ލައިފްސްޓައިލް

58 ގަޑިއިރު ވަޅެއްގައި ތާށިވެފައި އޮތް ތުއްތު ޖެސިކާ މިހާރު ކޮބާ؟

މިހާރަކަށް އައިސް ކުޑަ ކުދިން ހަނިކޮށް ހުންނަ ފުން ވަޅުވަޅަށް ވެއްޓިގެން އެ ކުދިން ސަލާމަތްކުރަން ކުރާ މަސައްކަތްތަކުގެ ވާހަކަ ވަރަށް ގިނައިން ބައިނަލްއަގުވާމީ މީޑީއާތަކުން ފެނެ އެވެ. ނަމަވެސް 1987 ވަނަ އަހަރު ހިނގި މި ހާދިސާ އަކީ އެ ޒަމާނަށް ބަލާއިރު ވަރަށް އާ ކަމެކެވެ. އަދި އެންމެން ނޭވާ ހިފަހައްޓާލައިގެން ނުނިދާ، ނުކައި، ނުބޮއި 'ބޭބީ ޖެސިކާ' އަށް ވާ ގޮތެއް ބަލަން ތިއްބެވެ.

މި ހާދިސާއަށް 35 އަހަރު ފާއިތުވެފައިވާއިރު "ބޭބީ ޖެސިކާ"އަކީ މިހާރު ބޮޑު އަންހެނެކެވެ. އޭނާގެ ތުއްތު ހަޔާތުގައި ދިމާވި މި ބިރުވެރި ތަޖުރިބާގެ ހަނދާންތައް ޖެސިކާގެ ނެތެވެ. ޖެސިކާ އަކީ ހަގީގަތުގައި ވެސް މިފަދަ ގޮތަކަށް މަރުގެ ތުންފަތްމަތީގައި އެތައް ވަގުތެއް ހޭދަކޮށް ފުރާނަ ސަލާމަތްވީ މަދު ކުދިންގެ ތެރެއިން ކުއްޖެކެވެ. މިއީ އޭނާގެ ވާހަކަ އެވެ.

އޮކްޓޯބަރު 14، 1987 އަކީ ތުއްތު ޖެސިކާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު ދުވަހެވެ. އެ ދުވަހު މި ވާހަކަ އަޑުއަހައި ޖެސިކާއަށް ވާގޮތެއް ބަލަން ކެތްމަދުވެގެން އުޅުނު އެތައް ހާސް ބަޔަކު މިއަދުވެސް ޖެސިކާ ހަނދާން ވާނެ އެވެ.

ލޯބިލޯބި ޖެސިކާ މެކްކުލުއާ އަށް އޭރު އެންމެ 18 މަހެވެ. އެމެރިކާގައި ދިރިއުޅޭ ޖެސިކާ އެ ދުވަހު މަންމައާއެކު ޓެކްސަސްގެ ރަށްފުށުގެ ހިސާބެއްގައި އޮތް އަވަށެއްގައި ހުންނަ އޭނާގެ ބޮޑުދައިތައެއްގެ ގެޔަށް ޒިޔާރަތް ކުރި އެވެ.

ޖެސިކާގެ އާއިލާގެ ގިނަ ބަޔަކު އެ ދުވަހު އެ ގެޔަށް ޖަމާވީ ޚާއްސަ ކަމެއް ފާހަގަކުރުމަށެވެ. ނަމަވެސް އެމީހުންގެ މި އުފާވެރިކަން އިސާހިތަކު ހިތްދަތިކަމާއި ހާސްކަމަށް ބަދަލުވެދާނެ ކަމަށް އެ ދުވަހު ޖެސިކާގެ މަންމަ އާއި ބޮޑުދައިތަ އަދި އާއިލާގެ މީހުން ހިއެއް ނުކުރެ އެވެ.

ބޮޑުދައިތަގެ ގޭގެ ފަހަތުގައި އޮންނަ ހުސް ތަނުގައި ކޮނެފައިވާ ވަރަށް ހަނި، 22 ފޫޓު ފުން ވަޅު ކައިރިއަށް ޖެސިކާ ދިޔައިރެއް އެކަކަށް ވެސް ނޭނގެ އެވެ. ޖެސިކާގެ މަންމައަށް ފޯނެއް އައިސްގެން ފޯނަށް ޖަވާބު ދޭން ހުރިއިރު އޭނާގެ ސަމާލުކަން ޖެސިކާގެ ކިބައިން ނެއްޓުނީ ކުޑަ ހިނދުކޮޅަކަށެވެ.

އެންމެ 8 އިންޗި ވަށަމިނުގައި ހުރި މި ވަޅުގެ ފުން އަނދިރިކަމުގެ ތެރެއަށް ޖެސިކާ ވެއްޓެން ނެގީ ހިނދުކޮޅެކެވެ. މި ވަޅަކީ ތުއްތު ޖެސިކާގެ ހަށިގަނޑު ކިރިޔާ ފިޓްވާ ވަރުގެ ވަޅެކެވެ. ވަޅަށް ވެއްޓުނު ގޮތުން ޖެސިކާގެ ދެ ފައި އޮތީ އޭނާގެ ބޮލަށް ވުރެ މަތީގަ އެވެ. ވެއްޓުމާއެކު ޖެސިކާ ވަރަށް ބާރަށް ރޮއިގަން އަޑު އެންމެންނަށް ވެސް އިވުނެވެ.

މިއި މަޔަކަށް ކުރެވޭނެ އެންމެ ހިތްދަތި ތަޖުރިބާ އެވެ. ދަރިފުޅު ރޯ އަޑު އިވުނަސް އޭނާ ވީތަނެއް ނޭނގުނެވެ. ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖޭ ޖެސިކާގެ މަންމަގެ ހިތް އޭރު ބުނަމުން ދިޔަ އެވެ. ޖެސިކާ އެ ފުން ވަޅުގަނޑަށް ވެއްޓިފައިވާކަން އެނގޭކަން މާގިނަ އިރެއް ނުވި އެވެ. ސަބަބަކީ އޭނާގެ ރުއިމުގެ އަޑު މުޅި އެހިސާބުގަނޑަށް ގުގުމާފައި ހުރުމުންނެވެ.

އިސާހިތަކު އެތަނަށް ޕަރަމެޑިކްސް އާއި ފަޔާފައިޓަރުން އަދި ފުލުސް އޮފިސަރުން އަޔެވެ. އެމެރިކާގެ މީޑިއާ އައިސް މުޅި ތަން ވަށާލައި ވަޅުގަނޑާ ދިމާލަށް ކެމެރާ އަޅުވައި ވަގުތުން ވަގުތަށް ބްރޭކިން ނިއުސް ފޮނުވަން ފެށި އެވެ.

ވަރަށް އަވަހަށް ޖެސިކާ ވަޅުން ނުނެގިއްޖެނަމަ އޭނާގެ ފުރާނަ ސަލާމަތްނުވާނެކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެންވެ ރެސްކިއު ޓީމުން އައީ ވެސް ވަރަށް ވަރުގަދައަށް ހަދާނެ ގޮތް ރާވައިގެންނެވެ. ނަމަވެސް އެމީހުން ރޭވި ގޮތަކަށް އެއްކަމެއް ވެސް ނުވި އެވެ. އަދި ޖެސިކާ ސަލާމަތްކުރަން އެހާ ފަސޭހަ ނުވާނެކަން އެމީހުންނަށް ވިސްނުނެވެ.

ތުއްތު ޖެސިކާ ވަނީ ވަރަށް ފުން އެހާ ހިމަ ވަޅުގަނޑެއްގެ އަޑީގައި ރަނގަޅަށް ތާށިވެފަ އެވެ.

ރެސްކިއު ޓީމުން ފުރަތަމަ ރޭވީ ޖެސިކާ ވެއްޓިފައިވާ ވަޅުގަނޑާ ކައިރިން ބޮޑު މީހަކަށް އެރެވޭ ވަރުގެ ވަޅެއް ކޮނެ އެންމެ އަޑިން ހުރަހަށް މަގެއް ކޮނެގެން ޖެސިކާ ވެއްޓިފައި އޮތް ވަޅުގަނޑަށް އަޑިން ފޫދުއްވާލައިގެން އޭނާ ސަލާމަތް ކުރުމަށެވެ. ނަމަވެސް އެމީހުން ހީކުރި ވަރަށް ވުރެ އެތަނުގައި ހުރި ހިލަތައް މާ ވަރުގަދަ އެވެ. އެމީހުން ގެންގުޅޭ ޓޫލްތަކުން ހިލަތައް ފަޅައެއް ނުލެވުނެވެ. މިގޮތަށް ޖެސިކާ ސަލާމަތްކުރުމުގެ މަސައްކަތުގައި 58 ގަޑިއިރު ހޭދަވި ފަހުން ވަރަށް ހިތްވަރުގަދަ މީހަކު އޭނާގެ ފުރާނަ ނުރައްކަލަށް ވައްޓާލައިގެން ޖެސިކާ ސަލާމަތްކުރަން ނުކުތެވެ. މި މީހަކީ މައިނިން އިންޖިނޭރެކެވެ. އޭނާ މުޅީން ތަފާތު ޕްލޭނެއް ހުށަހެޅި އެވެ. ވޯޓަޖެޓް އަކުން ހިލަތައް ކަނޑައިގެން ވަޅުގަނޑު ކޮނުމެވެ. މިއީ އެ ދުވަސްވަރަށް ބަލާއިރު ވަރަށް އާ ޓެކްނޮލޮޖީ އެކެވެ. އަދި މި ޓެކްނޮލޮޖީ އެކަށީގެންވާ ގޮތަކަށް މަސައްކަތް ކޮށްފާނެ ކަމަކަށް އެކަކަށް ވެސް ޔަގީނެއް ނޫނެވެ.

ނަސީބަކުން މީގެން އެންމެ ހަރުހިލަތައް ވެސް ކަނޑާލުމަށް އެހީތެރިކަން ލިބި އިސާހިތަކު ފުން ވަޅުގަނޑެއް ޖެސިކާ ވެއްޓިފައި އޮތް ވަޅާ ކައިރިން ކޮނެލި އެވެ. މި ޓެކްނޮލޮޖީގައި ވަރަށް ހޫނުގަދަ ފެނެއް ހިލަތަކަށް ފޮނުވައި ސްޓީމްކޮށްލައިގެން ހިލަތައް ކަނޑަމުން ދިޔަ އެވެ.

މުޅި ދުނިޔެ ނޭވާ ހިފަހައްޓާލައިގެން ޖެސިކާއަށް ވާގޮތް ބަލަން އޭރު ތިއްބެވެ. ތުއްތު ޖެސިކާގެ ރުއިން ހުއްޓާލައި "ވިނީ ދަ ޕޫ" ލަވަތައް ކިޔަން ފެށި އެވެ. މިއީ އޭނާ ދިރިހުރިކަމާއި ފުރާނަ ސަލާމަތް ކުރެވިދާނެކަމުގެ އުންމީދު އާވި ކަމެކެވެ.

ޖެސިކާ ސަލާމަތްކުރަން ހަރުހިލަތައް ކަނޑަމުން ވަޅުގަނޑު ކޮންނަން ބުރަކޮށް މަސައްކަތްކުރަމުންދިޔަ މީހުންނަށް ވެސް ޖެސިކާ ލަވަ ކިޔާ އަޑުން އިތުރު ހިތްވަރެއް ލިބެމުން ދިޔަ އެވެ.

އެންމެ ފަހުން ވަޅުގަނޑުގައި ޖެސިކާ އޮންނަތާ 58 ގަޑިއިރު ފަހުން ރޮބާޓް އޯޑޮނެލް ކިޔާ މީހަކު ރެސްކިއު ޓީމުން ކޮނުނު ވަޅުގަނޑަށް އެރުނެވެ. އަދި ޖެސިކާ އޮތް ވަޅާ ދޭތެރޭ ހުރަހަށް މަގެއް ކޮނެގެން ޖެސިކާ އާ ހަމައަށް ވާސިލުވި އެވެ.

ތުއްތު ޖެސިކާ ގޮވައިގެން ރޮބާޓް ވަޅުގަނޑުން މައްޗަށް އެރި ވަގުތަކީ ތާރީޚީ އަދި ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ވަގުތުކޮޅަކަށް ވިއެވެ. އަދި ޖެސިކާ ދިރިހުރިކަން އެނގުމުން އެންމެންނަށް ވެސް ފުން ނޭވާއެއް ލެވުނެވެ. ބައެއް މީހުންނަށް ބޭއިޚްތިޔާރުގައި ރޮވުނެވެ.

ޖެސިކާ ސަލާމަތްކުރުމުގެ މަސައްކަތުގައި އެމެރިކާގެ އޭރުގެ ރައީސް ރޮނަލްޑް ރޭގަން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ސީއެންއެންގެ ޕްރޮގްރާމެއްގައި ބައިވެރިވެ ޖެސިކާ ސަލާމަތްކުރުމާ ގުޅެ ގޮތުން ކުރައްވަމުން ގެންދަވާ ވާހަކަތައް ރޭގަން ކިޔައިދެއްވި އެވެ. އަދި އެއާއެކު އެމެރިކާގެ އެންމެން ޖެސިކާ އަކީ އެމީހުންގެ އަމިއްލަ ދަރިއެއް ފަދައިން ދެކި އޭނާއަށް ވާނުވާ ބެލުމުގައި އެހެން ހުރިހާ ކަމެއް ހަނދާން ނެތުނެވެ.

ޖެސިކާ ސަލާމަތްވުމުން އެންމެން އުފާވިޔަސް ތުއްތު ޖެސިކާގެ ވޭނާއި ކެކުޅުމަށް އެހިސާބުން އަދި މިންޖެއް ނެތެވެ. ވަޅަށް ވެއްޓުނުއިރު އޭނާގެ ތުއްތު ހަށިގަނޑުގެ އެތަން މިތަނަށް ބޮޑެތި އަނިޔާތައް ލިބިފައިވުމުން އެތައް ސާޖަރީއެއް ހަދައި ގިނަ ދުވަސްތަކެއް ވަންދެން ޖެސިކާ އަށް ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.

ފަހުން ކުޑަކުޑަ ޖެސިކާ ވީ "މީޑިއާއިން އެންމެ ލޯބިވި" ކުއްޖާ އަށެވެ. އެކިއެކި ޓީވީ ޕްރޮގްރާމްތަކާއި ޝޯތަކުގައި މައިންބަފައިންނާއެކު ޖެސިކާ ބައިވެރިވަމުން ދިޔަ އެވެ. އަދި ޖެސިކާއަށް މުޅި އުމުރު އުފަލާއި ހިތްހަމަޖެހުމާއެކު އުޅެވޭ ވަރަށް އެމެރިކާ މީހުން އޭނާއަށް ފައިސާގެ އެހީ ވެދިނެވެ.

ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ޖެސިކާއަށް އެކި މީހުން ހަދިޔާ ކޮށްފައި ވެއެވެ. ނަމަވެސް މި ފައިސާގެ ބޮޑު ބައެއް ޚަރަދުވީ ޖެސިކާގެ ސާޖަރީ ތަކަށެވެ. މުޅިއެކު 15 ސާޖަރީ އޭނާ ހެދި އެވެ. މީގެ ތެރޭގައި މުޅިން ހަލާކުވެފައި އޮތް ފަޔެއް އަލުން ހެދުން ހިމެނެ އެވެ. އަދި ފައިގެ އެއް އިނގިލީގެ ލޭ ބަންދުވެ އިނިގިލި މަރުވުމުން އެ އިނގިލި ބުރިކޮށްލަން ޖެހުނެވެ.

ނަމަވެސް އޭނާ ކުޑައިރު ތަހައްމަލުކުރި ބިރުވެރި ކަންތައްތައް ޖެސިކާ ހަނދާނެއް ނެތެވެ. އޭނާއަށް އެކަން އެނގުނީ "ރެސްކިއު 911" ކިޔާ ޕްރޮގްރާމެއްގައި ޖެސިކާގެ ވާހަކަ ގެނެސްދިނީމަ އެވެ. އެ ޕްރޮގްރާމް ބަލާފައި ޖެސިކާ ވަރަށް ހައިރާންވެ އެކަމާ ގުޅޭ ގޮތުން އޭނާގެ މަންމައާ ވަރަށް ސުވާލު ކުރި އެވެ. އަދި އޭނާގެ ވާހަކަ ވީ އޭނާއަށް ލިބުނު ބޮޑު ޝޮކަކަށެވެ.

ޑޮނޭޝަން ފައިސާ އިން ގެއެއް ގަނެ ޖެސިކާ އާއި އާއިލާ އެހެން ހިސާބަކަށް ދިރިއުޅުން ބަދަލުކުރި އެވެ. މިހާރު ޖެސިކާ އަކީ ބޮޑު މީހެކެވެ. އަދި މިހާރު ކައިވެނިކޮށްގެން ފިރިމީހާ އާއެކު އުފަލުގައި ދިރިއުޅެންދާ މީހެކެވެ.