އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގައި އިއްޔެ ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއްގައި ކާރެއް ތެރޭގައި ހަނދާން ނެތި ބޭއްވިފައި އޮތް އެއް އަހަރުގެ ކުއްޖެއް މަރުވެއްޖެ އެވެ.
މި ކުއްޖާ ބަލަމުން ދިޔައީ އޭނާގެ އަސްލު މަންމައެއް ނޫނެވެ. އޭނާ ދަރިއެއް ގޮތަށް ބަލަމުން ގެންދިޔައީ އެހެން ދެމަފިރިއެކެވެ. މި ދެމަފިރިންނަކީ ވެސް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ދެ މީހުންނެވެ.
ވޮޝިންޓަން ސްޓޭޓުގެ ފުލުހުން ބުނި ގޮތުގައި ކުއްޖާ ބަލަހައްޓާ މަންމަ (ފޮސްޓާ މަދާ) އޭނާ ކާރު ތެރޭގައި ބާއްވާފައި ހޮސްޕިޓަލުގެ ޑިއުޓީ އަށް ދިޔައީ އެ ކުއްޖާ ކާރުގައި ބޭއްވުނު ހަނދާން ނެތިގެންނެވެ.
ކާރުގައި ކުއްޖާ ބޭއްވުނު ހަނދާން އޭނާ ވީ ހޮސްޕިޓަލުގައި ނުވަ ގަޑިއިރު ޑިއުޓީ އަދާކޮށް ނިންމުމަށްފަހު ނިކުމެގެން އައިސް ކާރަށް އެރި ވަގުތު އެވެ. ވަގުތުން އޭނާ ކުއްޖާ ގޮވައިގެން ހޮސްޕިޓަލު ތެރެއަށް ވަދެގެން ގޮސް ފަރުވާ ދޭން ފެށި ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.
އެ ސަރަހައްދަކީ އެހާ ހޫނު ގަދަ ސަރަހައްދަކަށް ނުވިޔަސް ކާރު ތެރޭގައި ހޫނުމިން އޭރު 100 ޑިގްރީ އަށް އަރާފައި ވެއެވެ. ކުއްޖާ މަރުވެފައިވަނީ ކާރު ތެރޭގައި ހޫނު ގަދަވެގެން ގޮސް ހީޓް ސްޓްރޯކެއް ޖެހިގެންނެވެ.
މި ކުއްޖާގެ ބެލެހެއްޓުމާ ހަވާލުވެ ހުރި މަންމަ ނުވަތަ ފޮސްޓާ މަދާ އަކީ ހޮސްޕިޓަލުގައި ސޯޝަލް ވޯކާއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އަދި އޭނާގެ ބެލުމުގައި ދަށުގައި އެހެން ކުއްޖެއްވެސް އެ ވަގުތު ހުއްޓެވެ. އޭނާ ހޮސްޕިޓަލަށް އައީ އެ ކުއްޖާ ގޭގައި ބަހައްޓާފަ އެވެ. އަދި މި ކުއްޖާވެސް ގެނެވުނު ހަނދާން އޭނާ އެއްގޮތަކަށް ވެސް ނެތް ކަމަށް ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
މިހާރު އަންހެން މީހާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާ އޭނާ އަތުން އަތުލާނީތޯ ނުވަތަ ނޫންތޯ އަދި ނުނިންމަ އެވެ. ފުލުހުން ބުނީ މިއީ މި ޒަމާނުގައި މީހުން އުޅެން ޖެހޭ ބުރަ އަދި ހާސްކަން ބޮޑު ދިރިއުޅުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށެވެ.
"ކޮންމެ މީހަކުވެސް އުޅެނީ ވަޒީފާ އާއި ދަރިންނާއި ގޭގެ މަސައްކަތްތަކާއި ހުރިހާ ކަމެއް ބޮލުގައި އަޅައިގެން ހާސްކަމުގެ ތެރޭގައި. އެހެންވެ މިފަދަ ކަންކަން މެދުވެރިވަނީ. ހާސްކަމުގައި ނޫޅެ ހަމަޖެހިލައިގެން ދިރިއުޅެން ކޮންމެ މީހަކުވެސް ދަސްކުރަން ޖެހޭނެ. ނޫނީ މިފަދަ ކަންކަން ދިމާވުން އިތުރުވާނެ،" ފުލުހުންގެ އިސް އޮފިޝަލު ވިދާޅުވި އެވެ.
ސިއެޓެލް ފަޔާ ޑިޕާޓްމަންޓުން ބުނި ގޮތުގައި މި ހާދިސާ ހިނގި ދުވަހަކީ އެ ހިސާބުގަނޑުގެ ޖައްވު އެހާ ހޫނު ދުވަހެއް ނޫނެވެ. ނަމަވެސް ކާރުގެ އެއާކޯން ކަނޑާލާފައި ދޮރު ލައްޕާފައި 10 ވަރަކަށް މިނިޓް ވާއިރަށް 19 ޑިގްރީއަށް ހޫނު މަތިވާނެ ކަމަށާއި ކުޑަކުދިންގެ ހަށިގަނޑުގެ ހޫނުމިން ބޮޑެތި މީހުންނަށް ވުރެ ތިން ގުނަ ނުވަތަ ފަސް ގުނަ އިތުރުވާނެތީ އެކުދިންނަށް ހީޓް ސްޓްރޯކް މާއަވަހަށް ޖެހޭނެ ކަމަށެވެ.