އިންޑިޔާގެ އާގަރާ އިން މީގެ ހަތަރު އަހަރު ކުރިން ގެއްލުނު ހަ އަހަރުގެ ފިރިހެން ކުއްޖަކު ފެނިއްޖެ އެވެ. މި ކުއްޖާ އަކީ އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހްރޫމް ވެފައިވާ ކުއްޖެކެވެ. ކުއްޖާ ގެއްލިފައިވަނީ އަލީގަޅްގައި ހުންނަ އޭނާގެ ގެއިންނެވެ.
ކުއްޖާގެ ބައްޕަ ބްރިޖް މޯހަން އޭނާގެ ދަރިފުޅު ގެއްލިގެން ހަމަ އެ ދުވަހު ފުލުހުންނަށް ރިޕޯޓް ކުރި އެވެ. އަދި ކޮންމެ ދުވަހަކު ސަރުކާރު އެކި އޮފީސްތަކަށް ގޮސް އެތައް އިރަކު އެމީހުންނަށް އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ކަމާ ބެހޭ އިދާރާތަކަށް އެ ކުއްޖާ ހޯދުމަށް އެންމެ ދަތިވީ އެ ކުއްޖާއަށް އަޑުނީވޭތީ އާއި ވާހަކަ ނުދެއްކޭތީ އެވެ.
އެންމެ ފަހުން އަލީގަޅްގެ ޑެޕިއުޓީ އެސްޕީ މުހްސިން ޚާން އާ ބައްދަލުކުރުމުގެ ފުރުސަތު މޯހަން އަށް ލިބުނެވެ. އަދި އެމީހުންގެ ދަރިފުޅު ހޯދުމުގައި އޭނާއަށް ކޮށްދެވުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން ޑެޕިއުޓީ އެސްޕީ އެ ކުއްޖާގެ މައިންބަފައިންނަށް ދެއްވި އެވެ.
އެގޮތުން ކުއްޖާގެ ފޮޓޯ އާއި މައުލޫމާތު ކަރުދާހެއް ތައްޔާރުކޮށް އިންޑިޔާގެ އެކި ސަރަހައްދުތަކަށް އެކި ކަރުދާސް ބެހުމުގެ އިތުރުން ޔަތީމު ޚާނާތަކާއި އެނޫންވެސް ގެއްލިގެން އުޅޭ ކުދިން ގެންގޮއްސާނެ ހުރިހާ ތަނަކަށް މި ކުއްޖާގެ މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.
އެންމެ ފަހުން މި ކުއްޖާ، ރޯހިތު ވަނީ ފެނިފަ އެވެ. މިހާރު އުމުރުން 10 އަހަރުގެ ރޯހިތު ހުރީ ފީރޯޒްއާބާދުގައި ހުންނަ ސަރުކާރުން ހިންގާ ކުޑަކުދިންގެ އޮބްޒަވޭޝަން ސެންޓަރެއްގައެވެ. ރޯހިތު ފެނިފައިވަނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންނެވެ. އަދި ޗައިލްޑް ވެލްފެއާ ކޮމިޓީން ބަލަންވާ ވަރަށް ބެލުމަށްފަހު މިހާރު ރޯހިތު ވަނީ އޭނާގެ ބައްޕަ މޯހަންއާ ހަވާލުކޮށްފަ އެވެ.
ކުއްޖާ ގެއްލުނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުއްޖާ ދާނެ ނުދާނެ ތަނެއް ނޭނގި މަގުމަތީގައި އެނބުރެނިކޮށް މީހަކަށް ފެނިގެން އޭނާ ޔަތީމުޚާނާއަކާ ހަވާލުކޮށްފައިވަނީ އޮގަސްޓް 2022ގައެވެ. ފީޜޯޒްއާބާދަށް އޭނާ ގެންގޮސްފައިވަނީ އެ ޔަތީމުޚާނާއިންނެވެ.
ކުއްޖާ ގޭގައި ހުއްޓާ ގެއްލުނު ގޮތެއް އަދި އޮގަސްޓް 2022 އާ ހަމައަށް އުޅުނު ގޮތެއް ނޭނގެ އެވެ. ފުލުހުން ބުނެފައިވަނީ ކުއްޖާ ފެނުނުއިރު އޭނާގެ ސިއްހަތު މުޅިން ރަނގަޅު ކަމަށާއި އެއްވެސް ގެއްލުމެއްގެ ނިޝާނެއް ނެތް ކަމަށެވެ.
ކުއްޖާގެ ބައްޕަ މޯހަން އަކީ އެ ދުވަހަކު އެ ކުރާ މަސައްކަތަކުން ލިބޭ ކުޑަ ފައިސާކޮޅުން ދެކޮޅު ޖައްސައިގެން އުޅެން ޖެހިފައިވާ ވަރަށް ފަގީރު މީހެކެވެ. ނަމަވެސް ކުއްޖާ ގެއްލުނީއްސުރެ އޭނާ މަސައްކަތް ވެސް ހުއްޓާލާފައި އެކި އެކި އިދާރާތަކަށް ކޮންމެ ދުވަހަކުވެސް އެތައް ވަގުތެއް ހޭދަކޮށްފައި ވެއެވެ.