ލައިފްސްޓައިލް

އިންޑިއާގެ މަޝްހޫރު ހިތުގެ ޑޮކްޓަރަކު ހިތް ހުއްޓިގެން މަރުވެއްޖެ

ޑރ. ގޯރަވް ގާންދީ އަކީ އިންޑިއާގެ ގުޖްރާތުގައި ވަރަށް މަޝްހޫރު ކާޑިއޮލޮޖިސްޓް (ހިތުގެ ޚާއްސަ ޑޮކްޓަރު) އެކެވެ.

އުމުރުން 41 އަހަރުގެ މި ޑޮކްޓަރަކީ ހިތުގެ ސާޖަރީތަކަށް ވަރަށް ގާބިލް، ކުޅަދާނަ، މޮޅު ޑޮކްޓަރެކެވެ.

ޑރ. ގޯރަވްގެ މެޑިކަލް ކެރިއަރުގައި 16،000 އަށް ވުރެ ގިނަ ހިތުގެ ސާޖަރީ ހަދާފައި ވެއެވެ. މި ކުޅަދާނަ ޑޮކްޓަރު ހިތް ހުއްޓިގެން ވަރަށް ކުއްލި ގޮތަކަށް ވަނީ މަރުވެފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ޚަބަރެއް ބުނާ ގޮތުގައި ޑރ. ގޯރަވް މަރުވެފައިވަނީ ހޮސްޕިޓަލުގެ ޑިއުޓީގައި އުޅެފައި ގެއަށް އައިތާ ދެ ގަޑިއެއްހާއިރު ތެރޭގަ އެވެ.

ހިތުގެ މައްސަލައެއް ދިމާވެގެން ޑރ. ގޯރަވް ފާޚާނާ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުމުން އޭނާގެ އާއިލާއިން ވަރަށް އަވަހަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށީތާ 45 ވަރަކަށް މިނިޓް ތެރޭގައި އޭނާ ވަނީ މަރުވެފަ އެވެ. އެކަމަކު އިންޑިއާގެ އާޖް ތަކް ޗެނަލުން ކީ ޚަބަރެއްގައި ބުނެފައިވަނީ ޑރ. ގޯރަވް މަރުވީ ނިދާފައި އޮއްވާ ކަމަށެވެ.

އެ ޗެނަލުން ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހު ޑރ. ގޯރަވް އާދައިގެ މަތިން ހޮސްޕިޓަލުގައި ބަލި މީހުން ބަލައި ފަރުވާ ދޭން އުޅުމަށްފަހު ގެއަށް އައިސް ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު ނިދަން އޮށޯތީ ކަމަށާއި ގޭގައި އުޅުނު އެއްވެސް ވަގުތެއްގައި އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ހުރިކަމުގެ އަލާމާތެއް ޑރ. ގޯރަވްގެ ކިބައިން ނުފެންނަ ކަމަށެވެ.

ހެނދުނު 6:00 ގައި އާއިލާގެ މީހުން އޭނާއަށް ގޮވާގޮވާ ނުހޭލައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އާޖް ތަކްގެ ހަބަރުގައި ބުނެފައި ވެއެވެ.

ޑރ. ގޯރަވް އެމްބީބީއެސް އާއި އެމްޑީ ހެދީ ޖަމްނާގަރް އިންނެވެ. ކާޑިއޮލޮޖީގެ ރޮނގުން ހާއްސަވުމަށް ކިޔެވީ އަހުމަދުއާބާދުގެ ޔުނިވަސިޓީ އަކުންނެވެ.

ޑރ. ގޯރަވް އަކީ ބަލި މީހުންނަށް ވަރަށް އޯގާތެރި އެހާމެ ރަނގަޅު ފަރުވާއެއް ދެމުން ގެންދިޔަ ޑޮކްޓަރެކެވެ. އޭނާ ހިތްހެޔޮވެފައި ރަނގަޅޫކަމުން އަދި ބަލި މީހުންނަށް ހިދުމަތް ދޭލެއް މޮޅުކަމުން ބަލި މީހުން އޭނާއަށް ވަރަށް ގަދަރާއި އިހްތިރާމް ކުރެ އެވެ.

ޑރ. ގޯރަވްގެ އަންހެނުންނަކީ ދަތުގެ ހާއްސަ ޑޮކްޓަރެކެވެ. އެ ދެ މީހުންނަށް ދެ ދަރިން ލިބިފައި ވެއެވެ.

ޑރ. ގޯރަވްގެ ކުއްލި މަރާއެކު އިންޑިއާގައި ޒުވާން ފިރިހެނުން ހިތް ހުއްޓިގެން މަރުވުމުގެ މައްސަލަ ގޮސްފައިވާ މިންވަރާ މެދު ގިނަ ބަޔަކު ވަރަށް ކަންބޮޑުވެފައި ވެއެވެ. ޑޮކްޓަރުގެ މަރު އެހާ ބޮޑަށް މީހުންގެ ހިތުގައި ހާސްކަމާއި ކަންބޮޑުވުން އުފައްދާފައިވަނީ އެހާ މޮޅު ހިތުގެ ޚާއްސަ ޑޮކްޓަރަކަށް ވެސް އޭނާގެ ހިތުގައި މައްސަލައެއް އުޅޭކަން ނޭނގުނީމަ އެވެ. އަދި އޭނާގެ ހިތުގައި އެއްވެސް މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ޚުދު އޭނާއަށް ފާހަގަކުރެވިފައި ނެތީމަ އެވެ.