ލައިފްސްޓައިލް

މަރު ނުވަނީސް މަރުވީ ކަމަށް ނިންމައި ވަޅުލައިފި

ސިއްހީ ޚިދުމަތް ދިނުމުގައި އިންތިހާއަށް ފަރުވާ ކުޑަކޮށްފައިވާ މައްސަލައެއް އިންޑިއާގައި ފެންމަތި ވެއްޖެ އެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ބަނިހާލްގެ ސަބް ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ވިހޭ މި ކުއްޖާ ވިހޭއިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުގެ ސްޓާފު ވަނީ ނިންމާފަ އެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ތުއްތު އަންހެންކުއްޖާ މަރު ނުވާ ކަމަށް އާއިލާގެ މީހުންނާއި އަވަށުގެ މީހުންނަށް ޝައްކުވެގެން އެ ކުއްޖާގެ މަހާނަ އަލުން ކޮނުނީ ވަޅުލިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ޝަމީމާ ބޭގަމް އާއި ބަޝާރަތު އަހުމަދު ގުއްޖަރަށް ލިބުނު މި ކުއްޖާ އުފަން ވުމާއެކު ހޮސްޕިޓަލުގެ ސްޓާފުން އެ ދެމަފިރިންނަށް ވަރަށް ހިތާމަވެރި ޚަބަރެއް ދިނެވެ. އެމީހުންގެ ދަރިފުޅު ވިހޭއިރު ވެސް މަރުވެފައި އޮތް ޚަބަރެވެ.

ހިތާމައިން ހިތް ހަލާކުވެފައި ތިބި ދެމަފިރިން އެމީހުންގެ ދަރިފުޅު އެ އަވަށުގެ އާއްމުން ވަޅުލާ ގަބުރުސްތާނެއްގައި ވަޅުލި އެވެ.

ކުއްޖާ ވަޅުލަން ގެންދިއުމުގެ ކުރިން ހޮސްޕިޓަލުގައި ދެ ގަޑިއިރެއްހާއިރު އޮތް ކަމަށާއި ކުއްޖާ މަރުވީކަމަށް ފުރަތަމައިނުން ވެސް ނިންމާފައިވާތީ ހޮސްޕިޓަލުގައި ކުއްޖާ އަށް އެއްވެސް ފަރުވާއެއް ދީފައި ނުވާކަމަށް އެ އަވަށުގެ އިސް ވެރިޔާ މަންޒޫރު އެލްޔާސް ވާނީ ބުނެފައި ވެއެވެ.

އެ އަވަށުގައި ދިރިއުޅޭ މީހުންނަށް ކުއްޖާ ވަޅުލީ މަރުނުވަނީސް ކަމަށް ޝައްކުވެގެން އެ ކުއްޖާ ވަޅުލާ ތަނަށް ގޮސް އެ ތަނުގައި އަޑުގަދަކޮށް މުޒާހަރާ ފެށި އެވެ. އަދި ކުއްޖާގެ މަހާނަ ކޮނެގެން އަލުން ނަގައި ބަލަން އެމީހުން އެދެން ފެށި އެވެ. އެންމެ ފަހުން އެމީހުންތައް މައިތިރި ނުވެގެން ކުއްޖާގެ މަހާނަ ކޮނެ ކުއްޖާ ނެގިއިރު އެ ކުއްޖާ ބާރަށް ރޮމުން ދިޔަ އެވެ.

ވަގުތުން އެ ކުއްޖާ ބޮޑު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ވަނީ ފަށާފަ އެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

މި ކުއްޖާ މަރުވިކަމަށް ނިންމި މުވައްޒަފުން ވަގުތުން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާއިރު މި މީހުންގެ މައްސަލަ ތަހުގީގުކުރާނެކަމުގެ ޔަގީންކަން ކަމާ ބެހޭ އިދާރާތަކުން ވަނީ އެ އަވަށުގެ މީހުންނަށް ދީފަ އެވެ.

މި ކުއްޖާ މަރުވިކަމަށް ނިންމީ ސްޓާފް ނަރުހަކާއި އެ ހޮސްޕިޓަލުގެ އަންހެނުންނަށް ޚާއްސަ ސެކްޝަންގައި ކުނިކަހާ މީހެއްގެ ވަޒީފާގައި އުޅޭ މީހަކާ ދެ މީހުން ވެގެންނެވެ.