ލައިފްސްޓައިލް

ހީޓަރުން ގޭސް ލީކުވެ އަލަތު ކައިވެނީގެ ދެމަފިރިން މަރުވެއްޖެ

އަލަށް ކައިވެނިކުރި ޒުވާން ދެމަފިރިން ކަމަށްވާ ދީޕަކް ޝާހް އާއި ޓީނާ ޝާހް އެމީހުން ދިރިއުޅޭ ގޭގެ ނިދާ ކޮޓަރީގެ ފާޚާނާ ތެރޭގައި މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.

މި ދެ މީހުން މަރުވެފައިވަނީ ފާޚާނާގައި ފެން ހޫނުކުރަން ބަހައްޓާފައި ގޭސާ (ގޭހުން ފެން ހޫނުކުރާ މެޝިނެއް) އަކުން ލީކުވި ގޭހުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

މި މީހުން ދިރިއުޅުނީ އިންޑިއާގެ މުމްބައިގެ ގާޓްކޯޕަރްގައި ހުންނަ ކުކްރޭޖާ ޓަވަރުގެ އެޕާޓްމަންޓެއްގަ އެވެ.

އެ ގޭގައި ދިރިއުޅެނީ މި ދެމަފިރިން އެކަންޏެވެ. އަދި ހައުސް ހެލްޕެއް ކޮންމެ ދުވަހަކުވެސް ކައްކާ ގޭތެރެ ސާފުކޮށް ހަދަން އާދެ އެވެ. އެމީހާ އެ ދުވަހު ވެސް ގަވާއިދުން އަންނަ ގޮތަށް އައިސް ދޮރުގެ ބެލް ޖަހާޖަހާ އެކަކުވެސް ދޮރެއް ނުހުޅުވި އެވެ. އެންމެ ފަހުން އެ މެއިޑް ދީޕަކްގެ މަންމަ އަށާއި ތިމާގެ މީހުންނަށް ގުޅުމުން އެމީހުން އައިސް ސްޕެއާ ތަޅުދަނޑިއެއް ހޯދައިގެން ދޮރު ހުޅުވައިގެން ވަދެ ބެލިއިރު ދީޕަކް އާއި އޭނާގެ އަންހެނުން އޮތީ މަރުވެގެން ފާޚާނާ ތެރެއަށް ވެއްޓިފަ އެވެ.

ފުލުހުން ބުނެފައިވަނީ މި މީހުން މަރުވެފައިވަނީ ހީޓަރުން ލީކުވި ގޭސް ނޭވާލުމުގެ ނިޒާމަށް ގޮސް ނޭވާ ހާސްވެގެން ކަމަށެވެ.

ހަމަ މިފަދަ ހާދިސާއެއް އުއްތަރު ޕްރަދޭޝްގެ ގާޒީއާބާދުގައި ވެސް ހަމަ އެ ދުވަހު ހިނގާފައި ވެއެވެ.

މި ހާދިސާގައި ވެސް މަރުވީ ދެމަފިރިންނެވެ. ދީޕަކް ގޯޔަލް، 40، އާއި އަންހެނުން ޝިލްޕީ، 36، އެ ދުވަހު ހޯލީ ކުޅެފައި (ފެނާއި ކުލައިގެ ފެސްޓިވަލް) ފެންވަރަން ފާޚާނާއަށް ވަން ގޮތަށް ޚަބަރެއް ނުވީ އެވެ. ވަރަށް ގިނަ އިރުވީއިރުވެސް އެމީހުން ފާޚާނާއިން ނުނިކުމެގެން އާއިލާގެ މީހުން ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ވަންއިރު ދެ މީހުން އޮތީ މަރުވެގެން ފާޚާނާ ތެރެއަށް ވެއްޓިފަ އެވެ.

ގޭސް ލީކުވާއިރު ނުކުންނަ ކާބަން މޮނޮކްސައިޑް އަކީ ފުރާނައަށް ވަރަށް ނުރައްކާ އެއްޗެކެވެ. މި ގޭހަށް ނޭވާ ލެވިއްޖެނަމަ ވަރަށް އަވަހަށް ނޭވާ ހާސްވެ މަރުވެ އެވެ. މިއީ އެއްވެސް ކުލައެއް ވަހެއް ނުހުންނަ ގޭހަކަށް ވާތީ މި ގޭސް ލީކުވެފައި ހުއްޓަސް މީހުންނަކަށް ފާހަގަކުރާކަށް ނޭނގެ އެވެ.

ނޭވާލާއިރު މި ގޭސް ހަށިގަނޑު ތެރެއަށް ވަދެއްޖެނަމަ ބޮލަށް އެނބުރުން އަރައި ޚަބަރު ހުސްވާގޮތް ވަރަށް ފަސޭހައިން ވެއެވެ. ފުރާނަ ސަލާމަތްކުރަން ފުރުސަތު ނުލިބެނީ އެހެންވެ އެވެ.

އިންޑިއާގެ ބައެއް ގޭގޭގެ ފާޚާނާތަކުގައި ފެން ހޫނުކުރަން ބަހައްޓާފައި ހުންނަ ހީޓަރުތަކަކީ ގޭހުން ފެން ހޫނުކުރާ އެއްޗިއްސެވެ. ފާޚާނާގައި ވެންޓިލޭޝަން ރަނގަޅު ނޫންނަމަ އަދި މި ފަދަ ގޭސް ހީޓަރު ރަނގަޅަށް މެއިންޓަނަންސް ނުކުރާނަމަ މިފަދަ ހާދިސާތައް ދިމާވެ އެވެ.