އިންޑިޔާގެ ކެރެލާގެ 17 އަހަރުގެ އަންހެންކުއްޖަކު އޭނާގެ ބައްޕައަށް ލިވާގެ ބައެއް ހަދިޔާކޮށްފި އެވެ. މި ކުއްޖާއަކީ އިންޑިޔާގައި މިހާތަނަށް އޯގަން އެއް ހަދިޔާއެއް ކުރި އެންމެ ހަގު ކުއްޖާ ވެސް މެއެވެ.
ދޭވަނަންދޫ ނަމަކަށްކިޔާ މި އަންހެންކުއްޖާއަކީ 12 ވަނަ ގްރޭޑްގައި ކިޔަވާ ދަރިވަރެކެވެ. މި ކުއްޖާގެ ބައްޕައަށް ފުރަމޭގެ ބައްޔެއް ޖެހި ވަރަށް ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ވެފައި ވެއެވެ. އަދި އޭނާގެ ބަލި ފަސޭހަ ކުރެވޭނެ ހަމައެކަނި އޮތަކީ ފުރަމޭ ޓްރާންސްޕްލާންޓް ކޮށްގެން ކަމަށް ވެސް ޑޮކްޓަރުން ބުނެފައި ވެއެވެ. ނަމަވެސް އިންޑިޔާގައި 1994 ވަނަ އަހަރު ނެރެފައިވާ ޓްރާންސްޕްލާންޓޭޝަން އޮފް ހިއުމަން އޯގަން އެކްޓް ބުނާ ގޮތުން 18 އަހަރު ނުފުރޭ ކުޑަ ކުދިންނަށް އެކުދިންގެ ގުނަވަނެއް އެހެން މީހަކަށް ހަދިޔާއެއް ނުކުރެވޭނެ އެވެ.
ކޮންމެ ގޮތަކުން ވިޔަސް ބައްޕަ އަށް ފުރަމޭގެ ބައެއް ހަދިޔާކުރަން ދޭވަނަންދޫ ބޭނުންވި އެވެ. އަދި ކެރެލާ ހައި ކޯޓަށް މި މައްސަލަ ހުށަހަޅައި ކޯޓުން ހާއްސަ ހުއްދައަކަށް އެދުނެވެ.
ދޭވަނަންދޫ އޭނާގެ 38 އަހަރުގެ ބައްޕަ ޕްރަތީޝް އަށް ފުރަމޭގެ ބައެއް ހަދިޔާކުރީ ހައި ކޯޓުން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
މި ސާޖަރީ ހަދާފައިވަނީ ކޯޗީގެ ރާޖަގިރީ ހޮސްޕިޓަލުގައި މި މަހުގެ ނުވަވަނަ ދުވަހު އެވެ.
ސާޖަރީ އަށް ފަހު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާޖަރީ ހައްދަވައިދެއްވީ އެ ހޮސްޕިޓަލުގެ ޗީފް އޮފް މަލްޓި-އޯގަން ޓްރާންސްޕްލާންޓް ސާވިސަސް ޑރ. ރާމަޗަންދްރަން ނާރާޔަން މެނޮން އާއި ޓްރާންސްޕްލާންޓް ސާޖަނުންނާއި ޓްރާންސްޕްލާންޓް އެނަސްތެޓިސްޓުންގެ ޓީމަކުން ކަމަށެވެ.
ދޭވަނަންދޫ އޭނާގެ ބައްޕަގެ ފުރާނަ ސަލާމަތްކުރަން މިވީ ގުރުބާނީގެ އަގު ވަޒަންކޮށް އެ ހޮސްޕިޓަލުން ވަނީ ޑޯނާ ސާޖަރީ އާއި ދޭވަނަންދޫއަށް ބޭނުންވާ ހުރިހާ ބޭސް ފަރުވާއެއް ހިލޭ ކޮށްދީފަ އެވެ.