އިންޑިއާގެ ޓެމިލް ނާޑޫގެ ސާލެމް ޑިސްޓްރިކްޓްގައި ދިރިއުޅޭ މީހަކަށް ވަރަށް ބަދުނަސީބުގޮތެއް ދިމާވެއްޖެ އެވެ.
އޭނާއަށް ދިމާވި މައްސަލައަކީ ކަރުގައި ޕާންކޮޅެއް ތާށިވެ ނޭވާ ހާސްވުމެވެ. އަދި ޕާންކޮޅުގެ ސަބަބުން ނޭވާ ނުލެވި މި މީހާ ވަނީ މަރުވެފަ އެވެ.
އެމް. ހަރީހަރަން ނަމަކަށް ކިޔާ 21 އަހަރުގެ މި ޒުވާނާ އަކީ ބޮޑީ ބިލްޑަރެކެވެ. އަދި މި ހާދިސާ ދިމާވިއިރުވެސް އޭނާ ގެންދިޔައީ ސްޓޭޓް ލެވެލްގައި ބާއްވާ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕަކަށް ތައްޔާރުވަމުންނެވެ. އޭނާ ވާދަކުރަން އޮތީ 80 ކިލޯ ކެޓަގަރީގަ އެވެ.
މި ހާދިސާ ދިމާވީ ހަރީހަރަން ހެނދުނުގެ ސައި ބޯން އިންދަ އެވެ. އޭނާ ސައިބޯން ފެށީވެސް ޖިމްގައި ކަސްރަތުކުރަން ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު ވޯކްއައުޓް ސެޝަން ނިންމާފައި ގޮހެވެ.
ކާ އެއްޗެތި ދިރުވާ ގަޑީގައި ބައެއް ފަހަރަށް އޭގެން އެތިކޮޅެއް ކަރުގެ ވަކި ހިސާބެއްގައި ނުވަތަ ވައިނޮޅީގައި ތާށިވާ ގޮތް ދިމާވެ އެވެ. މިގޮތަށް އެއްޗެއް ތާށިވެ އެ ހޮޅިން ވައި ދައުރުވުން ބަންދުވެއްޖެނަމަ ފުރާނައަށް ނުރައްކާވެ އެވެ. ސަބަބަކީ މިފަދަ ހާލަތުގައި ސިކުނޑިއަށް އޮކްސިޖަން ފޮނުވައިދިނުން ހުއްޓޭތީ އެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މިގޮތަށް ގިނަ ފަހަރު ދިމާވަނީ ކާ ވަގުތުގައި ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން ކާ އެއްޗެހި ތާށިވެގެންނެވެ. މިގޮތަށް ކަރުގައި ކާއެއްޗެތި ތާށިވެ ނޭވާ ނުލެވުމަށް އެފްބީއޭއޯ (ފުޑް ބޮޑީ އެއާވޭ ކޮންސްޓްރަކްޝަން) އޭ ކިޔަ އެވެ.
ކުއްލިއަކަށް މީހަކު ނޭވާ ނުލެވިގެން ތެޅިގަނެފިނަމަ ހާއްސަކޮށް އެއްޗެއް ކާން އިން މީހަކަށް ކަރު ތެރޭގައި އެއްޗެއް ތާށިވެގެން ނޭވާ ނުލެވިގެން އުޅޭތަން ފެނިއްޖެނަމަ އޭނާއަށް ދިމާވީ މިފަދަ މައްސަލައެއް ކަމަށް ބެލިދާނެ އެވެ. އަދި ނޭވާ ނުލެވިގެން ތެޅިތެޅިފައި ކުއްލިއަކަށް ހަރަކާތް ހުއްޓީއްޖެނަމަ އޭނާގެ ކަރުގައި ތާށިވެފައިވާ އެއްޗެއްގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން ފޮނުވައި ނުދެނީ ކަމަށް ނިންމިދާނެ އެވެ. އަދި މޫނު ފަނޑުވެ ނޭވާލާއިރު ޒާތެއް އަޑެއް ނުކުންނަނަމަ އެއީ ހަމަ ޔަގީނުން ވެސް މިފަދަ ކަމެކެވެ. އަދި މިގޮތަށް ޚަބަރު ހުސްވެގެން ވެއްޓިފައި އޮންނަ މީހާގެ ކަރުބުޑުގައި އެއްޗެއް ތާށިވެފައި އޮތީ ކަމަށް ބަލައި ވަގުތުން އެމީހާއަށް އެހީތެރިވެވޭތޯ މަސައްކަތް ކުރަން ޖެހޭނެ އެވެ.
މިފަދަ ކަމެއް މީހަކަށް ދިމާވެއްޖެނަމަ ހަދާނީ ކިހިނެއް
މިފަދަ މީހުންނަށް އެބްޑޯމިނަލް ތުރަސްޓްސް ނުވަތަ ހައިމްލިކް މެނިއުވާ ހަދަން ޖެހޭނެ އެވެ. މިއީ އެމީހާ ކޮޅަށް ނަގައި އޭނާގެ ފަހަތުގައި ހުރެގެން އެމީހާގެ ކިހިލިފަތްދަށުން އަތް ނެރި މޭކަށިގަނޑާ ދިމާލުގައި ދެއަތުން ބައްދާފައި ކުއްލިއަކަށް ބާރަށް ފިއްތާލުން ނުވަތަ ޖަހާލައިގެން ދޭ ފަރުވާ އެކެވެ. މިގޮތަށް ފިއްތާލުމުން ވަރަށް ފަސޭހައިން އެމީހާގެ ކަރުގައި ތާށިވެފައި އޮތް އެއްޗެއް ވިއްޔާ ހޮޑަށް ލެވޭނެ އެވެ. ހިތް ހުއްޓޭ މީހުންނަށް ސީޕީއާރް ދޭން ދަސްކުރަން ޖެހޭ ގޮތަށް މިއީ ވެސް މީހުން ދަސްކުރުން މުހިއްމު ކަމެކެވެ.
މިގޮތަށް ކަރުގައި އެއްޗެއް ތާށިވެގެން އުޅޭ މީހެއް ނުވަތަ ކުއްޖެއް ފެނިއްޖެނަމަ އޭނާއާ ސުވާލުތައް ކުރަން ނުހަދާށެވެ. އެ ވަގުތު އޭނާއަށް ވާހަކަ ދައްކާކަށް ފަސޭޙައެއް ނުވާނެ އެވެ. އަދި އޭނާގެ ކަރުބުޑަށް އަތް ކޮއްޕައިގެން ތާށިވެފައިވާ އެއްޗެއް ނުވަތަ ހޮޑުލައްވަން މަސައްކަތް ނުކުރާށެވެ. އަދި މޭކަށިގަނޑުގައި މާބާރަށް ޖަހާ ފިއްތާ ނުހަދާށެވެ. ވަރަށް ފަސޭހައިން އެކަށިތައް ބިނދިދާނެ އެވެ. އަދި ކުޑަކުދިންނަށް މިގޮތަށް ދިމާވުމުން ބައެއް މީހުން އެކުދިން އެކޮޅުކޮޅުން އެލުވާ ހަދަ އެވެ. މިއީ ވެސް ކުއްޖާގެ ފުރާނައަށް ގެއްލުން ވެދާނެ ކަމެކެވެ. މިކަމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ އެބްޑޯމިނަލް ތުރަސްޓްސް ނުވަތަ ހައިމްލިކް މެނިއުވާ އެވެ.
ކާއިރު ކާއެއްޗެތި ކަރުގައި ތާށިވާން ދިމާވާ މައިގަނޑު އެއް ސަބަބަކީ ރަނގަޅަށް ނުހަފާ ދިރުވުމެވެ. އަދި ފަރުވާ ކުޑަކޮށް ކެއުމެވެ. ނުވަތަ މާއަވަސް އަރުވާލައިގެން ކާން އުޅުމެވެ. ކުޑަކުދިންގެ ކަރުގައި އެންމެ ގިނައިން ތާށިވަނީ މެޓާ ފަދަ ތަކެއްޗެވެ. އަދި ކުދިކުދި ޓޯއީ އާއި ފޮހޭރަބަރު، ތަންކޮޅެއް ބޮޑުކޮށް އޮންނަ މޭވާ ކޮޅުކޮޅު ވެސް ކާން ދިނުމުން ތާށިވެ އެވެ. ޗެރީ ޓޮމާޓޯ އާއި މޭބިސްކަދުރު، ބަދަން އަދި ވައް ބައްޓަމަށް ހުންނަ އެކި އެއްޗެހި ވެސް ތާށިވަނީ މަދެއްކޮށް ނޫނެވެ.