ލައިފްސްޓައިލް

ދަރިފުޅު މަރުވުމުން ލިބުނު ޝޮކުން ބައްޕަ މަރުވެއްޖެ

އިންޑިއާގެ ވިރާރްގައި ދިރިއުޅޭ މަނީޝްކުމާރު ޖެއިން އަކީ ޖަވާހިރުގެ ވިޔަފާރިކުރާ މީހެކެވެ. ހޮނިހިރު ދުވަހުގެ ރޭ އޭނާ ހުރީ އެމީހުންގެ ސޮސައިޓީން އިންތިޒާމު ކުރި "ގަރްބާ ނައިޓް"ގައި ގަރްބާ ނެށުން ނަށާށެވެ.

ނަށަނިކޮށް ކުއްލިއަކަށް މަނީޝްކުމާރަށް އުނދަގޫތަކެއް އިހްސާސް ކުރެވެން ފެށި އެވެ. އަދި ވަގުތުން ނެށުން ހުއްޓާލާފައި އޭނާ ގެޔަށް ދިޔަތަނާ ހޮޑުލެވެން ފެށީ އެވެ.

މަނީޝްކުމާރުގެ ބައްޕަ ނަރުޕަތު އާއި ބޭބެ ރާހޫލް ވަގުތުން އޮޓޯރިކްޝާއެއްގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ހޮސްޕިޓަލަށް ވަނުމާއެކު ރާޙުލް ދިޔައީ މަނީޝްކުމާރު ގޮވައިގެން ހޮސްޕިޓަލުގެ އިމަޖެންސީއަށް ވަންނާށެވެ. އޮޓޯ ޑްރައިވަރަށް ފައިސާ ދައްކާފައި ދާން އެމީހުންގެ ބައްޕަ މަޑުކޮށްގެން ހުރީ އެވެ.

އިމަޖެންސީ ރޫމަށް ނުދެވެނީސް މެޑިކަލް ކައުންޓަރާ ހަމައިން މަނީޝްކުމާރު ހާލު ބޮޑުވެގެން ބިންމައްޗަށް ވެއްޓުނެވެ. ކޮއްކޮ ވެއްޓުނުތަން ފެނިފައި ރާހޫލް އަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އަދި އެތަން ފެންނަ ހިސާބުގައި ތަންކޮޅެއް ދުރުގައި ހުރި އެ ދެ މީހުންގެ ބައްޕައަށް މަނީޝްކުމާރު ވެއްޓުނުތަން ފެނުމާއެކު ހިތް ހުއްޓިގެން ހުރި ތަނަށް މަރުވެގެން ވެއްޓުނީ އެވެ.

ހޮސްޕިޓަލަށްއ ގެންދިޔަތާ މާގިނައިރެއް ނުވެ މަނީޝްކުމާރު ވެސް ވަނީ މަރުވެފަ އެވެ. ދެބަފައިންގެ ޖަނާޒާ އިއްޔެގެ ވަގުތެއްގައި ވަނީ ބާއްވާފަ އެވެ.