އިންޑިޔާގެ ސިރޯހީ ޑިސްޓްރިކްޓްގެ ރާނީދާރާ ކިޔާ އަވަށެއްގައި މިހާރު ގިނައީ ހުވަފަތް ވެފައި ތިބި ޒުވާން އަންހެނުންނެވެ. މީގެ ތެރޭގައި ނާޖޯ ބާއީ ހިމެނެ އެވެ. އުމުރުން 30 އަހަރުގެ ނާޖޯ ރާނީދާރާ އަވަށުގެ ފިރިހެނަކާ ކައިވެނިކުރީ މީގެ 10 އަހަރު ކުރިންނެވެ. މިއަވަށުގެ ގިނަ އަންހެނުން ފަދައިން އޭނާވެސް ދުވަސްކޮޅަކުން ހުވަފަތްވާނެކަމަކަށް ނާޖޯގެ ހިތަކަށް ނާރަ އެވެ.
"މީގެ ތިން އަހަރު ކުރިން އަހަރެންގެ ފިރިމީހާ ވަނީ މަރުވެފައި. އޭރު އަހަރެންގެ ޅިޔަނު މަރުވިތާ ވީ ކުޑަ ދުވަސްކޮޅެއް. އެހެންވެ މި ގޭގައި އެއްވެސް ފިރިހެނަކު ނެތް. އަހަރެންނާއި އަހަރެންގެ ކުޑަކުޑަ ތިން ދަރިން މިގޭގަ މިހާރު އުޅެނީ،" ނާޖޯ ބުންޏެވެ.
ނާޖޯ ބުނި ގޮތުގައި އޭނާގެ ފިރިމީހާ މަރުވިއިރު މަސައްކަތް ކުރަމުން ދިޔައީ ޕިންޑްވާރާގައި ހުންނަ ހިލައިން އެއްޗެތި ތައްޔާރުކުރާ ތަނެއްގަ އެވެ. އެއަވަށުގެ ހުރިހާ ފިރިހެނުން ކަހަލަ ގޮތަކަށް މަސައްކަތްކުރަނީ އެތަނުގައެވެ.
ނާޖޯގެ ފިރިމީހާއަށް ޖެހުނީ ސިލިކޯސިސް ކިޔާ ފުއްޕާމެޔަށް ޖެހޭ ބައްޔެކެވެ. މި ބަލިޖެހުމުން ފުއްޕާމެޔަށް ލިބޭ ގެއްލުން ރަނގަޅެއް ނުކުރެވެއެވެ. މިއީ ހިލަ އާއި މާބްލް ގާނާއިރު އަރާ ކުނޑި ފުއްޕާމެއަށް ވާސިލުވުމުން ޖެހޭ ބައްޔެކެވެ.
މި އަވަށުގެ އެހެން އަންހެނެއް ކަމަށްވާ ޕާރްވަތީ ކުމާރަށް އަދި ވީ 25 އަހަރެވެ. އޭނާގެ ފިރިމީހާވެސް ވަނީ މަރުވެފަ އެވެ. މި އަވަށުގައި 40 ގެ ހުންނައިރު އޭގެ ތެރެއިން 30 ގޭގައި މިހާރު ހުވަފަތް ޒުވާން އަންހެނުން އެބަތިއްބެވެ. އެހެންވެ "ހުވަފަތް އަންހެނުންގެ އަވަށް" މި ނަމުން މިހާރު އިންޑިޔާގައި މި އަވަށް މަޝްހޫރުވެފައި ވެއެވެ.
ޕާރްވަތީ ބުނި ގޮތުގައި މި އަވަށުގައި މިހާރު ފިރިއަކު ހުރި އަންހެނަކު ވަރަށް މަދެވެ. އަދި މުޅި އަވަށުގައި ވެސް ތިބީ 10 ވަރަކަށް ފިރިހެނުންކަމަށް އޭނާ ބުންޏެވެ.
ހުވަފަތް އަންހެނުންގެ ތިބި ދަރިންގެ ތެރޭގައި ފިރިހެން ކުދިން ތިބުމުން އެކުދިން ބޮޑުވުމުން ފިރިހެނުންގެ އަދަދު ތަންކޮޅެއް ގިނަވާނެކަމަށް ޕާރްވަތީ އުންމީދުކުރެ އެވެ.
ފިރިމަރުވެފައިވާ އަންހެނުންގެ ތެރޭގައި 30 އަހަރުގެ ނަންދިރީ ބާއީ ވެސް ހިމެނެ އެވެ. ނަންދިރީ ބުނި ގޮތުގައި އޭނާގެ ފިރިމީހާ މަރުވިއިރު އޭނާގެ އުމުރުން އެންމެ 20 އަހަރެވެ.
"އަހަރެންގެ ފިރިމީހާ މީގެ 10 އަހަރު ކުރިން ވަނީ މަރުވެފައި. އޭނާވެސް މަރުވީ ސިލިކޯސިސް ޖެހިގެން. އޭނާ މަސައްކަތްކުރީ ހިލަ ގާނައިގެން އެއްޗެތި ތައްޔާރުކުރާ ތަނުގައި،" ނަންދިރީ ބުންޏެވެ.
ނަންދިރީ ބުނި ގޮތުގައި އޭނާގެ ފިރިމީހާ އާއެކު އޭނާގެ ޅިޔަނު ވެސް އެ ހިލައިން އެއްޗެތި އުފައްދާތަނުގައި މަސައްކަތްކުރިއެވެ. ނަމަވެސް ފިރިމީހާ މަރުވުމުން ޅިޔަނު މިހާރު އެތަނުގައި މަސައްކަތްކުރާކަށް ނުދެ އެވެ.
"ޅިޔަނު މިހާރު ކުރަނީ ދަނޑުވެރިކަން. އެތަނަށް ދާ އެންމެން މަރުވާތީ ބިރުން އޭނާ މިހާރު އެތަނަކަށް ނުދޭ،" ނަންދިރީ ބުންޏެވެ.
ފަންސަވީސް އަހަރުގެ ތަރްވީ ބާއީ ވެސް ދެއްކީ އެހެން ހުރިހާ އަންހެނުން ވެސް ދެއްކި ވާހަކަ އެވެ. އޭނާ ބުނި ގޮތުގައި ފިރިމީހާ މަރުވީ އެތައް ދުވަހަކު ބަލިވެ އުޅެފައި ކަމަށްވާތީ ބޭސްފަރުވާއަށް ކުރަން ޖެހުނު ހަރަދުގެ ސަބަބުން އޭނާގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅި ހަދާނެގޮތް ހުސްވެފައިވާ ކަމަށެވެ.
ފިރިން މަރުވެ ހުވަފަތްވުމުން އަވަށުގެ އަންހެންވެރިންނަށް ދަރިންތައް ދޫކޮށްލާފައި މަސައްކަތުދާން ވަނީ މަޖްބޫރުވެފަ އެވެ. އެ އެންމެން މިހާރު ދަނޑުތަކުގަޔާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރެ އެވެ.
ހިލައިގެ މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގުތައް ހިމާޠަތްކުރަން އުފައްދާފައިވާ އޮގަނައިޒޭޝަން "ޕައްތަރު ގަޑާއީ މަޒްދޫރު ސުރަކްޝާ ސަންގް" (ޕީޖީއެމްއެސްއެސް)ގެ ރައީސް ސޯހަން ލާލް ގާސިއާ ބުނި ގޮތުގައި ސިލިކޯސިސް ޖެހިގެން މީހުން މަރުވުމުގެ މައްސަލަ ދިމާވެފައިވަނީ ހަމައެކަނި ރާނީދާރާ އަވަށުގެ މީހުންނަކަށް ނޫނެވެ. މުޅި ޕިންޑްވާރާ އޭރިއާއަށް ވެސް މި މައްސަލަ ވަނީ ބޮޑުވެފަ އެވެ. ސަބަބަކީ ސްޓޯން ކާވްކުރުމުގެ މަސައްކަތަކީ އެ ސަރަހައްދުގެ މީހުން ކޮށް އުޅޭ މަސައްކަތަކަށް ވެފައި އިންޑިޔާގެ އެކި ހިސާބުތަކަށް ވެސް ހިލައިން އުފައްދާ ތަކެތި ފޮނުވަނީ މި އޭރިއާގައި ހުންނަ މި މަސައްކަތްކުރާ ތަންތަނުން ކަމަށް ވާތީ އެވެ.