ލައިފްސްޓައިލް

އެއްލާލާފައި އޮތް ތުއްތު ކުއްޖެއް އެޑޮޕްޓްކުރީ އެމެރިކާ ދެމަފިރިން

އުމުރުން ހަތަރު އަހަރުގެ އެލިއާނާގެ ކުރީގެ ނަމަކީ ނިރޫޕާ އެވެ. މިއީ އޭނާ އެންމެ ތުއްތު އުމުރުން ފެށިގެން އުމުރުން ދެ އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ބެލެހެއްޓި ޔަތީމުޚާނާގެ މީހުން އޭނާއަށް ދީފައިވާ ނަމެކެވެ. އިންޑިޔާގެ ބުބަނޭސްވަރްގެ މި ކުއްޖާގެ ނަން ބަދަލުކޮށް އެލިއާނާ ކިޔާފައިވަނީ އޭނާ އެޑޮޕްޓްކުރި އެމެރިކާގެ ދެމަފިރިންނެވެ.

އެލިއާނާ އަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ފެބްރުއަރީ 2019ގައި އެލިއާނާ އުފަންވުމާއެކު އޭނާގެ މައިންބަފައިންނަށް އޭނާ އަކީ ބަލި ކުއްޖެއްކަން އެނގުމުން ވަގުތުން ގަސް ގިނަ ހިސާބަކަށް ގެންގޮސް ގަސްތަކެއްގެ ތެރެއަށް އެއްލާލާފައި ދިޔައީ އެވެ. އެ ގަސްތަކުގެ ތެރޭގައި މި ތުއްތު ކުއްޖާ އޮއްވާ ވަލު ކުއްތާތަކެއް އައިސް ހަމަލަދީ ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައި ވެއެވެ.

ތުއްތު އެލިއާނާ ލެއިން ތަތްތެޅިފައި މަރާ ހަނގުރާމަ ކޮށްކޮށް އޮއްވާ ފެނުނީ އެހިސާބުގައި ދިރިއުޅޭ ބަޔަކަށެވެ. އެމީހުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ކުޓަކް ޓައުނުގައި ހުންނަ ސިޝޫ ބަވަންގައި ތުއްތު އެލިއާނާ އަށް ފަރުވާ ދެމުން ގެންދިޔައިރު އޭނާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދު ކެނޑުނު އެތައް ވަގުތެއް ދިޔަ އެވެ. އެންމެ ފަހުން ދޮޅު މަސް ދުވަހު މަރާ ހަނގުރާމަ ކުރުމަށްފަހު މި ތުއްތު ކުއްޖާ ރަނގަޅުވާން ފެށި އެވެ.

ކުއްޖާ ރަނގަޅު ވިޔަސް ކުއްތާގެ ހަމަލައިގެ ސަބަބުން އޭނާގެ މޫނުގެ އެއްފަޅި މުޅިން ހަލާކުވެ އެއް ފައިގެ ފަލަމަސްގަނޑު ވެސް ހަލާކުވެފައިވާތީ އެތަންތަން ފަސޭހަވިއިރު ވެސް ބޮޑެތި އައިބުތައް ލާފައި ހުއްޓެވެ. ޕްލާސްޓިކް ސާޖަރީ ހަދައިގެން މި ތަންތަން ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް ރަނގަޅުވާ ގޮތް ވަނީ ނުވެފަ އެވެ.

ސަރުކާރުގެ ބެލުމުގެ ދަށުން ޔަތީމުޚާނާއެއްގައި ބަލަހައްޓަމުންދިޔަ މި ތުއްތު ކުއްޖާ އެޑޮޕްޓްކުރަން ބޭނުންވާ ކުދިންގެ ލިސްޓުގައި ހިމަނާފައި ވެއެވެ. ނަމަވެސް އެޑޮޕްޝަނަށް ލާފައި އޮންނަތާ ދެ އަހަރު ފާއިތުވީ އިރުވެސް އެލިއާނާ އާ ހަވާލުވާނެ ބަޔަކު ނުވި އެވެ. އެންމެ ފަހުން އޭނާ އެޑޮޕްޓްކުރުމަށް އިސް ނެގީ އެމެރިކާގެ ދެމަފިރިއެކެވެ. އެއީ ޑޭވިޑް ކޮޓްލް އާއި އޭނާގެ އަންހެނުން އެނާ އެލީސޭ އެވެ.

އޮކްލަހޯމާގައި ދިރިއުޅޭ މި ދެމަފިރިންގެ ތިން އަންހެން ދަރިން އެބަތިއްބެވެ. އެހެން ނަމަވެސް އެލިއާނާ އެޑޮޕްޓްކޮށްގެން އެމެރިކާއަށް ގެންދަން އެމީހުން ބޭނުންވާތީ މީގެ ދެ އަހަރު ކުރިއްސުރެ އެ ދެމަފިރިން ގެންދިޔައީ މަސައްކަތް ކުރަމުންނެވެ.

އެލިއާނާ އާ ހަވާލުވާނެ އިންޑިޔާ ބަޔަކު ނުވުމުން އެންމެ ފަހުން ކޯޓުން މި އެމެރިކާ ދެމަފިރިންނަށް އޭނާ އެޑޮޕްޓްކުރުމުގެ ހުއްދަ ދޫކުރީ އެވެ. އެލިއާނާ އެޑޮޕްޓްކުރުމުގެ ރަސްމީ ހުރިހާ ކަމެއް ފުރިހަމަވެ އޭނާ ގޮވައިގެން އެމެރިކާއަށް ދެވޭ ގޮތް ވަނީ ހަމަޖެހިފަ އެވެ.

އެލިއާނާގެ "އާ ބައްޕަ" ބުނީ އެ އާއިލާއިން އެލިއާނާއަށް މަރުހަބާ ކިޔަން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. ކޮންމެ ކުއްޖަކީ ވެސް ޚާއްސަ ކުއްޖެއް ކަމަށާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން އެއަށް ވުރެ ޚާއްސަ ކަމަށް ވެސް ޑޭވިޑް ބުންޏެވެ. އަދި އެ އާއިލާއިން އެލިއާނާ އަށް ވަރަށް އުފާވެރި ހަޔާތެއް ހޯދަދޭން މަސައްކަތް ކުރާނެ ކަމަށް ވެސް ޑޭވިޑް ބުންޏެވެ.

މިދިޔަ ހުކުރު އެ ދެމަފިރިން ވަނީ އެލިއާނާ އާ ހަވާލުވެފަ އެވެ. އަދި ވަރަށް އަވަހަށް އެމީހުން އޭނާ ގޮވައިގެން އެމެރިކާއަށް ފުރާނެ އެވެ.