ލައިފްސްޓައިލް

ދަރިފުޅު މަރުނުވާ ކަމަށް ބައްޕަގެ ހިތް ބުނީ ހަމަ ރަނގަޅަށް

އިންޑިއާގެ އޮޑީޝާގައި މީގެ ދެތިން ދުވަސް ކުރިން ހިނގި ނުރައްކާތެރި ރޭލް އެކްސިޑެންޓުގައި 275 މީހުން މަރުވެ 1100 އަށް ވުރެ ގިނަ މީހުން ވަރަށް ބޮޑަށް ޒަޚަމް ވެފައި ވެއެވެ. އެކްސްޕްރެސް ދެ ރޭލާއި މުދާ އުފުލާ ރޭލެއް ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން ރޭލުތަކުގެ ކޮމްޕާޓްމަންޓްތައް އެކޮޅުކޮޅުން ޖެހި މީހުންތައް ޗިސްޗިސްވެ މަރުވި ބައެއް މީހުން ސިފަ ވެސް ވަކި ނުވެ އެވެ. އަދި ފުނޑުފުނޑުވީލެއް ބޮޑުކަމުން ގެއްލުނު ކަމަށް ނިންމާފައިވާ މީހުން ވެސް އެހާ ގިނަ އެވެ.

ރޭލުގެ އެކްސިޑެންޓުގެ ޚަބަރާއެކު އެ ރޭލުން ދަތުރުކުރި ހާހަކަށް ވުރެ ގިނަ މީހުންގެ އާއިލާތަކުން ތެޅިފޮޅިގަތީ އެމީހުންގެ އާއިލާގެ މީހުންގެ ޚަބަރެއް ހޯދާށެވެ.

ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އިތުރުން ގެއްލިފައިވާ އެތައް ބަޔަކު ވެސް ތިބުމާއެކު އެމީހުންގެ އާއިލާތަކުން ކެތްތެރިކަމެއް ނެތި އެމީހުން ފެނޭތޯ އެކްސިޑެންޓްވީ ސަރަހައްދު އަތްފުނާ އަޅަމުން ގެންގޮސްފައި ވެއެވެ.

އެކްސިޑެންޓްގައި އެންމެ ބޮޑަށް ޒަޚަމްވީ މީހުންގެ ތެރޭގައި 24 އަހަރުގެ ބިސްވަޖީތު މަލިކު ހިމެނެ އެވެ. ރޭލު އެކްސިޑެންޓުގެ ޚަބަރު ލިބުމުން އޭނާގެ ބައްޕަ ބިސްވަޖީތުގެ ފޯނަށް ގުޅުމުން އޭނާއަށް ވަރަށް ހާލުން ދެތިން އެއްޗެއް ބުނެވުނެވެ. އެހިސާބުން އޭނާގެ ޚަބަރެއް އިތުރަކަށް ނުވި އެވެ.

ބިސްވަޖީތުގެ ބައްޕަ ހެލަރާމް މަލިކް ދިރިއުޅެނީ އެކްސިޑެންޓް ހިނގިތަނާ 230 ކިލޯމީޓަރު ދުރުގައިވާ ކޮލްކަތާގެ އަވަށެއްގަ އެވެ. ވަގުތުން ބިސްވަޖީތުގެ ބައްޕަ އޭނާގެ ޅިޔަނަކާއެކު އެމްބިއުލެންސެއްގައި އޮޑީޝާ އަށް ދަތުރު ފެށި އެވެ.

މަލިކްގެ ހިތް ބުނަނީ އޭނާގެ ދަރިފުޅު މަރުނުވާ ކަމަށެވެ. އެމީހުންނަށް އޮޑީޝާގެ ބާލްސޯރް އަށް ދެވުމާއެކު އިތުރު ނާއުންމީދުތަކާ ކުރިމަތިވި އެވެ. ހޯދާހޯދާ ވެސް ބިސްވަޖީތު ނުފެނުނީމަ އެވެ. ވަރުބަލިކަމެއް ނެތި އެތައް އިރަކު އޭނާ ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރިނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ. އެވަރުން ވެސް އޭނާ ދަރިފުޅު ދިރިހުއްޓާ ފެނިދާނެކަމުގެ އުންމީދު ކަނޑައި ނުލައި ދަރިފުޅު ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރި އެވެ. ހޮސްޕިޓަލުތަކާއި އެކްސިޑެންޓްވީ ސަރަހައްދުގައި އަތްފުނާއެޅި އެވެ.

އެގޮތަށް ހޯދަމުން ހޯދަމުން ގޮސް އެންމެ ފަހުން މަރުވެފައި ތިބި މީހުން ބައިތިއްބާ ތަނަށް މަލިކު ދިޔަ އެވެ. އެއީ ވަގުތީ ގޮތުން ގަބުރުކޮށާރަކަށް ހަދާފައިވާ ހައި ސްކޫލެކެވެ. އެތަނުގައި މަރުވެފައިވާ އެތައް ސަތޭކަ މީހުންނެއްގެ ގަބުރުތައް ފުންޏަކަށް ޖަހާފައި އޮތެވެ.

މަލިކު މި ގަބުރުތަކުގެ ތެރެއިން އޭނާގެ ދަރިފުޅު ފެނޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ގަބުރު ފުންޏެއްގެ ތެރެއިން އަތެއް ތެޅޭތަން އޭނާއަށް ފެނުނެވެ. އެ ވަގުތު އެމީހުންނަށް ފެނުނީ ބިސްވަޖީތުގެ އަތް ތެޅޭ ތަނެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. ނަމަވެސް ފުރާނަ ހުއްޓެވެ.

ވަގުތުން މަލިކު އޭނާގެ ދަރިފުޅު ނަގައިގެން ބަލަސޯރުގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށީ އެވެ. ނަމަވެސް ކުޓަކް މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ގެންދަން ޑޮކްޓަރުން ލަފާ ދިނުމުން އެ ތަނަށް ނުގެންގޮސް އަމިއްލަ ރަށުގެ ހޮސްޕިޓަލަށް ދަރިފުޅު ގެންދަން މަލިކު ނިންމި އެވެ.

މަލިކުގެ ދަރިފުޅު ހޮސްޕިޓަލުން ދޫކުރީ އޭނާ ގެންދިއުމުން ލިބޭ ގެއްލުމެއްގެ ޒިންމާ ބައްޕަ ބޮލުގައި އަޅަން ސޮއިކުރީމަ އެވެ.

މަލިކު ދަރިފުޅު ގޮވައިގެން އެމްބިއުލެންސްގައި ދަތުރުފަށައި ކޮލްކަތާއަށް ގޮސް އެސްއެސްކޭއެމް ހޮސްޕިޓަލުގައި ސާޖަރީ ހަދައި ޓްރޯމާ ކެއާ ޔުނިޓުގައި މިހާރު އޭނާއަށް ފަރުވާ ދެމުން އެބަ ގެންދެ އެވެ. މަލިކުގެ ދަރިފުޅުގެ ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި ފުރާނައަށް ނުރައްކާވެފައި ވިޔަސް އޭނާ ސަލާމަތްވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަން ޑޮކްޓަރުންނަށް އެބައޮތެވެ.

މިއީ ބައްޕައަކު އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ކުރި ހިތްވަރުގަދަ މަސައްކަތުގެ ލާމަސީލު މިސާލެކެވެ. ދަރިފުޅު މަރުވެއްޖެ ކަމަށް ހީކުރެވުނު ކިތަންމެ ވަގުތެއް ދިޔަ ނަމަވެސް އެ ބައްޕަގެ ހިތް ބުނަމުން ދިޔައީ ދަރިފުޅު މަރުނުވާ ކަމަށެވެ. އެހެންވެ އޭނާ ހިތްވަރާއެކު އެހުރިހާ މަސައްކަތްކުރީ ދަރިފުޅު ދިރިހުއްޓާ ފެންނާނެކަމުގެ ޔަގީންކަން އޮތް ވަރުންނެވެ.

ބިސްވަޖީތު ކޮލްކަތާ އަށް ގެންދިޔަ އެމްބިއުލެންސްގެ ޑްރައިވަރު ޕަލާޝް ޕަންޑިތު ބުނި ގޮތުގައި 230 ކިލޯ މީޓަރުގެ ދިގު ރާސްތާއަށް އެމްބިއުލެންސް ދަތުރުކުރިއިރު ބިސްވަޖީތުގެ ހޭ ވެސް ނެތް ކަމަށެވެ. އެހެންވެ އޭނާގެ ފުރާނަ ސަލާމަތް ވެދާނެ ކަމަކަށް ޑްރައިވަރަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ.

ބިސްވަޖީތު މަރުވިކަމަށް ނިންމައި ގަބުރުކޮށާރަށް ގެންދެވުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފޮރެންސިކް މެޑިސިން އެކްސްޕާޓް ސޯމްނާތު ދާސް ވިދާޅުވީ ބައެއް ފަހަރު މީހުންގެ ހަށިގަނޑު "ސަސްޕެންޑެޑް އެނިމޭޝަން" އަށް ދިއުމުން އެމީހެއްގެ ވައިޓަލް ސައިންސް ފެންނަލެއް މަދުކަމުން އޭނާ މަރުވީ ކަމަށް ބެލެވޭ ކަމަށެވެ.

ރެސްކިއު އޮޕަރޭޝަންސްގައި އުޅުނު ޓީމުތަކަށް މަރުވެފައިވާ އެތައް ސަތޭކަ މީހުންނެކޭ އެއްގޮތަށް ބިސްވަޖީތު ވެސް މަރުވެފައިވާ ކަމަށް ނިންމުނީ އެ ވަގުތު އޭނާގެ ހަށިގަނޑުން ދިރިހުރި މީހުންގެ ފެންނަ އަލާމާތްތައް ފެންނަން ނެތީމަ ނުވަތަ އެ އަލާމާތްތައް ފެންނަން ހުރިލެއް މަދުވީމަ އެކަންކަން ފާހަގަ ނުކުރެވިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.