ލައިފްސްޓައިލް

ފޯނު ބޫތަކަށް އެއްލާލި ތުއްތު ކުއްޖާ ބޮޑުވެގެން އެއްލާލި ސަބަބު ހޯދައިފި

ގެއްލިފައިވާ އެއްބަނޑު އެއްބަފާ ކުދިން އަލުން ބައްދަލުވާ ވާހަކަތަކާއި މައިންބަފައިން ގެއްލިފައި ތިބޭ ކުދިންނަށް އެކުދިންގެ މައިންބަފައިންނާ ބައްދަލުވީ ގޮތުގެ ވާހަކަތައް ވަރަށް ގިނައިން އިންޓަނެޓުން ފެނެ އެވެ. މިފަދަ ބައެއް ވާހަކަތަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބެ އެވެ. އެ ވާހަކަތަކާ ގުޅިފައިވާ ހާދިސާތަކުގެ އަސަރުގަދަކަމުންނެވެ.

އެގޮތުން މިދިޔަ އަހަރު އެއްބަނޑު އެއްބަފާ ބޭބެ އަކާއި ކޮއްކޮއަކު 51 އަހަރު ފަހުން ބައްދަލުވީ ވާހަކައެއް ސޯޝަލް މީޑިއާ އިން ފެނިފައި ވެއެވެ. މި ދެބެންގެ ތެރެއިން އެއް ކުއްޖަކު ވަރަށް ޅަފަތުގައި 1971 ވަނަ އަހަރު، ވަގަށް ނެގީ އެކުދިން ބެލުމާ ހަވާލުކޮށްފައި ހުރި ބޭބީސިޓާ އެވެ. އޭރުއްސުރެ ދެބެންނަށް އެކަކު އަނެކަކު ވީތަނެއް އުޅޭ ހާލެއް ނެގި 51 އަހަރު ފާއިތުވީ ފަހުން އެމީހުންނަށް ބައްދަލު ވެވުނީ އެވެ.

މިފަހަރުގެ ވާހަކަ އަކީ ވެސް މިފަދަ އަސަރުގަދަ ވާހަކަ އެކެވެ.

އިންގްލެންޑްގެ ފޯންބޫތެއްގެ ތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު 1966 ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ފެނިފައި ވެއެވެ. މި ކުއްޖަކީ ކްރިސް މޭސަން އެވެ. ފޯނުބޫތު ތެރޭން ފެނުނުއިރު ކްރިސް އަށް އެންމެ ހަ ދުވަހެވެ.

މިހާރު އުމުރުން 57 އަހަރު ފުރިފައިވާ ކްރިސް ވަރަށް މަސައްކަތުން އޭނާގެ މަންމަ ހޯދާފައި ވެއެވެ. އަދި އެހާ ތުއްތު އުމުރުގައި އޭނާ ފޯނުބޫތެއްގެ ތެރެއަށް އެއްލާލަން ޖެހުނު ސަބަބު ވެސް ކްރިސް ވަނީ ހޯދާފަ އެވެ.
ކްރިސް އޭނާގެ މަންމަ ހޯދާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެކަމުގައި އޭނާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި އެވެ. އެންމެ ބޮޑު ކަމަކީ އޭނާގެ އަމިއްލަ އާއިލާ އަކީ ކޮބައިކަން ދެނެގަންނަން ކްރިސް އަށް ނޭނގުމެވެ. އޭނާއަކީ ކޮން އަންހެނަކާއި ފިރިހެނެއްގެ ފަރާތުން އުފަންވި މީހެއް ކަން ނުވަތަ އަމިއްލަ އައިޑެންޓިޓީ ނޭނގޭތީ އެވެ.

ނަމަވެސް އޭނާ ޑީއެންއޭ ޓެސްޓް ހެދުމުން އޭނާއަކީ އިޓަލީ އައި އައިރިޝް ދަރިކޮޅުގެ މީހެއްކަން އެނގުނެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ނުހޯދި އެތައް ދުވަހެއް ނެގި އެވެ.

ކްރިސްގެ ހޯދުމަށް ކުރިއެރުން ލިބުނީ "ލޯންގް ލޮސްޓް ފެމެލީ" ކިޔާ ޓީވީ ޝޯއެއްގައި ބައިވެރިވުމުންނެވެ. އޭނާ އުފަންވެފައިވަނީ ކޮން ބަޔަކަށް ކަން ދެނެގަންނާނެ ކުޑަ ނަމަވެސް ހެއްކެއް ނެތުމުން ޖެނެޓިކް ޖީނިއޮލޮޖީ އާއި ޑީއެންއޭ ޓެކްނޮލޮޖީގެ އެހީގައި އޭނާ ވުޖޫދަށް އައި ގޮތް ހޯދުމުގެ މަސައްކަތް ކުރަން ޖެހުނެވެ.

މި ހޯދުންތަކުން އެންމެ ފަހުން އެނގުނު ގޮތުގައި ކްރިސްގެ މަންމަ އަކީ އިނގިރޭސި ވިލާތު މީހެއް ކަމާއި ނަމަކީ އެލިޒަބަތު ކަން އެނގުނެވެ. އަދި އެލިޒަބަތު އޭނާގެ ފިރިމީހާއާއެކު އެމެރިކާއަށް ހިޖުރަކުރިކަން ވެސް އެނގުނެވެ. އެ ދެމީހުންގެ އުފާވެރިކަމެއް ނެތް ކައިވެންޏަށް އޭރު ތިން ދަރިން ލިބިފައި ތިއްބެވެ. އެމެރިކާގައި ދިރިއުޅެމުން އެލިޒަބަތު އޭނާގެ ފިރިމީހާ ކައިރިން ވަރިވާން މަސައްކަތް ފެށި އެވެ.

ބުނެވޭ ގޮތުގައި ފިރިމީހާ ކައިރިން ވަރިވުމަށް އެލިޒަބަތު މަސައްކަތްކުރި ދުވަސްވަރު އޭނާ އިޓަލީގެ ކައްކާ އަކާ ލޯބީގެ ގުޅުމެއް ހިންގި އެވެ. އަދި ކްރިސް އަކީ މި ދެ މީހުންގެ ދަރިއެކެވެ.

އޭރު އެލިޒަބަތު އަދި އޭނާގެ ފިރިމީހާ ކައިރިން ރަސްމީކޮށް ވަރިއެއް ނުވެ އެވެ. އެހެންވެ އެހެން މީހެއްގެ ދަރިއަކަށް އެލިޒަބަތު ބަލިވެ އިންކަން އޭނާގެ ފިރިމީހާއަށް އެނގުމުން އޭނާ ގެއިން ބޭރުކޮށްލީ އެވެ.

އެލިޒަބަތު އޭނާގެ ދަރިންތައް ގޮވައިގެން މައިންބަފައިން ކައިރިއަށް ލަންޑަނަށް ދިޔަ އެވެ. ނަމަވެސް އެލިޒަބަތުގެ މައިންބަފައިންގެ އެހީތެރިކަން ނުލިބި އޭނާ މަގުމަތިވީ އެވެ. އެހެންވެ ހަދާނެ ގޮތް ހުސްވެގެން އަލަށް ވިހޭ ކުއްޖާ ފޯނުބޫތެއްގެ ތެރޭގައި ބާއްވާފައި އެލިޒަބަތު ދިޔައީ އެވެ.

މި ޓީވީ ޝޯ އިން ކުރި މަސައްކަތުން އެލިޒަބަތު އާއި ކްރިސްގެ ދޮއްޓަށް އޭނާއަށް ލިބިފައި ތިބި ތިން ދަރިން ވެސް ހޯދާފައި ވެއެވެ.

އެލިޒަބަތުގެ އަންހެން ދަރިފުޅު މާރީ އެންމެ ފަހުން ކްރިސްއާ ބައްދަލުކުރި އެވެ. އަދި އޭނާގެ މަންމަ އޭނާ ފޯނުބޫތެއް ތެރެއަށް ދޫކޮށްލީ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ޔަގީންކޮށްދިނެވެ.

ކްރިސް ކައިރީ މާރީ ބުނި ގޮތުގައި އޭނާގެ މަންމަ ހުރިހާ ދަރިން ދެކެވެސް ވަރަށް ވަރަށް ލޯބިވި އެވެ. އެހެންކަމުން ކްރިސް ގެންގުޅޭނެ ފުރުސަތު ލިބުނުނަމަ ކްރިސް ދެކެ ވެސް ލޯބިވީސްކަން ޔަގީނެވެ. ނަސީބު ދިމާކުރި ގޮތުން ކްރިސްގެ މަންމަ އެލިޒަބަތު ވަނީ 2008 ވަނަ އަހަރު މަރުވެފަ އެވެ. އެހެންވެ މަންމަ އަކީ ކާކުކަން ދެނެގަނެވުނަސް ކްރިސް އަށް މަންމައާ ބައްދަލުވުމުގެ ފުރުސަތެއް ނުލިބުނެވެ. މަންމަ ނެތަސް އެއްބަނޑު ތިން ކުދިންނާ ބައްދަލުވެވުނު ކަމީ ވެސް ކްރިސް އަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެންމެ ކުޑަމިނުން އޭނާގެ މަންމަ ފަރާތު އާއިލާ އެނގުނީމަ އެވެ.