ލައިފްސްޓައިލް

ބަހުގައި ތިބި ކުދިން ސަލާމަތްކުރެވުނީ މަންމަ ފޯނު ނުދިނީމަ

ސްކޫލް ކުދިން އަރާ ފުރިފައި ތިބި ބަހެއް ބާރު ސްޕީޑުގައި ދުއްވަމުން ދަނިކޮށް ބަސް ދުއްވަން އިން އަންހެން ޑްރައިވަރު ކުއްލިއަކަށް ޚަބަރު ހުސްވި އެވެ. އަދި އެމީހާއަށް ހުންގާނު ކޮންޓްރޯލް ނުކުރެވި ބަސް މަގުގެ ދެ ފަރާތަކަށް ޒާތަކަށް ހޫރެން ފެށި އެވެ.

އެ ވަގުތު ބަސް ކޮންޓްރޯލް ކުރުމަށްފަހު ދުއްވާފައި ގެންގޮސް ރައްކާތެރި ހިސާބެއްގައި ބަސް ޕާކް ކުރީ އޭގައި އިން ކުޑަ ފިރިހެން ކުއްޖެކެވެ. މި ކުއްޖާއަކީ "ހީރޯ"އެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ އޭނާގެ ވިސްނުން ރަނގަޅުކަމުން ބަސް ކޮންޓްރޯލް ކުރިލެއް މޮޅުކަމުންނެވެ.

ޑިލަން ރީވްސް ނަމަކަށް ކިޔާ 13 އަހަރުގެ މި ފިރިހެން ކުއްޖާ ޕީޕަލްސް މެގަޒިންއަށް ދީފައިވާ އިންޓަވިއު އެއްގައި މި ހާދިސާ ހިނގި ގޮތް ކިޔައިދީފައި ވެއެވެ. އަދި ބަސް ކޮންޓްރޯލްކޮށް އޭގައި ތިބި ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނީ މައިންބަފައިން އޭނާއަށް މޯބައިލް ފޯނު ނުދޭތީ ކަމަށް ރީވްސް ބުންޏެވެ.

އެމެރިކާގެ މިޝިގަންގެ ވޮރެންގައި ދިރިއުޅޭ ރީވްސް އަކަށް އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ދުއްވާކަށް ނޭނގެ އެވެ. ނަމަވެސް ނުރައްކާތެރި ހާލަތެއް ކުރިމަތިވެއްޖެ ކަމަށް ހީވުމުން އޭނާ ދުވެފައި ޑްރައިވަރު ކައިރިއަށް ދިޔައިރު ޑްރައިވަރުގެ ލޯ މެރި ޚަބަރު ހުސްވެފައި އޮތްކަން ޔަގީންވި އެވެ. އެވަގުތު ބަހުގައި 60 އަށް ވުރެ ގިނަ ކުދިން ތިބި ނަމަވެސް އެ ހުރިހާ ކުދިން ތިބީ އެކުދިންގެ އަތުގައި އޮތް މޯބައިލް ފޯނުތަކަށް ގެއްލިފަ އެވެ. އެހެންވެ ބަހަށް އިމަޖެންސީ ހާލަތެއް ކުރިމަތިވީ ކަމެއް އެކުދިންނަކަށް ރޭކާވެސް ނުލަ އެވެ.

ރީވްސް ދިޔަގޮތަށް ގޮސް ބަހުގެ ހުންގާނުގައި ހިފައި ބަސް ކޮންޓްރޯލްކޮށް އެއް ފަރާތަކަށް ގެންގޮސް ބަސް މަޑުކުރި އެވެ. އޭނާގެ ވިސްނުން ރަނގަޅުކަމުންނާއި އެވަގުތު އޭނާގެ ސަމާލުކަން އެހެން ކަމަކަށް ނެތުމުން ބަހުގައި ތިބި ކުދިންގެ ފުރާނަ ސަލާމަތްވީ އެވެ. އެހެން ކުދިން ފަދައިން އޭނާވެސް ފޯނަށް ގެއްލިފައި އިންނަމަ ފަހަރެއްގައި ބަސް ގޮސް ތަނެއްގައި ޖެހި އެކްސިޑެންޓްވާއިރު ވެސް އޭނާ ވެސް ރޭކާ ނުލާ އިނުމަކީ އެކަށީގެންވާ ކަމެކެވެ.

ރީވްސްގެ މި ހީރޯއެއް ފަދަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ޝަރަފުވެރި އެވޯޑެއް އެ ސިޓީގެ މޭޔަރު ވަނީ ރީވްސް އަށް ދީފަ އެވެ.

ރީވްސް ބުނި ގޮތުގައި ބަހުގައި އޭނާ އިނީ ހަތަރުވަނަ ގޮނޑިބަރީގަ އެވެ. އެހެން ކުއްޖަކާ ވާހަކަ ދައްކަން އޭނާ އިންއިރު ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިނުމުން ބަސް ކޮޅުކޮޅަށް ހޫރެން ފެށުމުން އޭނާއަށް އެކަން އެނގުނެވެ. އޭނާއަށް ވަގުތުން ބަލައިލެވުނީ ބަސް ޑްރައިވަރާ ދިމާލަށެވެ.

ޑްރައިވަރުގެ އެއްވެސް ހަރަކާތެއް ނެތްހެން ހީވުމާއެކު ވަގުތުން ދުވެފައި ޑްރައިވަރު ކައިރިއަށް ދިޔައިރު އޭނާ އޮތީ ޚަބަރު ހުސްވެފަ އެވެ. ޑްރައިވަރުގެ ދެ ލޯ މެރިފައިވާއިރު ބޯވެސް އޮތީ އެއްފަރާތަކަށް އެލިފަ އެވެ.

ބަހުގެ ހުންގާނާއި ގޭސް ޕެޑަލް އިން އޭނާގެ އަތް ދޫވެގެން އެލިފައި އޮތެވެ. އެހެންވެ ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ރީވްސް އަށް އެނގުނެވެ. އޭރު ބަސް ބާރު ސްޕީޑުގައި ކާރޫބާރޫ ބޮޑު މަގަކުން ގޮސް ހަތަރު އަނގޮޅިއަކަށް ނުކުންނަން އޮތީ ތައްޔާރު ވެފަ އެވެ.

ރީވްސް ބަހުގެ ހުންގާނުގައި ހިފައި ބަސް އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ބުރަކި ޖައްސައި ބަސް ހުއްޓީ އެވެ. ބަހުގައި ތިބި މެދު މަދަރުސީ ތައުލީމު ފުރިހަމަކުރާ 60 ވަރަކަށް ކުދިންނަށް މި ވެގެން އުޅޭ ގޮތެއް އެނގުނީ ވެސް ބަސް ކުއްލިއަކަށް ބުރަކި ޖެއްސުމުންނެވެ.

ކުދިންނަށް މިކަން އެނގުމާއެކު ރީވްސް އަށް އެހީތެރިވުމުގެ ބަދަލުގައި ބާރު ބާރަށް ހަޅޭއްލަވާ އަޑުގަދަ ކުރަން ފެށީ އެވެ. އަދި ވަގުތުން އެކުދިންގެ ފޯނުތަކުން ފޮޓޯއާއި ވީޑީއޯ ނަގަން ފެށި އެވެ.

"އަހަރެން ވަރަށް ރުޅި އައި އެންމެން އަޑުގަދަކުރަން ފެށީމަ. އަހަރެން ގޮވިން ފޮޓޯ ނެގެންޏާ 911 އަށް ވެސް ގުޅޭނޭ. އަވަހަށް ގުޅާށޭ،" ރީވްސް ބުންޏެވެ.

ވަގުތުން އިމަޖެންސީ ޓީމެއް އައިސް ޑްރައިވަރު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާގެ ހާލު ރަނގަޅުކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.