އެމެރިކާގެ އާކަންސޯގެ ސްކޫލެއްގެ ގްރޭޑް ދޭއްގައި ކިޔަވާ ކުޑަ ފިރިހެން ކުއްޖަކު އޭނާގެ އެކުވެރިޔަކަށް އެކްސިޑެންޓެއް ދިމާވެ ފުރާނައަށް ނުރައްކާވީ ވަގުތު ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީ އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދީފަ އެވެ.
ޖޭސް ބްރައުން އާއި އޭނާގެ އެކުވެރިޔާ ލިއާމް ވުޑްސް މި ހިނގާ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ގެއިން ބޭރަށް ނުކުތީ ސްކޫޓަރު ދުއްވާލާށެވެ. އެ ކުދިން ސްކޫޓަރު ދުއްވި މަގަކީ ވަރަށް އަޑިގުޑަން އަދި އެކި ހިސާބުގައި އެކިވަރަށް ވެލިތައް އޮތް މަގަކަށް ވާތީ ތަންކޮޅަކަށް ދެވުނުތަނާ ދެ ކުދިން ސްކޫޓަރުން ވެއްޓުނީ އެވެ.
އެކްސިޑެންޓުގައި ޖޭސް އަށް އެއްވެސް އަނިޔާއެއް ނުލިބުނު ނަމަވެސް އެކުވެރި ލިއާމް އަށް ވަރަށް އަނިޔާވެފައި އޮތް ކަމަށް ޖޭސް އަށް ވިސްނުނެވެ.
ވަގުތުން އޭނާ އެހީއަށް އެދި ހަޅޭއްލަވަމުން ގެއާ ދިމާލަށް ދުއްވައިގަތެވެ. އަދި ގެޔަށް ވަދެ ފަސްޓް އެއިޑް ކިޓް ހިފައިގެން އެކުވެރިޔާ އަށް އެހީވާން ދިޔަ އެވެ.
"ލިއާމް އަށް އޮތީ ވަރަށް ތަދުވެފައި. އެހެންވެ އޭނާ އެތަނަށް އެކަނި ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނުވި. އެހެންވެ އެކުވެރިޔާއަށް އެހީވާން އަވަށްޓެރިންނަށް ގޮވައިގެން ގެނައީ،" ޖޭސް ބުންޏެވެ.
އެކުދިންގެ އަވަށްޓެރިންގެ ތެރެއިން ބަޔަކު އައިސް ވަރަށް އަވަހަށް ލިއާމް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ލިއާމްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލުމުގެ އިތުރުން ކަނދުރާގެ ދެ ތަނަކުން ވެސް ވަނީ ބިނދިފަ އެވެ. އަދިވެސް އޭނާ މުޅީން ރަނގަޅު ނުވާއިރު ކުއްޖާ އެއްކޮށް ވާގިނެތުމުގެ ބިރު އަދިވެސް ޑޮކްޓަރުންނަށް އެބައޮތެވެ.
ޖޭސް ބުނީ އެކުވެރިޔާ އެހާ ބޮޑަށް ބަލިނުވެ ރަނގަޅުވީތީ ވަރަށް އުފާކުރާ ކަމަށެވެ.
އެކުދިން ކިޔަވާ ޕެރިސް އެލެމެންޓްރީ ސްކޫލުން ބޭއްވި ހާއްސަ ހަފުލާއެއްގައި ވިއާމްގެ ފުރާނަ ސަލާމަތްކުރަން ޖޭސް ކުރި ހިތްވަރުގަދަ މަސައްކަތް ފާހަގަކޮށް އެކަމުގެ ހަނދާނީ ލިޔުމެއް ދީފައި ވެއެވެ.
ވިއާމް ކަރުގައި ނެކް ބްރޭސަސް އަޅައިގެން މިހާރު ސްކޫލަށް ދާން ވަނީ ފަށާފަ އެވެ.