އިންޑިޔާގެ ދެހެރާދޫންގައި ހުރި ގެއެއްގެ ތެރެއިން ނުބައިވަސް ދުވާތީ އެ ހިސާބުގައި ދިރިއުޅޭ މީހުން ފުލުހުންނަށް ޝަކުވާ ހުށަހެޅި އެވެ. ފުލުހުން އައިސް އެގޭގެ ދޮރު ހަލާކުކޮށްލައިގެން ވަނުމުން އެމީހުންނަށް ބޮޑު ޝޮކެއް ލިބޭ ވަރުގެ ކަމެއް އެގޭގެ ތެރެއިން ފެނުނެވެ.
އެގޭގައި ދިރިއުޅުނު ޒުވާން ދެމަފިރިން ތަޅުންގަނޑު މަތީގައި މަރުވެފައި ތިއްބާ ފެނުނީމަ އެވެ. އެ ދެމަފިރިންގެ ދެމެދުގައި އެމީހުންގެ އެންމެ ހަ ދުވަސްވީ ތުއްތު ދަރިފުޅު ދިރިއޮއްވާ ފެނިފައި ވެއެވެ.
އުމުރުން 25 އަހަރުގެ ފިރިހެންމީހާ އާއި އޭނާގެ 22 އަހަރުގެ އަނބިމީހާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެމީހުން ފެނުނުއިރު މަރުވެފައި ތިބޭތާ މަދުވެގެން ތިން ދުވަސް ވެދާނެކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
މަންމަ އާއި ބައްޕަ އާ ދެމެދުގައި އޮތް ހަ ދުވަސްވީ ތުއްތު ކުއްޖާ އެއްވެސް އެއްޗެއް ނުކައި ނުބޮއި އޮންނަތާ މަދުވެގެން ތިން ދުވަސް ފާއިތުވެފައި ވެއެވެ. ނަމަވެސް އެ ކުއްޖާ ފެނުނުއިރު އޭނާގެ ހާލު އެހާ ސީރިއަސް އެއް ނޫނެވެ.
ވަގުތުން ތުއްތު ކުއްޖާ ވަނީ ދެހެރާދޫންގެ ގަވަންމަންޓް ޑޫން މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ. އޭނާ ބެލި ޑޮކްޓަރުން ވިދާޅުވީ ކުއްޖާގެ ގައިން ވަރަށް ބޮޑަށް ފެންމަދުވެފައިވިޔަސް އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުން އެއްވެސް ކަހަލަ އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވެފައި ވެއެވެ.
މި ކުއްޖާގެ ބައްޕައަށް ކިޔަނީ ކަޝްފް އެވެ. މަންމަގެ ނަމަކީ އަނަމް އެވެ. އަނަމް ފިރިހެން ކުއްޖެއް ވިހާފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި ދެމަފިރިން މަރުވެފައި ތިއްބާ ފެނިފައިވަނީ މީގެ ހަތަރު މަސް ކުރިން އެމީހުން ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށި ގެއެއްގެ ތެރެއިންނެވެ. ފިރިހެންމީހާ އަކީ ކްރޭން އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އަންހެންމީހާ ހުންނަނީ ދަރިފުޅު ބަލަން ގޭގަ އެވެ. އެމީހުން ކައިވެނިކުރިތާ ވީ އެންމެ އަހަރެކެވެ.
ފުލުހުން ބުނި ގޮތުގައި ފިރިހެންމީހާއަށް ފައިސާގެ ދަތިކަން ބޮޑުވެ ވަރަށް ގިނަ ބައެއްގެ އަތުން ދަރަންޏަށް ފައިސާ ނަގާފައި ވެއެވެ. އަމިއްލަ ފުރާނަ ދުއްވާލަން ދެމަފިރިން ނިންމީ މި ސަބަބާ ހެދި ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.