ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދަރިން ލިބުމުގެ ހުވަފެން ހަގީގަތަކަށްވީއިރު އަނބިން ދުނިޔެދޫކޮށްފި

ކޮވިޑް-19 އިގެ ދެ ވަނަ ރާޅުގައި އިންޑިޔާގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މާބަނޑު މީހުން މަރުވި އެވެ. ކޮވިޑް ޖެހިގެން މަރުވި ގިނަ މީހުންގެ ދަރިފުޅު މަރު ނުވަނީސް ނަގައި އެކުދިންގެ ފުރާނަ ސަލާމަތް ކުރުމުގައި ޑޮކްޓަރުން ކާމިޔާބު ހޯދާފައި ވެއެވެ. އެއާއެކު ދެން ދިމާވީ އިތުރު މައްސަލައެކެވެ. މަރުވި މާބަނޑު މީހުންގެ ފިރިންނަށް ތުއްތު ދަރިފުޅާއި ދެން ވެސް އެ ދެމަފިރިންގެ ކުދިން ތިބި ނަމަ އެކުދިން ބެލުމުގެ ޒިންމާ ބޮލުގައި އެޅުމެވެ. އަނބިމީހާ މަރުވުމުގެ ހިތާމަ ކޮށްލާނެ ވަގުތު ވެސް އެމީހުންނަށް ނުލިބުމެވެ. މީގެ ތެރޭގައި ދަރިއަކު ނުލިބިގެން އެތައް އަހަރެއް ވަންދެން ބޭސް ފަރުވާ ކުރުމަށްފަހު ދަރިއަކު ލިބުމުގެ އުފާ ހާސިލުވީ ދެމަފިރިން ވެސް މަދެއް ނޫނެވެ.

އިންޑިޔާގެ ހަރިދްވާރްގައި ދިރިއުޅޭ ބާރަތު ޝަރުމާއަކީ މިފަދަ ބައްޕަ އެކެވެ. އަންހެނުންގެ ޖަނާޒާގެ ކަންތަކުގައި އުޅުނުއިރު ވެސް ބާރަތު އަށް އަބަދު ޖެހުނީ ދަރިފުޅުގެ ކަންކަމުގައި މަސްއޫލުވާށެވެ. ބައެއް ފަހަރު ދަރިފުޅުގެ ބުއްފުޅި ދީފައި ވައި ލައްވަން އޭނާ މަސައްކަތް ކުރެ އެވެ. އަނެއްބައި ފަހަރު ދަރިފުޅު ނިންދެވޭތޯ މަސައްކަތް ކުރެ އެވެ.

މި ތުއްތު ދަރިފުޅަކީ އޭނާ އާއި އަންހެނުން މަންޖޫގެ ފޮނި އުންމީދުތަކާ ގުޅިފައިވާ ކުއްޖެކެވެ. ކައިވެންޏަށް 11 އަހަރުވީއިރު ވެސް ބާރަތު އާއި މަންޖޫ އަކަށް ދަރިއަކު ލިބުމުގެ ނަސީބެއް ނުލިބުނެވެ. އެހެންވެ ދެމަފިރިން އިންތިހާއަށް ކުއްޖަކު ބޭނުންވެ އެކި ކަހަލަ ޑޮކްޓަރީ ފަރުވާތައް ހޯދަމުން ދިޔަ އެވެ.

އައިވީއެފް ހަދައިގެން މަންޖޫ ބަލިވެއިންކަން އޭނާއަށް އެނގުނު ދުވަހަކީ ދެމަފިރިންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އެ ދުވަހުން ފެށިގެން ދެމަފިރިން އުންމީދު ކުރަމުން އައީ ދަރިފުޅާއެކު އުފާވެރި ހަޔާތެއް ވޭތު ކުރުމަށެވެ. ދަރިފުޅުގެ މުސްތަގްބަލަށް އެމީހުން ވަރަށް ފޮނި ހުވަފެންތަކެއް ދެކެމުން އައެވެ. މި ދަރިފުޅުގެ މަންމަގެ ރޯލު ވެސް އަދި ބައްޕަގެ ރޯލު ވެސް ކުޅެން ޖެހޭނީ އޭނާ އެކަނިމާއެކަނި ކަމެއް ބާރަތަށް ޚިޔާލަކަށް ވެސް ނާދެ އެވެ. ނަމަވެސް ކަންވީ އެހެންންނެވެ.

ބަލިވެ އިނދެ ވިހަން ކައިރިވެފައި އިންދާ މަންޖޫއަށް ކޮވިޑް ޖެހުނީ އެވެ. މަންޖޫގެ ހާލު ބޮޑުވުމުން މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސިޒޭރިއަން ހަދައިގެން އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނެގީ އެވެ. އަދި އޭޕްރީލް 27 ވަނަ ދުވަހު މަންޖޫ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

"މަންޖޫއަށް ބޭބީގެ ފޮޓޯ ދައްކާލީމަ ބޮޑުވާއިނގިލި އުފުލާލާފައި ކާމިޔާބީގެ އިޝާރާތެއް ކުރި. އޭރުވެސް އޭނާ އޮތީ ވެންޓިލޭޓަރުގައި. އޭގެ ފަހުން ހާލު ބޮޑުވަމުން ގޮސް މަރުވީ،" ބާރަތު ބުންޏެވެ.

ބާރަތު ބުނި ގޮތުގައި ފިރިހެން ދަރިފުޅު ރަނގަޅަށް ތަރުބިއްޔަތުކޮށް ބޮޑުކުރުމީ މިހާރު އޭނާގެ ހަޔާތުގެ ހަމައެކަނި އަމާޒެވެ. އޭނާއަށް ވެވުނު އެންމެ ރަނގަޅަކަށް މަންމަ އާއި ބައްޕަގެ ލޯބި ދަރިފުޅަށް ދޭން ބާރަތު ވަނީ އަޒުމު ކަނޑައަޅާފަ އެވެ.

މިފަދަ ކިތަންމެ ބާރަތެއް މިހާރު އިންޑިޔާގައި އެބަތިއްބެވެ. ކޮވިޑްގައި މާބަނޑު އަނބިމީހާ މަރުވެ ދަރިން ބެލުމުގެ ޒިންމާ އާ ހަވާލުވެފައިވާ އެތައް ފިރިހެނުންނެކެވެ. ބައެއް މީހުންނަށް އެހީތެރިވާނެ އާއިލާގެ މީހުން ތިބިއިރު އަނެއް ބަޔަކު ތިބީ އެކަންޏެވެ. ދިރިއުޅުމަށް މަސައްކަތް ކުރަމުން ދަރިން ބެލުމުގެ ޒިންމާ އާ ހަވާލުވެގެންނެވެ.

ދޭވްދަތު ތަވިޔާދު އަކީ ވެސް އެފަދަ ބައްޕަ އެކެވެ. އަންހެނުން ދިކްޝާ މަރުވުމުގެ ހިތާމަ ކޮށްލާނެ ފުރުސަތެއް ވެސް ދޭވްދަތަކަށް ނެތެވެ.

ފާޓިލިޓީ ސްޕެޝަލިސްޓު ޑރ. ފަލްގޫނީ ބާވިޝީ ވިދާޅުވި ގޮތުގައި ދޭވްދަތު އާއި ދިކްޝާ އަށް ކުއްޖަކު ލިބުމުގެ އުފާ ހާސިލުވީ ބަރާބަރު 23 އަހަރު ދަރިއަކު ހޯދަން ކުރި އަގުބޮޑު، ވޭން ހުރި ފަރުވާތަކަށް ފަހުގައި ކަމަށެވެ.

ދިކްޝާއަށް އަލަތު ދަރިފުޅު ވިހެއީ މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އެވެ. އޭރު އޭނާއޮތީ ކޮވިޑް-19 ޖެހި ވަރަށް ހާލު ބޮޑުވެފަ އެވެ. އެހެންކަމުން ދަރިފުޅު ލޮލުން ދެކިލުމުގެ ފުރުސަތު ވެސް ނުލިބި މޭ 30 ވަނަ ދުވަހު އޭނާ ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ.

ދޭވްދަތު ބުނި ގޮތުގައި އެތައް ޒަމާނަކުއްސުރެ ކައިވެނިކޮށްގެން އުޅުނު ލޯބިވާ އަނބިމީހާ މަރުވުމުގެ ހިތާމަ ވެސް ކުރާނެ ވަގުތެއް އޭނާއަކަށް ނެތެވެ. ދަރިފުޅަށް ބުއްފުޅި ދިނުމާއި ޑައިޕާ ބަދަލުކުރުން އަދި ނިންދެވުން ފަދަ ކަންތައްތަކަކީ އޭނާއަށް ވަރަށް އާ ކަންތައް ތަކެކެވެ. ވީމާ މިވަގުތު އޭނާ ހުރީ ކޮއްކޮ އާއި އޭނާގެ އަންހެނުންނާއެކު އެ ގޭގައި ކަމަށާއި ދަރިފުޅަށް ކޮށްދޭންވާ ކަންތައްތައް ރަނގަޅަށް ދަސްވުމުން ދަރިފުޅު ގޮވައިގެން އަމިއްލަ ގެއަށް ދާން ގަސްތުކުރާ ކަމަށް ދޭވްދަތު ބުންޏެވެ.

ނަދިއަދު ކިޔާ ރަށެއްގައި ދިރިއުޅޭ ނިތިން ސޯދާ މިހާރު ގިނަ ވަގުތު ހޭދަކުރަނީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ދަރިފުޅު އުފަންވީ ދުވަސް ނުފުރާ ކަމުން އެ ދަރިފުޅުގެ ގައިގައި ހުރީ އެންމެ 1.7 ކިލޯ އެވެ. އެހެންވެ ހޮސްޕިޓަލުގެ ކުޑަކުދިންގެ އައިސީޔޫގައި ދަރިފުޅު އޮތުމުން އެތަނުން ދުރަށް ދާން އޭނާ ބޭނުން ނުވަނީ އެވެ.

މި ދަރިފުޅަކީ އޭނާ އާއި އަންހެނުންގެ އެތައް އަހަރެއްގެ އިންތިޒާރެވެ. އެމީހުންގެ ކައިވެންޏަށް 35 އަހަރު ފަހުން ލިބުނު ހަމައެކަނި ދަރިފުޅެވެ. ނަމަވެސް ދަރިފުޅަށް ބަލިވެ އިނދެ ހަތްމަސް ފުރުނުތަނާ އަންހެނުންނަށް ކޮވިޑް ޖެހި ދެންމެ ދެންމެ ފުރާނަ ހިނގައިދާނެހެން ހީވުމުން ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގީ އެވެ.

މި ދެމަފިރިންނަށް ދަރިން ނުލިބޭތީ ފަރުވާކޮށްދިން ޑޮކްޓަރު ނަޔާނާ ޕަޓޭލް ވިދާޅުވީ 35 އަހަރު ފަހުން ދަރިއަކު ލިބޭކަން އެނގުމުން ދެމަފިރިން އުފަލުން ފޮޅުނެވެ. ނަމަވެސް މިއަދު ނިތިން އަށް ޖެހިފައިވަނީ ތުއްތު ދަރިފުޅު ސަލާމަތްވޭތޯ ދުއާ ކޮށްލަ ކޮށްލާ އިންނާށެވެ. އަނބިމީހާ މަރުވުމުގެ ހިތާމަ ކުރަމުންނެވެ. ދެމަފިރިންގެ އުފާ ހިތާމައަށް ބަދަލުވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ނިތިންގެ މިއަދުގެ އެންމެ ބޮޑު ހިތާމައަކީ އެމީހުންގެ 35 އަހަރު ވަންދެން ލިބޭތޯ އުންމީދުކުރަމުން އައި ދަރިފުޅު ލޮލުން ދުށުމުގެ ފުރުސަތު ނުލިބި އޭނާގެ އަންހެނުން ޖައްސީ މި ދުނިޔެއާ އަލްވަދާއު ކިޔާފައި ވުމެވެ.

"އަހަރެންނަކަށް މި ވަގުތު ރޮއިރޮއި އިނދެވޭކަށް ނެތް. އަހަރެންގެ ދަރިފުޅަށްޓަކައި އަހަރެން ވަރަށް ވަރުގަދަ މީހަކަށް ވާން ޖެހޭ. މި ދަރިފުޅަށްޓަކައި ޖައްސީ ދުއް ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ޒިންމާ މިހާރު އެޅިފައިވަނީ ހަމައެކަނި އަހަރެންގެ ކޮނޑުގައި. ކޮންމެ ހާލެއްގައި ވެސް މި ދަރިފުޅުގެ ހަޔާތް އުފާވެރި އެއްޗަކަށް ހެދޭތޯ އަހަރެން މަސައްކަތް ކުރާނަން،" ނިތިން ބުންޏެވެ.