ބައެއް މީހުން އުމުރު ދުވަސް ހޭދަކުރަނީ ފަގީރު ހާލުގަ އެވެ. އަނެއް ބަޔަކު އުފަންވަނީ ވެސް މިލިއަނަރުންގެ ގޮތުގަ އެވެ. މިއީ ވެސް އެފަދަ ތުއްތު އަންހެން ކުއްޖެއްގެ ވާޙަކަ އެވެ. މި ކުއްޖާއަށް މުއްސަންޖަކަށް ވާން ކުރަން ޖެހުނީ އެންމެ ކަމެކެވެ. އެއީ ދުނިޔެއަށް އުފަންވުމެވެ.
މި ކުއްޖާ އުފަންވީތާ ދެވަނައަށް ވީ ދުވަހު މި ކުއްޖާގެ ކާފަ ވަނީ އޭނާގެ ދެ ދުވަސްވީ ތުއްތު ދަރިފުޅަށް އެއް މިލިއަން ޕައުންޑްގެ އަގުހުރި ގެދޮރާއި މުދާ އަދި ފަސް މިލިއަން ޕައުންޑްގެ ޓްރަސްޓް ފަންޑެއް ދީފަ އެވެ.
އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅޭ މަލްޓި-މިލިއަނަރެއް ކަމަށްވާ ބެރީ ޑްރޫވިޓް-ބާލޯ މިދިޔަ ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި ޝެއާ ކުރި މެސެޖެއްގައި އިއުލާން ކުރި ގޮތުގައި އޭނާގެ އަންހެން ދަރިފުޅު ސެފްރޮން ޑްރޫވިޓް-ބެލޯ، 23، އަންހެން ކުއްޖަކު ވިހައިފި އެވެ.
ބެރީ، 51، ބުނި ގޮތުގައި އަލަށް މި ލިބުނު ކާފަ ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ހޯދައިދޭން އޭނާ ބޭނުންވެ އެވެ. އެގޮތުން މުޅިން އާ ގެއެއް އެ ކުއްޖާގެ ނަމުގައި ގަނެފައިވާ ކަމަށާއި މިއީ އެއް މިލިއަން ޑޮލަރުގެ ގެއެއް ކަމަށް ބެރީ ބުނެފައި ވެއެވެ.
"މި ގޭގެ އިންޓީރިއާ ހަދަން މިހާރު ބަޔަކާ ހަވާލުކޮށްފިން. އަދި ސެފްރޮންގެ ބޭބެ އެސްޕެން ދާދިފަހުން އޭނާއަށް ބޮޑުބޭބެ ކިޔާ ތުއްތު ކުއްޖާއަށް 5000 ޕައުންޑްގެ އަގުހުރި ޕްރޭމް އަކާއި ޕުޝްޗެއާ އެއް ވަނީ ގަނެދީފަ،" ބެރީ ބުންޏެވެ.
ބެރީ ބުނި ގޮތުގައި އޭނާ އުފަންވީ ވަރަށް ފަގީރު އާއިލާ އަކަށެވެ. އެހެންވެ އޭނާ ކުޑައިރު ބޭނުންވާ އެއްވެސް އެއްޗެއް ނުލިބެ އެވެ. ނަމަވެސް ފުރަތަމަ ކާފަ ދަރިފުޅަށް އޭނާ ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދޭން ބެރީ ވަނީ އަޒުމު ކަނޑައަޅާފަ އެވެ.
ބެރީ ވަރަށް ފަހުން އިނގިރޭސިވިލާތުގައި ޗެނަލް 5 އިން ދެއްކި ޓީވީ ޝޯއެއް ކަމަށްވާ "ރިޗް ހައުސް ޕުއާ ހައުސް"ގައި ބައިވެރިވެ ފަގީރު އަންހެނަކާ އެކު ދުވަސްކޮޅަކަށް ދިރިއުޅުން ބަދަލުކޮށް އެމީހާ އުޅުނީ ފަގީރު ހާލުގައި އޭނާ އުޅެ އޭނާގެ މުއްސަނދި ދިރިއުޅުން އުޅުމުގެ ފުރުސަތު އެ އަންހެން މީހާ އަށް ދީފައި ވެއެވެ. އެގޮތުން ފަގީރު އަންހެން މީހާގެ ދިރިއުޅުން ބެރީ އުޅެމުންދިޔައިރު އޭނާއަށް ހަފުތާއަކު ޚަރަދު ކުރަން ލިބުނީ އެންމެ 57 ޕައުންޑެވެ.
ބެރީ ބުނި ގޮތުގައި މިއީ ވަރަށް ތަފާތު އަދި ވަރަށް ލޯ ހުޅުވުނު ތަޖުރިބާ އެކެވެ.