އިންޑިޔާގެ ތިރުވިލްވަމަލާގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި ހާދިސާއެއްގައި އަތުގައި އޮތް މޯބައިލް ފޯނެއް ގޮވައި، 8 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ. މި ކުއްޖާ އަތުގައި އޮތް ފޯނު ގޮވީ އެ ފޯނުން ވީޑީއޯއެއް ބަލަން ކުއްޖާ އިންދަ އެވެ.
މަރުވީ އަދިތުޔަސްރީ ކިޔާ ކުއްޖެކެވެ. އޭނާއަކީ އެ އަވަށުގެ ކުރީގެ ވެރިއެއްގެ ދަރިއެކެވެ.
އަވަށުގެ ސްކޫލެއްގެ ގްރޭޑް 3 ގައި ކިޔަވާ މި ކުއްޖާ މަރުވީ އަތުގައި އޮތް ފޯނެއް ގޮވައިގެން ކަން އެ އާއިލާގެ މެމްބަރަކު ވަނީ ޔަގީންކޮށްދީފަ އެވެ.
މިހާރު ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު ފޮރެންސިކް ޓީމަކުން ވެސް މަސައްކަތް ފަށާފައި ވެއެވެ.
އެ ހިސާބުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި ކުޑަ ކުއްޖާ ދިރިއުޅުނު ގޭގެ ތެރޭން ވަރަށް ބާރަށް އެއްޗެއް ގޮވިއަޑު އެމީހުންނަށް ވެސް އިވިފައި ވެއެވެ. މިކަމެއް ހިނގީ ހޯމަ ދުވަހުގެ ރޭ 10.30 ހާއިރު އެވެ. އެ ވަގުތު ކުޑަ ކުއްޖާ އާއެކު އެ ގޭގައި ހުރީ އޭނާގެ މާމަ އެވެ. ކުއްޖާ ފޯނު ހިފައިގެން އޮތީ ނިދާ އެނދުގައި ކަމަށް ވެއެވެ.
ކޮޓަރި ތެރޭން ބާރު އަޑެއް އިވުމުން މާމަ އާއި އަވަށްޓެރިންގެ ބަޔަކު ދުވެފައި އެ ކޮޓަރިއަށް ވަންއިރު ކުއްޖާ އޮތީ ލެއިން ތަތްތެޅިފަ އެވެ. މޯބައިލް ފޯނު ގޮވާފައި އޮތަސް އޭގެ ސަބަބުން ކުއްޖާ އޮތް އެނދަށް ނުވަތަ ކޮޓަރިއަށް ވެސް ގެއްލުމެއް ވެފައެއް ނުވެ އެވެ.
މި ކުއްޖާ އެ ފޯނު ބޭނުންކުރާތާ ތިން އަހަރު ވަރު ވެއްޖެ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއް ފަހަރު ބެޓެރީ ވެސް ބަދަލުކޮށްފައި ވެއެވެ.
ތަޖުރިބާކާރުން ބުނަނީ ފޯނު މާ ގިނަ ވަގުތު ބޭނުންކުރުމުގެ ސަބަބުން ބެޓެރީގެ ދޮންބޮޑުވެގެން ގޮވީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި އެކްސިޑެންޓްގެ ޚަބަރުން މުޅި އެ ސަރަހައްދުގެ ހުރިހާ ގެއެއްގައި ދިރިއުޅޭ ކުޑަކުދިން ގެންގުޅޭ މީހުންނަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. ސަބަބަކީ މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވާތީ ހުރިހާ ގެއެއްގައި ވެސް ކުޑަ ކުދިން ފޯނުން ވީޑީއޯ ބަލައި ގޭމް ކުޅެން ގިނަ ވަގުތު ހޭދަކުރާތީ އެވެ.
މިކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ދަނީ ފާޅު ކުރަމުންނެވެ. އަދި ފޯނު ޗާޖަށް ޖަހާފައި އޮންނަ ވަގުތު ފޯނާ ނުކުޅުމަށް ވެސް ބައެއް މީހުން އިރުޝާދު ދީފައި ވެއެވެ.