އިންޑިއާގެ ތެލަންގަނާގެ އަންހެނެއްގެ ބަނޑުގައި އުފެދިފައި އިން އަށް ކިލޯގެ ބަރުދަން ހުރި ބޮޑު ޓިއުމަރެއް ވަރަށް ކާމިޔާބު ސާޖަރީ އަކަށްފަހު ނަގައި އަންހެން މީހާގެ ފުރާނަ ސަލާމަތްވުމަށް އެހީތެރިވެ ދީފަ އެވެ.
މި މީހާ ބަނޑުގައި ރިހޭތީ އުޅޭތާ އޭރު އެތައް އަހަރެއް ވެއްޖެ އެވެ.
ޕޮންނެބޮއިނާ ސްރީނިވާސް އާއި އޭނާގެ އަންހެނުން ސަސީރޭކާ އަކީ ޗިއްވެމާލާ މަންޑަލްގައި އޮންނަ ކުޑަކުޑަ ކިޔާ އަވަށެއްގައި އުޅޭ ދެމަފިރިންނެވެ.
ސަސީރޭކާ ބަނޑުގައި ރިއްސާތީ އުޅޭތާ އެތައް އަހަރެއް ވީއިރުވެސް އޭނާއަށް ވާގޮތެއް ޑޮކްޓަރުންނަކަށް ނޭނގުނެވެ.
އޭނާގެ ފިރިމީހާ ސްރީނިވާސް އޭނާ ގޮވައިގެން ވަރަށް ދުރު ހޮސްޕިޓަލްތަކަށްވެސް ގޮސް ދައްކާ ހަދާފައިވެ އެވެ. ނަމަވެސް އެއްވެސް ޑޮކްޓަރަކަށް ސަސީރޭކާ އަށް ވާގޮތެއް ބުނެދޭކަށް ނޭނގުނެވެ.
އެންމެފަހުން ސްރީނިވާސް އޭނާގެ އަންހެނުން ގޮވައިގެން ސޫރްޔާޕަތުގައި ހުންނަ ޝްރީ ސްވާތީ ހޮސްޕިޓަލަށް ދިޔަ އެވެ.
އަންހެން މީހާގެ މެޑިކަލް ޓެސްޓްތައް ހެދީ އެ ހޮސްޕިޓަލުންނެވެ. އަދި އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އަންހެން މީހާގެ ބަނޑު ސްކޭން ކުރުމުން އާދަޔާޚިލާފު ބޮޑު ޓިއުމަރެއް ބަނޑުގައި އުފެދިފައި އިންކަން ޔަގީންވި އެވެ.
ޓިއުމަރު ނަގަން ސަސީރޭކާގެ ހެދި ސާޖަރީއަށް އެތައް ގަޑިއިރެއް ހޭދަވި އެވެ. ޑޮކްޓަރުން ވަރަށް މަސައްކަތުން މި ބޮޑު ޓިއުމަރު ނެގިއިރު މީގައި ހަތް ކިލޯ ނުވަތަ އަށް ކިލޯ ވަރު ހުއްޓެވެ. އަދި ވަގުތުން ސަސީރޭކާގެ ވޭންތައް ކުޑަވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.
ސަސީރޭކާގެ ސާޖަރީ ހަދައިދިން ޑޮކްޓަރުންނަށް އޭނާގެ އާއިލާ އިން ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ.
ޑޮކްޓަރުން ބުނި ގޮތުގައި އެ ސާޖަރީ އަކީ ހާލަކުން ފަހަރަކު ނޫނީ ހަދަން ނުޖެހޭ ސާޖަރީއެއް ކަމަށާއި މަދު ހޮސްޕިޓަލެއްގައި ނޫނީ އެ ސާޖަރީ ހެދޭނެ އިންތިޒާމްތައް ނުހުންނާނެ ކަމަށެވެ.