިން އުމުރުން އެންމެ ހަ އަހަރުގެ ތާހްޖީރް ބުރޯޒް ނުކުމެގެން ދިޔައިރު ހުރީ ހަމައެކަނި ޑައިޕާ އަކާއި ޓީ-ޝާޓެއްގަ އެވެ. އޭރު ތޫފާނެއް އަރައިގެން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއްވެ އެހިސާބުގައި އޮންނަ ކެނަލްއެއް ވެސް އޮތީ ފުރިގެން ބަނޑުން ގޮއްސަ އެވެ. ގޭގެ އެއްވެސް މީހަކަށް ނޭނގި ތާހްޖީރް ގެއިން ނުކުމެގެން ސީދާ މިސްރާބު ޖެހީ ކެނަލް އަށެވެ.

ތާހްޖީރް އަކީ ވަރަށް ބޮޑަށް އޮޓިޒަމްގެ މައްސަލަ ހުންނަ ކުއްޖެކެވެ. ފެން ދެކެ އޭނާ ވަރަށް ލޯބިވެ އެވެ. ފެންގަނޑެއް މޫދެއް ކޯރެއް އެއްޗެއް ފެނިއްޖެނަމަ އޭނާ އެ ދިމާލަކަށް ދާނެކަމަށް ތާހްޖީރުގެ މަންމަ ބުންޏެވެ.

ތާހްޖީރުގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ނުކުމެދާނެތީ އެ ގޭގައި ވަށައިގެން ވަރުގަދަ ފެންސެއް ޖަހާފައި ހުއްޓެވެ. ނަމަވެސް ތޫފާނުގައި އެ ފެންސް އޮތީ މުޅިން ފުނޑުފުނޑުވެފަ އެވެ. އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކޭ މިފިރިހެން ކުއްޖާ މި ފުރުސަތުގެ ބޭނުން ހިފައި ގެއިން ނުކުމެގެން ދިޔައީ އެއްވެސް މީހަކަށް ހިލަމެއް ވެސް ނުވެ އެވެ.

އޭރު ތާހްޖީރްގެ 17 އަހަރުގެ ބޭބެ ތަހްޖޮން ހުރީ ފާޚާނާގަ އެވެ. އޭނާ ފާޚާނާއިން ނުކުތުމާއެކު ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ. އަދި ވަގުތުން އޭނާގެ ކޮއްކޮ ހޯދަން މުޅި ގޭގައި އަތްފުނާއަޅަން ފެށި އެވެ. އަދި އޭނާގެ މަންމަގެ ކޮޓަރީގެ ދޮރުގައި ތަޅައިގެންފައި ތާހްޖީރް ގެޔަކު ނެތޭ، ގެއިން ނުކުމެގެން ހިނގައްޖޭ ގޮވި އެވެ. އަދި ދުވެފައި މަގުމައްޗަށް ނުކުމެ ކޮއްކޮ ދާނެހެން ހީވާ ދިމާލަށް ދުއްވައިގަތެވެ.

އެ ކުދިންގެ މަންމަ ލަޗޭރާ ބުރޯޒް ވެސް އަވަހަށް ނުކުމެގެން ގޮސް ކާރަށް އަރައި ދުއްވާލި އެވެ. ކެނަލްގައި ފެން ހުންނާނެތީ ތާޙްޖީރް ދާނީ އެ ދިމާލަށްކަން އޭނާގެ ބޭބެ އަށް ވެސް އަދި މަންމައަށް ވެސް އެނގެ އެވެ.

ނަމަވެސް ލަޗޭރާއަށް ކާރުގައި ކެނަލްއާ ހަމައަށް ދެވުނުއިރު އެއްވެސް މީހެއްގެ ހިލަމެއް އެތާކު ނެތެވެ. އަދި ފެންގަނޑުގައި ވެސް އެންމެ ބާންޏެއް ވެސް ނެތެވެ.

"އަހަރެންނަށް އެކައްޗެއް ވެސް ނުފެނޭ. މުޅިތަން އޮތީ މައިތިރިކޮށް،" ލަޗޭރާ ބުންޏެވެ.

އޭނާ ދެން ގުޅީ ފުލުހުންނަށެވެ. އަދި ތާހްޖީރު ހޯދަން އެ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ބަލަން ފެށި އެވެ. އޭގެ އެތައް އިރެއް ފަހުން ޑިޓެކްޓިވުން އޭނާގެ ގެޔަށް އައެވެ. އަދި އޭނާގެ ދެ ފިރިހެން ދަރިން ފެނިއްޖެ ވާހަކަ ބުންޏެވެ. ދެބެން ވެސް ތިބީ ކެނަލް އަށް ގެނބިގެން މަރުވެފަ އެވެ.

ދެބެންގެ މަންމަ ބުނި ގޮތުގައި އޭނާއަށް ހީވަނީ ކޮއްކޮ ގޮސް ކެނަލް އަށް އެރޭތަން ބޭބެ އަށް ފެނިގެން އޭނާ ސަލާމަތްކުރަން އެރިގެން އުޅެނިކޮށް ބޭބެ ވެސް ގެނބުނީ ހެންނެވެ. އެ ކުދިންގެ އުމުރުގައި ބޮޑު ތަފާތެއް ހުއްޓަސް އެއީ ހަމަ ބެސްޓް ފްރެންޑުންނެވެ.

ކޮއްކޮ މައިތިރިކޮށް އުފާކޮށްފައި ބަހައްޓާނެ ހުރިހާ ގޮތެއް އެނގޭ ހަމައެކަނި ކުއްޖަކީ ބޭބެ އެވެ.

"އަހަންނަކަށް ނޭނގެ އެއް ކުއްޖަކާ ނުލައި އަނެއް ކުއްޖަކަށް ދުނިޔޭގައި ހުރެވޭނެ ކަމެއްވެސް. އަދި ކޮއްކޮ ގެނބޭތަން ފެނުމުން ތާހްޖޮން އަށް ފުންމައި ނުލާ ނުހުރެވޭނެކަން އެއީ ހަމަ ޔަގީންކަމެއް. ޚުދް އަހަރެންނަށް ތާހްޖޮން އަށް ވުރެ ކުރިން އެތަނަށް ދެވުނު ނަމަ އަހަރެންނަށް ވެސް ފުންމާލެވޭނެ،" ދެބެންގެ މަންމަ ބުންޏެވެ.

އެ ސަރަހައްދުގެ ފުލުހުން ވަނީ ދެބެން ކެނަލް އަށް ގެނބި މަރުވިކަން ޔަގީން ކޮށްދީފަ އެވެ.

އެކުދިންގެ މަންމަ ބުނި ގޮތުގައި އޭނާއަކީ އެކަނިވެރި މައެކެވެ. އަދި އެމީހުން ދިރިއުޅެނީ އޭނާ މަސައްކަތް ކޮށްގެން ލިބޭ އެއްޗަކުންނެވެ. ތާހްޖޮން އަކީ އޭނާގެ އެއްމާބަނޑު ދެބެންގެ ތެރެއިން އެއް ކުއްޖެކެވެ. އަދި ދެބެން މަރުވުމުން މިހާރު އޭނާގެ ކުރީ އެއްމާބަނޑު ދެބެންގެ ތެރެއިން އަނެއް ކުއްޖާ ކަމަށްވާ ތާހްޖޭ އެވެ.

"އުމުރުން އެންމެ ތިން އަހަރުގައި ތާހްޖީރް އޮޓިޒަމް އަށް ޑައިގްނޯސްވީ. އޭނާގެ ހުރީ ވެސް އޮޓިޒަމްގެ އެންމެ ބޮޑުވަރުވާ ވައްތަރު. އެހެންވެ ތާހްޖޮން ވަރަށް ލޯބިވާނެ ތާހްޖީރް ދެކެ. ބައްޕައަކު ކަންތައްކުރާ ގޮތަށް އޭނާއަށް ހުރިހާ ކަމެއް ވެސް ކޮށްދޭނެ. ތާހްޖީރް ދުނިޔޭގައި ހުރިނަމަ މި ޑިސެމްބަރުގައި އޭނާއަށް ހަތް އަހަރު ފުރޭނެ. އެކަމަކު އޭނާގެ ހުންނަނީ ދޮޅު އަހަރުގެ ކުއްޖެއްގެ ސިކުނޑި،" ދެބެންގެ މަންމަ ބުންޏެވެ.

މި ދެބެންގެ މެދުގައި އޮތް އާދަޔާޚިލާފު ގުޅުން އެނގޭތީ އެ ކުދިން މަންމަ އެ ކުދިން ވަޅުލާފައިވަނީ ވެސް ކައިރި ކައިރީގަ އެވެ.

ތާހްޖޭ އަކީ ޚިޔާލީ އަދި ސުޕަހީރޯ ވާހަކަތައް ލިޔާ ކުއްޖެކެވެ. އެއް ދުވަހަކުން އެ ވާހަކަތައް ލިޔެ ނިންމާލަން ތާހްޖޭ ބޭނުންވި އެވެ. އެއީ ކޮއްކޮއަށްޓަކައި އޭނާ ކުރަމުންދިޔަ މަސައްކަތެކެވެ.

ތާހްޖީގެ އެއްމާބަނޑު ކޮއްކޮ ބުނި ގޮތުގައި ބޭބެ ލިޔަން ފެށި ވާހަކަތައް އޭނާ އެއް ދުވަހަކުން ފުރިހަމަކުރާނެ އެވެ. އެއީ އޭނާގެ އެއްބަނޑު އެއްބަފާ ދެބެންގެ ހަނދާނުގައި އޭނާ ކުރަން ބޭނުންވާ ކަމެކެވެ.