ލައިފްސްޓައިލް

ނުވިހާގޮތް ހެދީމާ އައި ރުޅިން 11 ދަރިންގެ މަންމަ ގެއިން ނެރެލައިފި

އިންޑިއާ މީހަކު އޭނާގެ އަންހެނުން އަދި 11 ދަރިންގެ މަންމަ ގެއިން ނެރެލައިފި އެވެ.

އޮޑީޝާގެ ކިއޮންޖަރް ޑިސްޓްރިކްޓްގައި ދިރިއުޅޭ މި ދެމަފިރިންގެ ވަރަށް ކުޑަ 11 ދަރިން ތިއްބާ އަންހެން މީހާ ގޭން ބޭރުކޮށްލީ އޭނާގެ ހުއްދަ ނެތި ނުވިހާގޮތް ހަދައިގެންނެވެ.

ޖާންކީ ދަހުރީ ނަމަކަށް ކިޔާ އަންހެން މީހާ ގެއިން ނެރެލުމުން އޭނާ މިފަހަރު ވިހޭ ދަރިފުޅާއެކު ނިދަނީ އެ ގޭގެ ބޭރުގައި ހުރި އަނބުގަހެއްގެ ދަށުގަ އެވެ.

ޖާންކީ އާއި އޭނާގެ ފިރިމީހާއަށް 11 ދަރިން ލިބިފައިވާއިރު މިހާރު ދުނިޔޭގައި ތިބީ ފަސް އަންހެން ކުދިންނާއި ފަސް ފިރިހެން ކުދިންނެވެ. އެއް ކުއްޖަކު ވަނީ ތަންކޮޅެއް ޅަފަތުގައި މަރުވެފަ އެވެ.

ފެބްރުއަރީ 14 ވަނަ ދުވަހު ޖާންކީ ވަނީ ޓީއުބުގޮށް ޖަހައި ނުވިހާ ގޮތް ހަދަން އޮޕަރޭޝަން ކޮށްފަ އެވެ. އެއީ ޑޮކްޓަރުންނާއި މައިންނާއި ދަރިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާ 'އާޝާ'ގެ ވޮލަންޓިއަރުންގެ އިރުޝާދުގެ މަތިންނެވެ.

ނަމަވެސް ޖާންކީ ނުވިހާ ގޮތް ހަދަން އޭނާގެ ފިރިމީހާ ރަވީ ބޭނުމެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި ޖާންކީއަށް ދެން 'ކަލާންގެތަކަށް' އަޅުކަމެއް ނުކުރެވޭނެ އެވެ. އެހެންވެ އޭނާ ގެއިން ބޭރަށް ނެރެލީ ކަމަށް ރަވީ ބުނެފައި ވެއެވެ.

ޖާންކީ ނުވިހާ ގޮތް ހަދަން އެހީތެރިވެދިން ވޮލަންޓިއަރުން ބުނި ގޮތުގައި އިތުރަށް ވިހައިފިނަމަ ޖާންކީގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. މިފަދަ ހާލަތެއްގައި އޭނާއަށް އެހީތެރިނުވުމަކީ އިންސާނިއްޔަތާ ޚިލާފުކަމެއް ކަމަށް އެމީހުން ދެކެ އެވެ.

ޖާންކީ ބުނީ ގެއިން ނެރެލުމުން އޭނާ އާއި ދަރިން ދިރިއުޅެނީ އަނބުގަހެއްގެ ދަށުގައި ކަމަށެވެ.