ލައިފްސްޓައިލް

70 އަހަރުގައި ދަރިއަކު ވިހޭ އަންހެން މީހާގެ ތަޖުރިބާ

އުމުރުން 70 އަހަރުގައި ދަރިއަކު ވިހޭ މީހެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ އިންޑިއާގެ އަވަށެއްގައި ދިރިއުޅޭ މި މީހާ އެ ފަހަރު ވިހެއީ އެއްމާބަނޑު ދެބެންނެވެ. އަދި އެއްމާބަނޑު ދެބެން ވިހޭ އެންމެ އުމުރުން ދޮށީ މީހާގެ ދުނިޔޭގެ ރެކޯޑް މިހާރު އޮތީ މި އަންހެންމީހާ އަށެވެ.

އުމުރުން ދުވަސްވެފައި ހުއްޓަސް ފިރިހެން ދަރިއަކު ލިބުމުން މި އަންހެން މީހާ ވަރަށް އުފާވި ނަމަވެސް ދަރިފުޅު ބެލެހެއްޓުމަކީ އޭނާއަށް ވަރަށް އުނދަގޫކަމެއް ކަމަށް އެއްބަސްވި އެވެ. ސަބަބަކީ ދަރިފުޅު ފަހަތުން ދުވާނެ ހަކަތަ އޭނާގެ ގައިގައި ނެތީމަ އެވެ.

މިހާރު 6 އަހަރު ފުރިފައިވާ އާކާޝްވާނީއާ އެކު އޭނާގެ މަންމަ އޯމްކާރީ ސިންގް ފެންނަ ކޮންމެ މީހަކު ހީކުރަނީ އެއީ ދެ މާމައިން ކަމަށެވެ. އާކާޝްވާނީ އަކީ އޯމްކާރާގެ ދަރިއެއް ކަމަކަށް އެކަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ.

"ވަރަށް ގިނަ މީހުން އަހާނެ އަހަރެން ކައިރީ އެއީ މަގޭ މާމަ ދަރިއެއްހޭ. އަމިއްލަ ދަރިއެކޭ ބުނީމަ ގަބޫލެއް ނުކުރެވޭ އެމީހުންނަށް،" ބެއާކްރޮފްޓް ޓީވީ އިންޓަވިއު އެއްގައި އޯމްކާރީ ބުންޏެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މި އަންހެން މީހާ 2008 ވަނަ އަހަރު އެއްމާބަނޑު ދެބެން ވިހޭއިރު 70 އަހަރު ވަނީ ފުރިފަ އެވެ. ބަލިވެ އިނީއްސުރެ ވަރަށް ވޭނުގައި އުޅެމުން އައިސް ބަނޑަށް އަށް މަހުގައި ޑޮކްޓަރުންނަށް މަޖްބޫރުވެގެން ސިޒޭރިއަން ހަދައިގެން އޭނާގެ ބަނޑުގައި އޮތް ދެ ދަރިން ނެގީ އެވެ.

ދެ ކުދިން ވެސް ދުވަސް ނުފުރާ ނަގަން ޖެހުމުން ކޮންމެ ކުއްޖެއްގެ ގައިގައި އުފަންވީއިރު ހުރީ އެންމެ ކިލޯ އެކެވެ. ބަރުދަން ލުޔަސް އިމަޖެންސީކޮށް ސިޒޭރިއަން ހަދަން މުޒައްފަރްނަގަރް ހޮސްޕިޓަލެއްގެ ޑޮކްޓަރުންނަށް މަޖްބޫރުވީ އެނޫން ގޮތަކުން އޯމްކާރީ އާއި އޭނާގެ ދަރިންގެ ފުރާނަ ސަލާމަތް ކުރެވެން ނެތިގެންނެވެ.

އޯމްކާރީގެ ސިޒޭރިއަން ހަދައިދިން އަންހެނުންގެ ޚާއްސަ ޑޮކްޓަރު ނިޝާ މަލިކު ވިދާޅުވީ އޯމްކާރީ ބަނޑުބޮނޑު ވާހަކަ ފުރަތަމަ އިވުމުން ގަބޫލުކުރަން އޭނާއަށް ދަތިވި އެވެ.

"އަހަރެންނާ ހަމައަށް އޭނާ އައިއިރު ލޭ ފައިބާ ފައިބާ ގޮސް ކިރިޔާ ފުރާނަ ނުގޮސް އޮތީ. އެހެންވެ ވަގުތުން ލޭ އަޅައި، އިމަޖެންސީކޮށް ސިޒޭރިއަން ހެދީ،" ޑރ. މަލިކް ވިދާޅުވި އެވެ.

އޯމްކާރީގެ ފިރިމީހާ ޗަރަން ސިންގް ޕަންވަރް އަކީ މިހާރު ރިޓަޔާކޮށްފައިވާ ދަނޑުވެރިއެކެވެ. މި ދެމަފިރިންގެ ވަރަށް ބޮޑު ދެ އަންހެން ދަރިން އެބަތިއްބެވެ. އަދި މާމަ/ކާފަ ފަސް ދަރިން އެބަތިއްބެވެ. ނަމަވެސް ވާރިސެއްގެ ގޮތުގައި އެމީހުން ބަލަނީ ފިރިހެން ދަރިން ކަމަށްވާތީ ފިރިހެން ދަރިއަކު ނެތުމުގެ ހިތާމަ އެމީހުން އަބަދުވެސް ކުރެ އެވެ.

އައިވީއެފް ހަދައިގެން އަދިވެސް ފިރިހެން ދަރިއަކު ލިބުމުގެ އުންމީދު އޮތް ކަން އެނގުމާއެކު ޗަރަން ސިންގް ވަނީ އޭނާ ގެންގުޅުނު މީގޮނުތަކާއި މިލްކުގައި ހުރި ބިންތަކެއް ވިއްކާލައި އަދި އަތުގައި ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއިން ވެސް ފައިސާ ހަމަނުވެގެން ލޯނެއް ނަގައިގެން އަންހެނުންގެ އައިވީއެފް ހައްދާފަ އެވެ. މިކަމަށް ގާތްގަނޑަކަށް 5492 ޔޫއެސް ޑޮލަރަށް ވާ އިންޑީއާ ރުފިޔާ އޭނާ ޚަރަދު ކުރި އެވެ.

އެމީހުންގެ މި ނިންމުމަށް ވަރަށް ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުން އަމާޒުވީ ނަމަވެސް ފިރިހެން ދަރިއަކު ލިބުނީތީ ދެމަފިރިން ތިބީ އިންތިހާއަށް އުފާވެފަ އެވެ.

"ފިރިހެން ދަރިއަކާ ނުލާ އަހަންނަކަށް ދިރިއުޅުމެއް ނެތް. ފިރިހެން ދަރިއަކު ނެތްނަމަ އަހަރެންގެ ގެއާއި މުދާ ބަލަހައްޓާނީ ކާކު؟" އިންޑިއާ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އޯމްކާރީ ބުނެފައި ވެއެވެ.

މީގެ ހަ އަހަރު ކުރިން އައިވީއެފް ހަދައިގެން އޯމްކާރީގެ ދެމަފިރިންނަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކީ އަންހެން ކުއްޖެކެވެ. އެމީހުން އެ ދަރިފުޅަށް ކީ ބަރުސާތެވެ. ނަމަވެސް މީގެ ދެ އަހަރެއްހާ ދުވަސްކުރިން ބަރުސާތުގެ އުމުރުން ހަތަރު އަހަރުގައި ޑޮކްޓަރުންނަށް އޮޅިގެން ނުބައި ބޭހެއް ދެވިގެން ބަރުސާތު ވަނީ މަރުވެފަ އެވެ. ނަސީބަކުން އާކާޝްވާނީ އަދިވެސް ހެޔޮ ހާލުގައި ދުނިޔޭގައި އެބަހުއްޓެވެ.

އާކާޝްވާނީ ކަހަލަ ހަލަނި ފިރިހެންކުއްޖެއް ގެންގުޅުމަކީ އޯމްކާރީ އަށް މިހާރު ކުރެވޭ ވަރުގެ ކަމެއް ނޫންކަމަށް ޚުދް އޭނާ އެއްބަސްވެ އެވެ. އޭނާގެ އުންމީދަކީ އާކާޝްވާނީ ކައިވެނިކުރާ ދުވަސް އަންނަން ދެން ދުނިޔޭގައި ލެހެއްޓެވުމެވެ. އަދި ވީހާވެސް އަވަހަށް ފިރިހެން ދަރިފުޅުގެ ކައިވެނި ކޮށްދޭން މިހާރުއްސުރެ އެ ދެމަފިރިން ވިސްނަ އެވެ.

"އޭގެ ކުރިން އަހަރެން މަރުވެއްޖެނަމަ އަހަރެންގެ އަންހެން ދަރިފުޅު ބަލައިދޭނެ އާކާޝްވާނީ،" އޯމްކާރީ ބުންޏެވެ.