ފިރިމީހާ އާއި އޭނާގެ އާއިލާއިން ބޭނުންވަނީ ފިރިހެން ދަރިއެއް ކަމުން ބަލިވެ އިންނަ ކޮންމެ ފަހަރަކު ޖިންސު ބަލާފައި އަންހެން ކުއްޖެއް ކަން އެނގުމުން އެބޯޝަން ހައްދަމުން ގޮސް މިހާރު ޖެހިޖެހިގެން އަށް ފަހަރު އެބޯޝަން ހަދައިފި ކަމަށް ބުނެ އިންޑިއާގެ މުމްބައީގެ އަންހެނަކު ފުލުހުންނަށް ޝަކުވާ ހުށަހަޅައިފި އެވެ.
އަންހެން މީހާ ބުނަނީ ހުރިހާ ފަހަރަކު ވެސް އެބޯޝަން ހަދާފައި ވަނީ ގަދަކަމުން މަޖުބޫރު ކުރުވައިގެން ކަމަށެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މި އަންހެން މީހާ އަކީ ރިޓަޔަ ވެފައިވާ ޖަޖެއްގެ ދަރިއެކެވެ.
މި އަންހެން މީހާ ފުލުހުންނަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފިރިހެން މީހާ އާއި އޭނާގެ ކައިވެނި ކުރުވާފައިވަނީ 2007 ވަނަ އަހަރު ކަމަށެވެ. ކައިވެންޏަށް އެތައް އަހަރެއްވީއިރު ވެސް ފިރިހެން ދަރިއަކު ނުލިބުމުން ފިރިމީހާ އަނިޔާކުރަން ފެށި ކަމަށްވެސް އަންހެން މީހާ ބުނެފައިވެ އެވެ.
މި އަންހެން މީހާ ފުރަތަމަ ވިހެއީ 2009 ގައެވެ. އެ ފަހަރު އޭނާ އަށް ލިބުނީ އަންހެން ކުއްޖެކެވެ. އޭގެ ފަހުން 2011 ގައި އޭނާ ދެ ވަނަ ފަހަރަށް ބަލިވެ އިނުމުން ފިރިމީހާ އާއި އާއިލާގެ މީހުން ގަދަކަމުން ކުއްޖާގެ ޖިންސު ބަލާފައި އަންހެން ކުއްޖެއްކަން އެނގުމުން އެބޯޓްކުރުވީ އެވެ. އެގޮތަށް ފާއިތުވީ ދުވަސް ތަކުގައި އޭނާގެ ނުގަބޫލުގައި އަށް ފަހަރު އެބޯޝަން ހަދާފައިވާ ކަމަށް ދާދަރް ޕޮލިސް ސްޓޭޝަނަށް އެމީހާ ހުށަހެޅި ޝަކުވާގައި ބުނެފައިވެ އެވެ.
އެންމެ ފަހުން ފިރިހެން ދަރިއަކު ނުލިބިގެން އަންހެން މީހާ ގޮވައިގެން ބޭރު ގައުމަކަށް ގޮސް އެތައް ޓެސްޓެއް ހަދައި ހޯމޯން އަދި ސްޓެރޮއިޑް އިންޖެކްޝަންގެ 1500 އިންޖެކްޝަން ވެސް އޭނާގެ ގަޔަށް ޖެހިކަމަށް އަންހެން މީހާ ބުނެ އެވެ. މި ފަދަ ޓެސްޓް ކުރުމާއި ފަރުވާތައް އިންޑިއާގައި މަނަލެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާގެ ޝަކުވާއަށް ބަލައި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.