ފަޔާފައިޓާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް އޭނާ މަސައްކަތްކުރާ ސަރަހައްދުން ތުއްތު ކުއްޖެއް ފެނުނެވެ. އަދި މިހާރު އޭނާ ވަނީ މި ތުއްތު ކުއްޖާ އެޑޮޕްޓްކޮށް ރީތި އާއިލީ ދިރިއުޅުމެއް ފަށާފަ އެވެ.
އެމެރިކާގެ ފްލޮރިޑާގެ އޮކަލާ ކިޔާ ސަރަހައްދެއްގައި މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގެ ރޭ މި ފަޔާފައިޓާ ހުރީ ދަންވަރު ޑިއުޓީ އަށެވެ. ދަންވަރު 2:00 ވީ ފަހުން އޭނާއަށް އެލާމެއްގެ އަޑު އިވުނެވެ.
އެ އެލާމް އަޅަމުން ދިޔައީ އޭނާ މަސައްކަތްކުރާ ޑިޕާޓްމަންޓްގެ ބޭރުގައިވާ "ސޭފް ހެވަން ބޭބީ ބޮކްސް" އެއްގެ ތެރެއިންނެވެ. މިއީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައި ހުންނަ މިފަދަ ފޮށިތަކުގެ ތެރެއިން ފޮއްޓެކެވެ.
މިއީ އެކި ސަބަބުތަކާ ހުރެ ތުއްތު ކުދިން ގެންގުޅެން ބޭނުންނުވާ ނުވަތަ ގެންގުޅެވެން ނެތް މީހުން އެކުދިން ނުދަންނަ މީހުންނަށް ދިނުން، ނުވަތަ މަރާލުން ފަދަ ކަންކަމުން ރައްކާތެރިކުރުމަށް ބަހައްޓާފައި ހުންނަ ފޮށި ތަކެކެވެ. ވިހާފައި ގެނެސް ކުއްޖާ މި ފޮށީ ތެރޭގައި އެހެން މީހަކަށް ނޭނގޭ ގޮތަށް ބޭއްވޭނެ އެވެ. އޭރުން ދައުލަތުން މި ކުއްޖާއާ ހަވާލުވެ އޭނާ އެޑޮޕްޓްކުރަން ބޭނުންވާ މީހަކާ ހަވާލު ކުރަނީ އެވެ.
ފަޔާފައިޓާ ކިޔައިދިން ގޮތުގައި އޭނާއަށް އެ ފޮށި ތެރޭން އެލާމްގެ އަޑު އިވުމުން ފުރަތަމަ ހީކުރީ އެއީ އޭގައި މައްސަލައެއް ދިމާވެގެން އަޅާ އެލާމެއް ކަމަށެވެ. ނަމަވެސް އެތަނަށް ގޮސް ފޮށި ތެރެ ބަލާލިއިރު ލޯބި ލޯބި ތުއްތު އަންހެން ކުއްޖެއް އޭގެ ތެރޭގައި އޮތެވެ. ފިޔާތޮށިކުލައިގެ ބްލެންކެޓެއް ތުއްތު ކުއްޖާގެ ގައިގައި އޮޅާލާފައި އޮތްއިރު އަތުގައި ފިޔާތޮށިކުލައިގެ ބުއްފުޅިއެއް އޮތެވެ.
ފުޅީގައި އަތުން ހިފާލައިގެން ވަރަށް ހަމަޖެހިލައިގެން ކުއްޖާ އޮތެވެ.
"އަހަރެން އޭނާ ނަގާ އުރާލި ވަގުތު ތުއްތު ކުއްޖާ އާއި އަހަރެންގެ ހަތަރު ކަޅި ބައްދަލުވި. އެވަގުތު އަހަންނަށް ހީވަނީ އެ ތުއްތު ކުއްޖާ ދެކެ އަހަންނަށް ލޯބި ވެވުނީ އެ ވަގުތުހެން. އޭރު އަހަރެންނާއި އަންހެނުންނަށް ކުއްޖަކު ނުލިބިގެން ބޭސް ފަރުވާ ކުރާތާ އެތައް އަހަރެއް ވެއްޖެ. އަދި ކުއްޖަކު އެޑޮޕްޓްކުރުމުގެ ޚިޔާލު އަހަރެމެން ދެމަފިރިން ގެންގުޅޭތާ ވެސް ކިތަންމެ ދުވަހެއް ވެއްޖެ،" ފަޔާ ފައިޓާ ކިޔައިދިނެވެ.
އޭނާ ވަގުތުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ކުއްޖާ އެޑޮޕްޓްކުރަން އެދި ނޯޓެއް ލިޔެ ހޮސްޕިޓަލަށް ފޮނުވިއެވެ. ނަމަވެސް އަންހެނުން ކައިރިއަކު އެ ވާހަކައެއް ނުބުނެ އެވެ. އޭނާއަށް ދަރިއަކު ލިބުމުގެ އުންމީދު ލިބި ނާއުންމީދުވާން ޖެހިދާނެތީ އިހަށް މަޑުކޮށްލީ އެވެ.
"އަހަރެން އެ ނޯޓުގައި ލިޔުނިން އަހަރެންގެ އަންހެނުން އެ ދަރިފުޅާ ހަވާލުވާން ތައްޔާރޭ. އަހަރެމެން ދަރިއަކު ނުލިބިގެން ކުއްޖަކު އެޑޮޕްޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށް އެކަމާ ބެހޭ ތަމްރީނުތައް ވެސް ވަނީ ހަދާފައޭ،" ފަޔާފައިޓާ ބުންޏެވެ.
ނަސީބަކުން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަތާ އެންމެ ދެ ދުވަސް ތެރޭ އެ ދެމަފިރިންނަށް ކުއްޖާ ލިބުނެވެ. އަދި އޭގެ އެތައް މަހެއް ފަހުން ރަސްމީކޮށް އެމީހުންނަށް ކުއްޖާ އެޑޮޕްޓްކުރުމަށް ލިބިފައި ވެއެވެ. އެމީހުން އެ ކުއްޖާ އަށް ދިން ނަމަކީ ޒޯއީ އެވެ.
ޓުޑޭ ނޫހަށް ދިން އިންޓަވިއު އެއްގައި ނަން ހާމަކުރަން ބޭނުންނުވާ ފަޔާފައިޓާ ބުނީ ކުއްޖާ ފެނުނު ރޭ ކަންތައް ވީގޮތް އަދިވެސް އޭނާއަށް ގަބޫލުކުރަން ވެސް ދައްޗެވެ. އެމީހުން ދަރިއަކު ނުލިބިގެން ހިތާމަކުރާތާ އެތައް އަހަރެއް ފަހުން ކުއްލިއަކަށް "ސޭފް ހެވަން ބޭބީ ބޮކްސް'އެއްގެ ތެރެއިން ތުއްތު ކުއްޖެއް އެމީހުންނަށް ލިބިދާނެކަމަށް ޚިޔާލަށް ވެސް ގެނެސްފައި ނުވާ ކަމަށް ވެސް އެމީހާ ބުންޏެވެ.