ލައިފްސްޓައިލް

ޑޮކްޓަރުންގެ މަސައްކަތުން ވެންޓިލޭޓަރުގައި 150 ދުވަހު އޮތް ކުއްޖެއް ސަލާމަތްވެއްޖެ

އިންޑިއާގެ ޕޫނޭގެ ޑޮކްޓަރުންތަކެއްގެ މިންނަތް މަސައްކަތުން ކުޑަ ކުއްޖެއްގެ ފުރާނަ ސަލާމަތް ވެއްޖެއެވެ.

ވަރަތު (ނަން ބަދަލުކޮށްފައި) އަކީ ދެ އަހަރާއި ފަސް މަހުގެ ކުއްޖެކެވެ. މި ކުޑަ ކުއްޖާއަށް ޖެހުނީ ބައިލެޓްރަލް ނިއުމޯނިއާ އެވެ. މިއީ ވަރަށް މަދުން ނޫނީ އިންސާނުންނަށް ނުޖެހޭ ސީރިއަސް އިންފެކްޝަނެކެވެ. މި ވައްތަރުގެ ނިއުމޯނިއާ ޖެހުމުން ފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެ ލަކުނު ލައެވެ.

މި ކުއްޖާގެ ފުރަތަމަ މި ބަލީގެ އަލާމާތް ފެންނަން ފެށިއިރު އައީ ހުމެވެ. ދެން ރޯގާޖެހި، ކެއްސާ، ނޭވާލާން އުނދަގޫވެގެން ވެންޓިލޭޓަރަށް ލީއެވެ. އެގޮތުން ވެންޓިލޭޓަރުން ނުނެގި 150 ދުވަހު އެ ކުއްޖާ މަރާ ހަނގުރާމަކޮށްކޮށް އޮތެވެ.

އެކްސްރޭ އިން ދެއްކި ގޮތުގައި ކުއްޖާގެ ފުއްޕާމޭގެ ގާތްގަނޑަކަށް 80 ޕަސެންޓް ހުރީ ވިރަލަންޓް ބެކްޓީރިއަމް ސްޓްރެޕްޓޯކޮކަސް ނިއުމޯނިއާ އިން އިންފެކްޓްވެފަ އެވެ.

މި ކުޑަ ކުއްޖާގެ ފުއްޕާމޭގެ ޓިޝޫތަކުގެ އެތެރެއާއި ބޭރުގައި އުފެދިފައިވާ އެއާ ޕޮކެޓްތަކުން ފެން ނެގުމަށްޓަކައި ޚާއްސަ ހޮޅިތަކެއް ލައްވަން ޖެހުނެވެ. އެއާއެކު ފުއްޕާމޭގެ ފަންކްޝަން ރަނގަޅުކުރަން ވެސް މުހިއްމު ފަރުވާތަކެއް ދޭން ޖެހުނެވެ.

މި ކުއްޖާއަށް ފަރުވާ ދިނީ ޕޫނޭގެ ސޫރްޔާ މަދާ ސުޕަ ސުޕެޝަލިޓީ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް ތިން މަހަށް ވުރެ ގިނަ ދުވަހު މި ކުއްޖާ މެކެނިކަލް ވެންޓިލޭޓަރުގައި ވެސް ބޭއްވި އެވެ.

"ނިއުމޯނިއާ ޖެހޭ މީހުންގެ ހާލު ބޮޑުވުމުގެ ފުރުސަތު އޮވޭ. ވަރަތު އަށް ވެސް މި ނުރައްކާ އޮތް. ވެންޓިލޭޓަރުގައި އެހާ ގިނަ ދުވަހު ބާއްވަން ޖެހުން އެއީ އިތުރަށް ބަލި ބޮޑުވުމަށް ހުޅުވުނު ދޮރެއް،" އިންޑިޔާ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި އެ ހޮސްޕިޓަލުގެ ޕީޑިއެޓްރިކް އިންޓެންސިވް ކެއާގެ ސީނިއާ ކޮންސަލްޓަންޓް ޕީޑިއެޓްރިކް ޑރ. އަމީތާ ކޯލް ވިދާޅުވެފައި ވެއެވެ.

ވަރަތު ވެންޓީލޭޓަރުން ނެގުނީ ވަރަށް މަސައްކަތުން ކަމަށާއި މިހާރު މުޅިން ރަނގަޅުވެގެން ގެއަށް ދޫކޮށްލާފައިވާއިރު މިހާރު ރީތިކޮށް ނޭވާލާ ހެދޭކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަސް އަހަރުން ދަށުގެ ކުދިންނަށް މި ބާވަތުގެ ނިއުމޯނިއާ ޖެހުމުން ރައްކާތެރިވުމަށް ވެކްސިން ޖެހުން ވަރަށް މުހިއްމެވެ. މި ވަގުތު ދެ ބާވަތެއްގެ ވެކްސިނެއް ލިބެން ހުރި ކަމަށާއި އޭގެ ތެރޭގައި ޕީސީވީ13 އާއި ޕީޕީއެސްވީ23 ހިމެނޭ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.