ލައިފްސްޓައިލް

އަންހެނަކު ބުނަނީ ފިރިމީހާ ވަރިކުރީ މޫނުގައި އިސްތަށިފަޅާތީ ކަމަށް

އިންޑިއާގެ ޕަންޖާބު އަންހެނަކު މިހާރު ބަލާ ބެލުމަށް ހީވަނީ ފިރިހެނެއް ހެނެވެ. ސަބަބަކީ އޭނާގެ ބޮޑު ތުނބުޅި އަކާއި މަތިމަހެއް ހުރީމަ އެވެ. އަންހެންމީހާ ބުނި ގޮތުގައި އޭނާގެ މޫނުގައި އާދަޔާހިލާފު ބޯކޮށް އިސްތަށިފަޅަން ފެށީ ކުއްލިއަކަށެވެ. އަދި ތުނބުޅި އާއި މަތިމަސް ފެޅުމުން ފިރިމީހާ އޭނާ ވަރިކޮށްލައިފި އެވެ. އެހެންވެ މިހާރު އޭނާ ކޮންމެހެން މޫނުމަތީގައި ހުރި އިސްތަށީތައް ފޮރުވާކަށް މަސައްކަތެއް ނުކުރެ އެވެ. ތުނބުޅި އާއި މަތިމަހަކީ އޭނާގެ އެންމެ ރީތި ސިފަ ކަމަށް މި އަންހެންމީހާ މިހާރު ގަބޫލު ކުރެ އެވެ.

މަންދީޕް ކޯރު ކައިވެނިކުރީ 2012 ވަނަ އަހަރު އެވެ. އަދި ފިރިމީހާ އާއެކު އުފާވެރި ދުވަސްތަކެއް އޭނާ ހޭދަކުރަމުން ދިޔަ އެވެ. އޭރު އޭނާގެ މޫނު ހުރީ އޮމާން ކޮށެވެ. އިސްތަށީގެ އަސަރެއް ވެސް ނެތެވެ.

އެންމެ ފުރަތަމަ އިސްތައްޓެއް ދައްކާލީ އޭނާގެ ދަތްދޮޅިންނެވެ. އަދި މަޑުމަޑުން ކޮލުގައި ވެސް އިސްތަށި ފަޅަން ފެށި އެވެ. އެހިސާބުން އޭނާގެ ކައިވެނިގެ ހަޔާތް އެކޮޅުކޮޅުން ޖެހުނެވެ. ކިތަންމެ ވަރަކަށް އިސްތަށި ފޮރުވަން އުޅުނަސް ދެން އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. ފިރިމީހާ އެންމެ ފަހުން އޭނާ ދެކެ ފޫހިވެ ވަރިކޮށްލީ އެވެ. މިކަމާ ވީ ދެރައިން ހިތާމައިގެ ކަނޑަކަށް މަންދީޕް ޣަރަގުވިއެވެ.

އޭނާއަށް ގުދުރަތީ ގޮތުން މިއައި ބަދަލު މަންދީޕް މިހާރު ހުރީ ހިތުން ރުހުމުން ގަބޫލުކޮށްގެންނެވެ. އަދި އޭނާގެ ހަށިގަނޑު ދެކެ އޭނާ މިހާރު ލޯބިވެ އެވެ. އަދި އޭނާގެ ސިފައަށް ގަދަރުކުރަން ޚުދް އޭނާ ވަނީ ދަސްކޮށްފަ އެވެ. އަދި މިހާރު ކޮންމެހެން މޫނުގައި ހުރި އިސްތަށިތައް ބާލާ އޮމާންކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

މިހާރު އޭނާ ހުންނަނީ ބިޔަ ބޮޑު ތުނބުޅިއެއް ލާފައި ބޮލުގައި ފަގުޑި އަޅާފަ އެވެ. މި ސިފައިގައި އޭނާ ފެންނައިރު އެއީ އަންހެނެއް ކަމަކަށް އެކަކަށް ވެސް ގަބޫލެއް ނުކުރެވޭނެ އެވެ. އެގޮތް އޭނާއަށް މިހާރު މާ ރަނގަޅެވެ.

މަންދީޕްގެ މިހާރުގެ މަސައްކަތަކީ އެއްބަނޑު އެއްބަފާ މީހުންނާއެކު ދަނޑުވެރިކަން ކުރުމެވެ.

މަންދީޕް ފަދައިން ކުއްލިއަކަށް މޫނުގައި މާގިނައިން އިސްތަށި ފަޅައިގެން އެކަން ހައްލު ނުކުރެވިގެން އުޅޭ އަންހެނުން މަދުން ނަމަވެސް ފެނެ އެވެ. އެގޮތުން އިނގިރޭސި ވިލާތުގައި ދިރިއުޅޭ ހަރްނާމް ކޯރު އަކީ ވެސް މި ގޮތަށް މުޅި މޫނުގައި އިސްތަށި ފަޅާފައި ހުރި މީހެކެވެ. އޭނާއަށް މި މައްސަލަ ދިމާވީ ޕޮލިސިސްޓިކް އޯވަރީ ސިންދްރޯމް ނުވަތަ ޕީސީއޯއެސްގެ ސަބަބުންނެވެ. މިއީ އަންހެނުންގެ ހޯމޯން ލެވެލް އަށް ކުރާ ނޭދެވޭ އަސަރުތަކަކުން ޖެހޭ ބައްޔެކެވެ. ހަރްނާމްގެ މޫނުގައި އިސްތަށިފަޅަން ފެށީ އުމުރުން 11 އަހަރުގަ އެވެ.

މި މައްސަލަ ދިމާވާން ފެށުމުން ހަރްނާމް ކޮންމެ ދެ ތިން ދުވަހުން އެއް ދުވަހު ސެލޫނަށް ގޮސް މޫނުގައި ހުރި އިސްތަށިތައް ސާފުކޮށް ފޭޝަލް ހަދާ އުޅުނެވެ. ނަމަވެސް މިއީ ކުރެވޭ ވަރުގެ ކަމެއް ކަމަކަށް ނުވެގެން އެންމެ ފަހުން އެ ކަން ކުރުން ހުއްޓާލީ އެވެ. މިކަމާ ހެދި ސްކޫލް ދުވަސްވަރު އޭނާ އަށް ބުލީގެ މައްސަލަތައް ވެސް ވަރަށް ބޮޑަށް ކުރިމަތިވީ ކަމަށް ހަރްނާމް ބުންޏެވެ.