އިންޑިޔާގެ ވެސްޓް ބެންގާލްގެ ޝާންތިޕޫރް ޖެނެރަލް ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ޕަވިތުރަ ބިޔާޕަރީ ދާދިފަހުން ވަރަށް އާދަޔާހިލާފު ސާޖަރީއެއް ވަނީ ހައްދަވާފަ އެވެ. މިފަދަ ސާޖަރީއެއް ހެދުމުގެ ފުރުސަތު ޑޮކްޓަރުންނަށް ލިބެނީ ހާލަކުން ފަހަރަކު އެވެ. ޑރ. ބިޔާޕަރީ ހެއްދެވި ސާޖަރީ އަކީ މާބަނޑު މީހެއްގެ ބަނޑުގައި އޮތް އެއްމާބަނޑު ދެބެން ނަގަން ހެއްދެވި ސާޖަރީ އެކެވެ.
މި ސާޖަރީ އެހާ ހާއްސަ ކަމަކަށްވީ މާބަނޑު މީހާގެ ޔުޓެރަސް އެހެން މީހުންނާ ތަފާތު ގޮތަކަށް ހުރީމަ އެވެ. އޭނާގެ ހުރީ ބައިޕާޓައިޓް ޔޫޓެރަސް އެކެވެ. އެމީހާ އުފަންވީއިރުވެސް އޭނާގެ ރަހިމު އިނީ ދެބަޔަކަށެވެ. ނަމަވެސް ރަހިމުގެ އަނގަ އިނީ އެކައްޗެއްގެ ގޮތުގަ އެވެ. އޭނާގެ ބަނޑުގައި ތިބި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކު އިނީ ވަކި ބައެއްގަ އެވެ. މިގޮތަށް ރަހިމު އިނުމާއި ރަހިމުގެ ދެބައިގައި ދެ ކުދިން ގަރުބަގަނެ ވިހެއުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ އަޖައިބެއް ކަހަލަ ހާލަތެކެވެ.
ބައިޕާޓައިސް ޔޫޓެރަސް އާ އެކު އުފަންވަނީ ވަރަށް މަދު އަންހެނެކެވެ. ދުނިޔެއިން މިހާތަނަށް ފެނިފައިވަނީ މިފަދަ 18 މީހުންނެވެ. މީގެ ތެރެއިން ތިން މީހުން ފެނިފައިވަނީ އިންޑިޔާ އިންނެވެ. އަދި ވެސްޓް ބެންގާލް އިން ފެނުނު މިއީ ދެ ވަނަ މީހާ އެވެ.
އަންހެނެއްގެ އިނީ ބައިކޯނުއޭޓް ޔުޓެރަސް އެކޭ ބުނެފިނަމަ މާނައަކީ އޭނާގެ ރަހިމު އިނީ ހިތެއްގެ ބައްޓަމަށް ކަމަށެވެ. އަދި ބައިޕާޓައިޓް ޔުޓެރަސް އެއް ނަމަ މާނައަކީ އެތެރެއިން ދެބައިވެފައި އިން ރަހިމެއް ކަމެވެ.
ރަހިމަކީ އަންހެނުންގެ ހަށިގަނޑުގައި ދަރިން ހެދިބޮޑުވެ ވިހަންދެން ރައްކާކޮށްގެން ގެންގުޅޭ އޯގަން އެވެ.
ބަލިވެ އިންނަ އަންހެންމީހާގެ ރަހިމުގެ ބައްޓަމަކީ އޭނާގެ ބަނޑުގައި ގަރުބަގަންނަ ކުއްޖާގެ ހެދިބޮޑުވުމާއި ވިހެއުމަށް ވަރަށް މުހިއްމު އެއްޗެކެވެ. ސަބަބަކީ އެ ތުއްތު ކުއްޖާއަށް ރަހިމުގައި އޮވެވޭނީ އެ ރަހިމުގެ ބައްޓަން ހުރި ގޮތަކަށް ކަމަށް ވާތީ އެވެ. ރަހިމުގެ ބައްޓަމަށް އެކި ބަދަލުތައް އައުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. ތިން ޕަސެންޓް އަންހެނުން އުފަންވާއިރު ރަހިމުގައި ކޮންމެވެސް އައިބެއް ހުރެ އެވެ. އެއީ ސައިޒާއި ޝޭޕް ނުވަތަ އޮނިގަނޑުގައި ހުންނަ އައިބެވެ.
މިފަހަރު ސާޖަރީ ހެދި މާބަނޑުމީހާ އަރްޕިތާ މޮންޑަލް ބުނި ގޮތުގައި އޭނާ ގަވާއިދުން ދައްކަމުން ދިޔައީ ކަލްކަތާގެ ރާޖަރްހަތް ހޮސްޕިޓަލުގެ ޑޮކްޓަރަކަށެވެ. ނަމަވެސް އޭނާގެ ރަހިމު އިން ގޮތަށް އެ ޑޮކްޓަރަށް ސިޒޭރިއަން ހަދަން ނުކެރިގެން ކަލްޔާނީ ހޮސްޕިޓަލަށް ދިއުމަށް އިރުޝާދު ދެއްވި އެވެ. ނަމަވެސް އެ ތަން މާ ދުރުކަމުން ޝާންތިޕޫރް ހޮސްޕިޓަލަށް ގޮސް ޑރ. ބަޔަޕްރީ އަށް ދެއްކި ކަމަށް އަރްޕިތާ ބުންޏެވެ.
އާއްމު ސާޖަރީތަކަށް ވުރެ އަރްޕިތާގެ ސާޖަރީ ނުރައްކާ ބޮޑެވެ. އެހެންވެ ބްލަޑް ބޭންކްގެ ސްޓާފުންނާއި ހޭނައްތާ ޑޮކްޓަރުން ވަނީ މި ސާޖަރީ އަށް ހާއްސަކޮށް ތައްޔާރުވެފަ އެވެ. ނަސީބަކުން ސާޖަރީގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. އަދި އެއްމާބަނޑު ދެ ފިރިހެން ދަރިންނާއި އެ ކުދިންގެ މަންމަގެ ހާލު ވެސް ރަނގަޅުކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.