ލައިފްސްޓައިލް

ބެންގަލޫރުން އައިވީއެފް ހެދި ސްވިޒަލެންޑް މީހަކަށް ބަދަލުދޭން ޖެހިއްޖެ

ދަރިމައިވުމުގެ މައްސަލަތަކެއް ކުރިމަތިވެ އައިވީއެފް ފަރުވާ ހޯދަން އިންޑިޔާގެ ބެންގަލޫރޫގެ ހޮސްޕިޓަލަކަށް ދިޔަ ސްވިޒަލެންޑް އަންހެނަކަށް ވީ ގެއްލުމުގެ ބަދަލު ދޭން އެ ހޮސްޕިޓަލަށް ޖެހިއްޖެ އެވެ.

ސިޓީ ހޮސްޕިޓަލަށް ދިޔަ މި އަންހެންމީހާގެ ސާމްޕަލް ތައްޔާރުކުރި ލެބޯރެޓަރީން ފަރުވާ ކުޑަކުރުމުގެ ސަބަބުން އައިވީއެފް ހަދަން ފިޓް ނޫން ސާމްޕަލް އަކަށް އަންހެންމީހާގެ ސާމްޕަލްވެ އެމީހާގެ ހިތް ކުދިކުދިވި އެވެ.

މިކަން މިގޮތަށް ދިމާވުމުން އަންހެންމީހާ އެނބުރި އިންޑިޔާއަށް އައިސް އައިވީއެފް ފަރުވާ ހޯދާއިރު ހިލޭ ހުރިހާ ކަމެއް ކޮށްދޭން ހޮސްޕިޓަލުން ހުށަހެޅި އެވެ. ނަމަވެސް އަންހެންމީހާ އެގޮތް ގަބޫލުނުކޮށް ބެންގަލޫރު ކޮންސިއުމާ ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

މި މައްސަލަ ނިމިފައިވަނީ އަންހެންމީހާ އާ އެއްކޮޅަށެވެ. އަދި އަންހެންމީހާ ސްވިޒަލެންޑުން އިންޑީޔާ އަށް ދިއުމަށް ދަތުރުކުރި ޓިކެޓްގެ ރިފަންޑާއި އޭނާއަށް ވީ ގެއްލުމުގެ ބަދަލުގައި 35000 ރުޕީސް ދޭން ވެސް ކޯޓުން ވަނީ އަންގާފަ އެވެ.

އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓްގައި އޮންނަ ޗިއްކަބައްލައްޕޫރަށް ނިސްބަތްވާ މި އަންހެންމީހާ ސްވިޒަލެންޑް މީހަކާ ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅެން ފަށާފައިވަނީ 2011 ގައެވެ. ކައިވެންޏަށް 12 އަހަރު ފާއިތުވީއިރު ވެސް އެމީހާ ގުދުރަތީ ގޮތުން ބަލިވެ އިނދެ ދަރިއަކު ނުލިބިގެން އައިވީއެފް ފަރުވާ ހޯދަން ފެށީ އެވެ. ފުރަތަމަ އޭނާ ފަރުވާ ހޯދީ ސްވިޒަލެންޑްގެ ހޮސްޕިޓަލަކުންނެވެ. ނަމަވެސް އައިވީއެފް ހަދައިގެން ފެއިލްވުމުން އިންޑިޔާގައި ހުރި އަންހެންމީހާގެ ރައްޓެހި ޑޮކްޓަރެއްގެ ލަފާގެ މަތިން ބެންގަލޫރޫ ހޮސްޕިޓަލުން އައިވީއެފް ހަދަން ނިންމީ އެވެ.

އެމީހާ ބެންގަލޫރޫއަށް އައީ 2018ގެ މާޗްގަ އެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން ހޮސްޕިޓަލުގައި އެޑްމިޓްވި އެވެ. ޕްރޮސީޖާ ނިމުމަށްފަހު ގެއަށް ދޫކޮށްލުމުން އަންހެންމީހާ އެނބުރި ސްވިޒަލެންޑަށް ދިޔައީ އެވެ. އެފަހަރު އޭނާ 43،839 ރުޕީސް މިކަމަށް ޚަރަދުކުރި އެވެ.

ހޮސްޕިޓަލުން އަންހެންމީހާ އާއި އޭނާގެ ފިރިމީހާއަށް އެންގީ 10 ދުވަސް ތެރޭގައި ނަތީޖާ ފޮނުވާނެ ކަމަށެވެ.
އޭގެ ދެތިން ހަތަރު ދުވަހެއް ފަހުން އަންހެންމީހާގެ ފިރިމީހާއަށް ހޮސްޕިޓަލުން ގުޅި އެވެ. އަދި ލެބޯޓްރީގެ އިހުމާލުން އަންހެންމީހާގެ ސާމްޕަލް ހަލާކުވެފައިވާތީ ޓެސްޓްކުރަން ފިޓް ނޫން ކަމަށް ބުންޏެވެ. މިކަމަށް ޑޮކްޓަރު ވަނީ އެ ދެމަފިރިން ކިބައިން ވަރަށް ބޮޑަށް މައާފަށް އެދިފަ އެވެ. އަދި ހޮސްޕިޓަލުގެ އިސް ފަރާތްތަކާ ގުޅައިގެން އަންހެންމީހާގެ ޕްރޮސީޖާ ހިލޭ ހެދޭނެ ގޮތް ހަމަޖައްސައިދޭން މަސައްކަތް ކުރާ ކަމަށް ޑޮކްޓަރު އެ ދެމަފިރިން ކައިރީ ބުންޏެވެ.

ނަމަވެސް މި ދެމަފިރިން އެކަމާ އެއްބަސްނުވެ ކޯޓަށް މައްސަލަ ހުށަހެޅީ އެވެ. ކޯޓުގައި ހޮސްޕިޓަލުން ބުނެފައިވަނީ އަންހެންމީހާ ދައްކަނީ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. ނަމަވެސް އަންހެންމީހާ ސްވިޒަލެންޑުން ބެންގަލޫރަށް ދިޔައީ އެމްބްރިޔޯ (ދަރިފަނި) ޓްރާންސްފާ ކުރަން ކަމަށް ހޮސްޕިޓަލުން އެއްބަސްވި އެވެ.

އަންހެންމީހާގެ ޓެސްޓްތައް ހަދަނިކޮށް އޭނާގެ ދަރިމައިވުމުގެ ނިޒާމުގެ ވަކި ހިސާބެއްގައި އުފެދިފައިވާ މަސްކޮޅެއް އިންކަން އެނގިގެން ޑޮކްޓަރުން ފުރަތަމަ ސާޖަރީ ހަދައި އެ މަސްކޮޅު ނަގައި ބައޮޕްސީ ހަދަން ފޮނުވީ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ނަމަވެސް ބައޮޕްސީ ސާމްޕަލް ރައްކާކުރި ގޮތުން އެ ޓެސްޓް ކުރަން ކަމުނުދާ އެއްޗަކަށްވެ އެކަން ކުރެވޭ ގޮތް ނުވީ އެވެ.

ހޮސްޕިޓަލުން ކޯޓުގައި ބުނީ އެދެމަފިރިންނަށް ގުޅާފައި ޑޮކްޓަރު ބުނީ އެ ވާހަކަ ކަމަށާއި އަލުން ބައޮޕްސީ ސާމްޕަލް އެއް ނަގަން ޖެހޭތީ އެ ޕްރޮސީޖާ ހިލޭ ހެދޭ ގޮތް ހަމަޖައްސައިދޭނެ ކަމަށް ކަމަށެވެ. ނަމަވެސް ޓިކެޓުގެ ރިފަންޑާއި އެހެނިހެން ޚަރަދުތައް ހޮސްޕިޓަލުން ނުކޮށްދޭނެކަމަށް ބުނުމުން ދެމަފިރިން ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

މި މައްސަލަ ކޯޓުން ނިންމާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ކޮންމެ ގޮތެއް ވިޔަސް މިކަމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތްކަން ސާބިތުވާ ކަމަށެވެ. އެހެންވެ އެމީހާގެ ޓިކެޓްގެ ރިފަންޑަށް ވާ ފައިސާ ދިނުމަށާއި އޭނާގެ ޕްރޮސީޖާ ހިލޭ ހަދައިދިނުމުގެ އިތުރުން އެމީހާއަށް މި ކަންތައްތަކުގެ ސަބަބުން ލިބުނު ނަފްސާނީ އުނދަގޫތަކުގެ ބަދަލެއްގެ ގޮތުން 25،000 ރުޕީސް އާއި ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން ހިނގި ޚަރަދުތަކަށް އިތުރު 10،000 ރުޕީސް ދިނުމަށެވެ.