ސިއްހީ ރޮނގުން ދުނިޔެ ބޮޑެތި ކުރިއެރުންތަކެއް މިހާރު ދަނީ ހޯދަމުންނެވެ. ބަލިތައް ކޮންޓްރޯލް ކުރުމާއި ގުނަވަންތައް ހަލާކުވާ މީހުންނަށް ގުނަވަންތައް ޖަހައިދިނުމުގެ ހިދުމަތްތަކަށް ވެސް މިހާރު އިންގިލާބީ ބަދަލުތަކެއް އައިސްފައި ވެއެވެ.
އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ރަށެއްގައި ދާދިފަހުން މިފަދަ އިންގިލާބީ މަސައްކަތެއް ޑޮކްޓަރުން ކުރައްވާފައި ވެއެވެ. އެއީ ކޮނޑުހުޅުން އަތް އެއްކޮށް ބުރިވި 10 އަހަރުގެ އަންހެންކުއްޖެއްގެ އަތް ޕްލާސްޓިކް ސާޖަރީ ހަދައިގެން އަނބުރާ އޭނާގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކޮށްދިނުމުގެ ތާރީހީ މަސައްކަތެވެ.
މިއަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު މި ކުއްޖާގެ އަތް ބުރިވެ ހަށިގަނޑާ ވަކިވީ ދިމާވި އެކްސިޑެންޓަކުން ތެޔޮ އުފައްދާ މެޝިނެއްގެ ތެރެއަށް ކުއްޖާގެ އަތް ވަދެ ތާށިވެގެންނެވެ.
ހިންދުސްތާން ޓައިމްސްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ސާޖަރީ ހަދާފައިވަނީ ސަންޖޭ ގާންދީ ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެސްޖީޕީޖީއައިއެމްއެސް) ގައެވެ.
މި އަންހެންކުއްޖާ އަކީ ލަކްނޫ ޑިސްޓްރިކްޓްގެ ނިގޯހާ އަވަށުގެ ކުއްޖެކެވެ. ކުއްޖާގެ އަތް މެޝިން ތެރޭ ތާށިވެ އޭނާގެ ހަށިގަނޑާ ވަކިވުމުން އޭނާގެ އާއިލާގެ މީހުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އެންމެ ފުރަތަމަ ގެންދިޔަ ހޮސްޕިޓަލުން އެދިގެން އެ ކުއްޖާ ސާޖަރީ ހެދި ހޮސްޕިޓަލަށް ފޮނުވީ އެވެ.
ކުއްޖާ ހޮސްޕިޓަލަށް ގެނައުމާއެކު ސާޖަރީ ހެދުމަށް ބޭނުންވާ ހުރިހާ ޓެސްޓްތަކެއް ހަދައި އޮޕަރޭޝަން ތިއޭޓަރަށް ކުއްޖާ ގެންގޮސް ވަގުތުން ޑޮކްޓަރުން މި ސާޖަރީއަށް ތައްޔާރުވިއެވެ.
މި ކުއްޖާގެ ޕްލާސްޓިކް ސާޖަރީ ހަދައިދިން ޕްލާސްޓިކް ސާޖަނުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވީ ޑރ. އަންކޫރް ބަޓްނާގަރް އެވެ. މި ސާޖަރީ އަކީ ހީކުރާހާ ފަސޭހަ ސާޖަރީ އެއް ނޫނެވެ. ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ސާޖަރީ އެކެވެ.
މައިކްރޯވެސްކިއުލާ ސާޖަރީ ޓެކްނިކް ބޭނުންކޮށްގެން ހެދި މި ސާޖަރީއަށް އެތައް ގަޑިއިރެއް ނެގި އެވެ. އަދި ސާޖަރީ ތެރޭ ލޭ ފޭބިލެއް ގިނަ ކަމުން ކުއްޖާގެ ގަޔަށް ތިން ޔުނިޓްސް ލޭ އަޅަން ޖެހުނެވެ. އަދި އައިސީޔޫގައި ދެ ދުވަހު ބާއްވާފައި ވެއެވެ.
ސާޖަރީ ކާމިޔާބުވެ ދުވަސްކޮޅަކު ހޮސްޕިޓަލުގައި އޮތުމަށްފަހު ކުއްޖާ ވަނީ ގެޔަށް ފޮނުވާލާފަ އެވެ. އަދި މިހާރު ކުއްޖާގެ ޖަހާފައިވާ އަތް ރަނގަޅަށް ހަރަކާތްކުރަން ވަނީ ފަށާފައިވާ ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނު ކުސުމް ޔާދަވް ހޯމަ ދުވަހު ވިދާޅުވެފައި ވެއެވެ.
މި ކުއްޖާއަށް ދިމާވި ގޮތަށް ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ބުރިވެ ހަށިގަނޑާ ވަކިވިތަން ފެނިއްޖެނަމަ ހަދަންވާ ގޮތް ވެސް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ ދެއްވި އެވެ. އެގޮތުން ހަށިގަނޑުން ވަކިވެފައިވާ ގުނަވަން ވަގުތުން ސާފު ފޮތިގަނޑަކަށް ލައި ބަންދުކުރުމަށްފަހު އައިސްފެނުގެ ތެރޭގައި ބޭއްވުމަށާއި ހަށިގަނޑުގައިވާ ޒަހަމްގައި ބޭސް އެޅުން ނުވަތަ ސާފު ފޮތިގަނޑަކުން އެތަން ރަނގަޅަށް ފޮރުވައި ވަގުތުން ހޮސްޕިޓަލަށް ގެންދިއުމަށް ސިއްހީ ތަޖުރިބާކާރުންގެ މި އިރުޝާދުގައި ވެއެވެ. އަދި ޒަހަމްވީ މީހާ ގެންދާ ހޮސްޕިޓަލަކީ ޓްރާންސްޕްލާންޓްގެ ހިދުމަތް ދެވޭ ތަނެއްކަން ޔަގީން ކުރުމަށް ވެސް އިރުޝާދުގައި ވެއެވެ.
ހަށިގަނޑުން ވަކިވާ ބައެއް އަލުން ހަށިގަނޑާ ގުޅުވަން އެންމެ ރަނގަޅީ އެކްސިޑެންޓް ހިނގާތާ ހަ ގަޑިއިރާއި އަށް ގަޑިއިރުގެ ތެރޭގަ އެވެ.