ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑްޖެހި 45 ދުވަސް ވެންޓިލޭޓަރުގައި އޮތް ކުއްޖަކު ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހި ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި 45 ދުވަސް ވަންދެން ބޭއްވި ކުޑަ ކުއްޖެއް އެ ބަލިން މުޅިން ފަސޭހަވެއްޖެ އެވެ. އުމުރުން 4 އަހަރުގެ މި ކުއްޖާއަކީ ކޮވިޑް ބަލީގައި މިހާ ހާލު ބޮޑުވެ ވެންޓިލޭޓަރުގައި ބޭއްވި ކުދިންގެ ތެރެއިން، މުޅި ދުނިޔޭން ވެސް، ފުރާނަ ސަލާމަތްވި އެންމެ ހަގު ކުއްޖާއަށް ވެދާނެކަމަށް އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ބުނެފައި ވެއެވެ.

ޕްރޭމް ނަމަކަށްކިޔާ ކުއްޖާ އިންޑިއާގެ މުމްބައިގެ މަހަރަޝްތުރަގެ ޖަހާންގީރް ހޮސްޕިޓަލުގެ ޕީޑިއެޓްރިކް އިންޓެންސިވް ކެއާގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. އާއްމުކޮށް ބޮޑެތި މީހުންނަށް ކޮވިޑް ޖެހުމުން ދިމާވާ ކަހަލަ މައްސަލަތަކެއް މި ކުޑަ ކުއްޖާއަށް ދިމާވެ 41 ދުވަސް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭން ޖެހުނެވެ.

ޖެނުއަރީ 18، 2022ގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ކޮވިޑްގައި އޭނާގެ ފުއްޕާމެއަށް ލިބުނު ގެއްލުން ރަނގަޅުކުރަން 67 ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހުގަ އެވެ. އޭގެ ތެރެއިން 45 ދުވަސް އޭނާ ހޭދަކުރީ އިންވޭސިވް ހައި-ފްރިކުއެންސީ ވެންޓީލޭޓާގަ އެވެ.

"އަހަރެމެން އެންމެ ފުރަތަމަ އޭނާ ގެންދިޔައީ މޯޝީގައި ހުންނަ ކުޑަ ހޮސްޕިޓަލަކަށް. ހުން އެއްގޮތަކަށް ވެސް ވިހެ ނުލައިގެންނާއި މޭގައި ވަރަށް ބޮޑަށް ރޯގާ ހިފައިގެން. އޭނާ ބާއްވަފައި އޮތް އެނދާ ޖެހިގެން އޮތް އެނދުގައި އޮތީ ކޮވިޑްގެ އަލާމާތްތައް ފެނި ރަނގަޅުވަމުން އަންނަ ފުރާވަރުގެ ކުއްޖެއް. ޕްރޭމް އެތަނުގައި ބޭއްވިތާ ފަސް ވަނަ ދުވަހު ނޭވާ ނުލެވިގެން އުޅެން ފެށި،" ޕްރޭމްގެ ބައްޕަ ބުންޏެވެ.

ޕްރޭމްއަށް ފަރުވާ ކުރި ޑޮކްޓަރު ބުނި ގޮތުގައި އެ ހޮސްޕިޓަލަށް އެ ކުއްޖާ ގެނައިރު ކޮވިޑް-ނިއުމޯނިއާ ވަރަށް ބޮޑަށް ޖެހިފައި ވެއެވެ. އާއްމު ގޮތެއްގައި މިހެން ދިމާވަނީ ބޮޑެތި މީހުންނަށް ނަމަވެސް ޕްރޭމް އަށް މި ބަލީގައި ވަރަށް ބޮޑުވަރު ވިއެވެ.

"ކޮންމެ ދުވަހަކުވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. ވެންޓިލޭޓަރު ގުޅައިގެން ވަރަށް ގިނަ ފަރުވާ ތަކެއް ދޭން ޖެހުނު،" ޑޮކްޓަރު ބުންޏެވެ.
ނަމަވެސް ބައްޔާ ހަނގުރާމަކޮށް ޕްރޭމް މިހާރު ވަނީ މުޅިން ރަނގަޅުވެފަ އެވެ. ކުޑަކުޑަ ކުއްޖާއަށް އޭނާ މި ކުރި ވަރުގަދަ ހަނގުރާމައިގެ ހަނދާނެއް މިހާރު އެހާ ބޮޑަކަށް ނެތެވެ. ޕްރޭމް ބުނީ ޗޮކްލެޓް ކައި ކުޅެން ބޭނުންވާ ކަމަށެވެ.